ޕީއެސްޖީގެ ހުވަފެން ސީދަލެއް ނުވި، މެޑްރިޑް ކުއާޓާ އަށް
ޕީއެސްޖީގެ ހުވަފެން ސީދަލެއް ނުވި، މެޑްރިޑް ކުއާޓާ އަށް

ޕެރިސް (މާޗް 7) – ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ދެ ވަނަ ލެގުން ރޭ 2-1 އިން މޮޅުވެ މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައި ސްޕެއިނުގެ ރެއާލް މެޑްރިޑުން، މި މުބާރާތުގައި ކާމިޔާބީ ހޯދުމަށް ފްރާންސުގެ ޕީއެސްޖީން ދެކެމުން އައި ހުވަފެނުގައި މި އަހަރު ވެސް ކުލަޖެއްސުނަނުދީ ހުއްޓުވައިފި އެވެ.

ދުނިޔޭގެ ރެކޯޑް އަގެއްގައި ނޭމާ އަދި ދުނިޔޭގައި މިވަގުތު ހުރި އެންމެ އުއްމީދީ އެއް ފޯވާޑް ކީލިއަން އެމްބާޕޭ ފަދަ ކުޅުންތެރިން ގެނެސް ޕީއެސްޖީ ވަރުގަދަކުރި ނަމަވެސް، މި ސީޒަނުގައި ފޯމްދަކޮށް އޮތް މެޑްރިޑުގެ މައްޗަށް ދެ ލެގުން ވެސް ކުރި ހޯދޭ ގޮތެއް ނުވި އެވެ. މެޑްރިޑުގައި ކުޅުނު ފުރަތަމަ ލެގު އެ ޓީމު 3-1 އިން ކާމިޔާބުކުރިއިރު ދެ ލެގުން ކުރި މި ހޯދީ 5-2 އިންނެވެ.

ރޭގެ މެޗު 2-0 އިން ކާމިޔާބުކޮށްގެން އަނެއް ބުރަށް ދެވެން ޕީއެސްޖީއަށް އޮތް ނަމަވެސް އެ ޓީމުން އެޓޭކަށް އެރި ވަގުތު މެޑްރިޑުން ވަނީ ލަނޑު ދީފަ އެވެ. އަނިޔާވެފައިވާ ނޭމާ ނެތް ނަމަވެސް އެމްބާޕޭ އާއި އެޑިންސަން ކަވަނީ އާއި އެންހެލް ޑި މަރިއާ މެން ފަދަ ކުޅުންތެރިންނާ އެކު ވެސް ޕީއެސްޖީ އަށް މާބޮޑު ކަމެއް ނުކުރެވުނެވެ.

ޕެރިހުގެ ޕާކް ޑި ޕްރިންސެސްގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ފެނިގެންނުދެ އެވެ. ދެ ވަނަ ހާފު ފަށައިގެން ވަރަށް ބޮޑަށް އެޓޭކްކުރަން ފެށި އެވެ. ނަތީޖާއަކަށްވީ މެޑްރިޑަށް ކައުންޓާ އެޓޭކްދޭން މެޑްރިޑަށް ޖާގަތަކެއް ލިބުމެވެ. އެ ޓީމުގެ ފުރަތަމަ ގޯލް 51 ވަނަ މިނެޓުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ޖެހީ ޕީއެސްޖީގެ ޑެނިއަލް އަލްވެސް އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި އަސެންސިއޯ އުފެއްދި ހަމަލައެއްގައި ލޫކަސް ވަސްކުއޭޒް ނެގި ހުރަހަކުން ބޮލުންނެވެ.

ޕީއެސްޖީގެ ސަޕޯޓަރުން ފްލެޔާ ރޯކޮށް ރަތްކުލައިގެ ބޯ ދުން އަރުވަމުން ދިޔައިރު، ބައެއް ފަހަރު ދުންބޯވެ ރެފްރީ ކުޅުން ވެސް މެދުކަނޑާލި އެވެ. ރޮނާލްޑޯ މި ގޯލް ޖެހިއިރު ވެސް ޕީއެސްޖީގެ އޭރިއާ ތެރޭގައި އޮތީ ދުމެވެ.

މެޑްރިޑުގެ ގޯލަށް ފަހު ޕީއެސްޖީގެ މަސައްކަތް އިތުރު ވެގެން ދިޔައީ އެ ޓީމުގެ މިޑްފީލްޑަރު މާކޯ ވެރާޓީ އަށް ދެ ވަނަ ރީނޑޫ ކާޑާ އެކު ރަތްކާޑެއް ދެއްކުމުންނެވެ. އޭނާ އަށް 66 ވަނަ މިނެޓުގައި ކާޑު ދެއްކީ ފައުލެއްގެ މައްސަލައިގައި ހިތްހަމަނުޖެހިގެން ރެފްރީއާ ދިމާލަށް ދުއްވައިގަތުމުންނެވެ.

އޭގެ ފަހުން 71 ވަނަ މިނެޓުގައި އެޑިންސަން ކަވާނީ ގޯލެއް ޖަހައި ޕީއެސްޖީ އަށް އުއްމީދެއް ގެނެސްދިނެވެ. އެކަމަކު އޭރުން ވެސް ކިރިޔާ ވެސް ފުރުސަތެއް އޮންނާނީ އިތުރު ދެ ގޯލް ޖަހައިގެންނެވެ. އެކަމަކު އެ ޓީމަށް އިތުރު ގޯލެއް ނުޖެހެނީސް 80 ވަނަ މިނެޓުގައި ކަސެމިރޯ ގޯލް ޖަހައި މެޑްރިޑަށް ކުއާޓާގެ ޖާގައެއް ކަށަވަރުކޮށްދިނެވެ. މިއީ ވެސް މެޑްރިޑުގެ އެޓޭކެއް ޕީއެސްޖީގެ އެޑްރިއެން ރަބިއޯ އަށް ރަނގަޅަށް ސާފުކޮށްނުލެވުމުގެ ފައިދާ ނަގައި މެޑްރިޑުން ޖެހި ގޯލެކެވެ.

ދެ ވަނަ ބުރުގެ ދެ ވަނަ މެޗުގައި ރޭ އިންގްލެންޑުގެ ލިވަޕޫލް ވަނީ އަމިއްލަ ދަނޑުގައި ޕޯޗުގަލްގެ ޕޯޓޯއާ 0-0 އިން އެއްވަރުކޮށް ދެ ލެގުގެ އެގްރިގޭޓުން 5-0 އިން ކުރި ހޯދައިގެން ކުއާޓާ ފައިނަލުން ފުރުސަތު ހޯދައިފަ އެވެ.