07 މާޗް 2018 - 08:30

ފްލޮރެންސް (މާޗް 7) – މިދިޔަ އާދީއްތަ ދުވަހު ކުއްލި ގޮތަކަށް މަރުވި އިޓަލީގެ ޑިފެންޑަރު ޑޭވިޑޭ އެސްޓޯރީ ބޭނުންކުރި 13 ނަމްބަރު ޖާޒީ މީގެ ފަހުން ބޭނުންނުކުރަން އޭނާ ކުޅެމުން އައި ފިއޮރެންޓީނާ އިން އަދި ކުރީގެ ކްލަބް ކަލިއާރީ އިން ނިންމައިފި އެވެ.
"ޑޭވިޑޭ އެސްޓޯރީގެ ހަނދާނުގެ ޝަރަފުގައި، ކަލިއާރީ އާއި ފިއޮރެންޓީނާ އިން ނިންމާފައިވަނީ 13 ނަމްބަރު ޖާޒީ ރިޓަޔާކުރަން،" ފިއޮރެންޓީނާ އިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
އުމުރުން 31 އަހަރުގެ އެސްޓޯރީ މަރުވީ އިޓާލިއަން ލީގުގައި އާދީއްތަ އުދިނޭޒީއާ ދެކޮޅަށް ކުޅުމަށްޓަކައި ފިއޮރެންޓީނާ ޓީމު ކޭމްޕްކޮށްފައިވާ ހޮޓަލުގައި ނިދާފައި އޮއްވަ އެވެ. އޭނާ މަރުވިކަން އެނގުނީ ހެނދުނު ހޭނުލައިގެން ބެލުމުން ކަމަށް ރިޕޯޓްތައް ބުނެ އެވެ.
އޮޓޮޕްސީއާ ހަވާލާދީ ރިޕޯޓްތައް ބުނާ ގޮތުގައި އޭނާ މަރުވީ ކުރިން ވެސް ބެލެވިފައިވާ ގޮތަށް ހިތް ހުއްޓިގެންނެވެ.
އެސްޓޯރީ މަރުވުމާ އެކު، މި ހަފުތާގައި ކުޅެން ހަމަޖެހިފައިވާ އިޓާލިއަން ލީގާއި އިޓަލީގެ ދެ ވަނަ ޑިވިޝަނުގެ މެޗުތައް ވަނީ ކެންސަލްކޮށްފަ އެވެ. އަންނަ ހަފުތާގައި ލީގު އަލުން ފަށާއިރު ހުރިހާ ޓީމަކުން ވެސް އެސްޓޯރީގެ ނަން ޖަހާފައިވާ ޓީޝާޓެއްގައި ދަނޑަށް އެރުމަށް ވަނީ ނިންމައިފަ އެވެ.
މީގެ އިތުރުން މި ހަފުތާގައި ކުޅޭ ޗެމްޕިއަންސް ލީގާއި ޔުރޮޕާ ލީގުގެ މެޗުތަކުގެ ކުރިން އޭނާގެ ހަނދާނުގައި ސުކޫތެއް ގެންނަން ޔުއެފާ އިން ވަނީ ނިންމައިފަ އެވެ.
އަހުލާގު ރަނގަޅު، މަޑުމައިތިރި އަދި ވަރުގަދަ ލީޑަރެއްގެ ގޮތުގައި ގިނަ ބަޔަކު ދެކޭ އެސްޓޯރީގެ މަރުވީ ފިއޮރެންޓީނާއާ އެކު އޭނާ ކޮންޓްރެކްޓް އާކުރަން ތައްޔާރުވެފައިވަނިކޮށެވެ.
އޭސީ މިލާނުގެ ޔޫތު ޓީމުން ތަމްރީންވި ހުނަރުވެރި އެސްޓޯރީ އަށް އޭރު އެ ޓީމުގައި އޮތް ވަރުގަދަ ސްކޮޑުގެ ސަބަބުންނާ އެކު، ސީނިއާ ޓީމުން ފުރުސަތެއް ނުލިބުނެވެ. ސީނިއާ ޓީމުގައި ހިމެނުނު ދެ އަހަރު ވެސް ލޯން އުސޫލުން އެހެން ދެ ޓީމަކަށް ދޫކޮށްލީ އެވެ.
އޭނާ ވިދާލީ 2008 އިން 2016 އަށް ކަލިއާރީ އަށް ކުޅުނު ދުވަސްވަރެވެ. އެ ދުވަސްވަރު ލޯން އުސޫލުން ރޯމާ އާއި ފިއޮރެންޓީނާ އަށް ވެސް ކުޅުނެވެ. އޭނާ ދާއިމީ ކޮންޓްރެކްޓެއްގެ ދަށުން ފިއޮރެންޓީނާ އަށް ބަދަލުވީ 2016 ގަ އެވެ.
އޭނާ ގެންދަން ޝައުގުވެރިވެ އިންގްލެންޑުގެ މެންޗެސްޓާ ޔުނައިޓެޑުން އަދި ސައުތުހެމްޓަނުން އޭނާގެ ކުޅުން ބެލި ކަމަށް ރިޕޯޓްތައް ބުނެ އެވެ.
އެސްޓޯރީ ވަނީ އިޓަލީ ގައުމީ ޓީމަށް 14 މެޗު ކުޅެދީފަ އެވެ. އެގޮތުން އިޓަލީން 2013 ވަނަ އަހަރުގެ ފީފާ ކޮންފެޑޭރޭޝަންސް ކަޕުގެ ތިން ވަނަ ހޯދި ޓީމުގައި ވެސް ހިމެނުނެވެ. އެ ފަހަރު ތިން ވަނަ ހޮވި މެޗުގައި އުރުގުއޭ ކޮޅަށް އޭނާ ވަނީ ގޯލެއް ވެސް ޖަހައިފަ އެވެ.