ސިޓީ އަކީ އަދި ބޮޑު ކްލަބެއް ނޫން: ގާޑިއޯލާ
ސިޓީ އަކީ އަދި ބޮޑު ކްލަބެއް ނޫން: ގާޑިއޯލާ

މެންޗެސްޓާ (މާޗް 7) - އޭނާގެ އިރުޝާދުގެ ދަށުން މެންޗެސްޓާ ސިޓީން މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އައި ނަމަވެސް އެ ޓީމަކީ އަދި ބޮޑު ކްލަބެއް ކަމަށް ދެކިގެން ނުވާނެ ކަމަށް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

ސިޓީ އަންނަނީ މި ސީޒަނުގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ. އިނގިރޭސި ލީގު ކަޕްގެ ޗެމްޕިއަންކަން އެ ޓީމުން ދާދި ފަހުން ހޯދިއިރު، އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދާނެ ކަމަށް ބެލެވެނީ ވެސް އެ ޓީމެވެ. އަދި ފުޓްބޯޅައިގެ ތަޖުރިބާކާރުން ދެކޭ ގޮތުގައި ސިޓީ އަކީ މި ފަހަރު ޗެމްޕިއަންސް ލީގުގެ ވެސް ފޭވަރިޓެކެވެ.

ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ފުރަތަމަ ލެގުގައި ސްވިޒަލެންޑުގެ ބަސެލް އަތުން ސިޓީ މޮޅުވީ 4-0 އިންނެވެ. މިރޭ އަމިއްލަ ދަނޑުގައި ދެ ވަނަ ލެގުގެ މެޗަށް ނުކުންނައިރު، ގާޑިއޯލާ އަށް ހަމަޖެހުމެއް އެބައޮތެވެ. އެއީ ބައެއް ކުޅުންތެރިންނަށް އަރާމްކުރުމުގެ ފުރުސަތު އޮތުމެވެ.

"ޗެމްޕިއަންސް ލީގުގެ ފޭވަރިޓަކަށް ވުމަކީ ޝަރަފެއް. އެއީ ސިޓީ ކަހަލަ ޓީމެއްގައި ހުރެގެން ވަރަށް މަސައްކަތް ކޮށްގެން ނޫނީ އެ ހިސާބަށް ވެސް ނުދެވޭނެ. އެއީ އަހަރެމެންނަކީ ބޮޑު ކްލަބެއް ނޫން. ބޮޑު ތާރީހެއް އަދި ލެގަސީ އެއް ވެސް ނެތް،" ގާޑިއޯލާ ބުންޏެވެ.

ގާޑިއޯލާ ބުނީ ބާސެލޯނާ އާއި ރެއާލް މެޑްރިޑް ފަދަ ޓީމުތަކާ އެއް ހަމައެއްގައި އަދި ސިޓީގެ ވާހަަކަ ނުދެއްކޭނެ ކަމަށެވެ.

"މިސާލަކަށް ބަލަމާ ޗެމްޕިއަންސް ލީގުގައި ޕީއެސްޖީ އާއި ރެއާލާ ކުޅެން ޖެހުމުން އެންމެން ނިންމައިފި ޕީއެސްޖީ މޮޅުވާނެ ކަމަށް. އެކަމަކު ވީ އެހެނެއް ނޫން. ރެއާލްގެ ނަމަކީ ވެސް މި މުބާރާތަށް ފަރިތަ ނަމެއް. އެއީ އެ ޓީމުން 12 ފަހަރު ކާމިޔާބު ކޮށްފައި އޮތީމަ. އެގޮތަށް ސިޓީ އަތުގައި ނެތް ނަމެއް. މި މަސައްކަތް ކުރަނީ ކޮންމެވެސް ވަރެއްގެ ނަމެއް ހޯދޭތޯ،" ކުރިން ބާސެލޯނާ އާއި ބަޔާން މިއުނިކަށް ކޯޗު ކޮށްދިން ގާޑިއޯލާ ބުންޏެވެ.

"މި ވަގުތު ފޯކަސް ހުރީ ކުއާޓާގެ ޖާގައެއް ހޯދަން. އެއީ މި ކްލަބްގެ ތާރީހުގައި ދެ ވަނަ ފަހަރަށް ހާސިލްކުރެވޭނެ ކަމެއް."

ސިޓީ އާއި ބަސެލް ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 00:45 ގަ އެވެ.