އެޕަލްގެ އާ އޮފީހުގެ ފާރުތަކަށް މުވައްޒަފުން މުޑިއަރަނީ
އެޕަލްގެ އާ އޮފީހުގެ ފާރުތަކަށް މުވައްޒަފުން މުޑިއަރަނީ

އެޕަލްގެ "ސްޕޭސްޝިޕް" ހެޑްކްއާޓަރުގެ ބިއްލޫރި ފާރުތަކަށް މުވައްޒަފުން މުޑިއެރުން ބޮޑު މައްސަލައަކަށްވެއްޖެ އެވެ. އެ ވަރުގެ އެހެން އޮފީސް އިމާރާތެއް، މުޅި ދުނިޔޭގައި ވެސް ނެތް ވަރުގެ ފުރިހަމަ އިމާރާތް ޑިޒައިންކޮށް ބިނާކޮށްފައި ވަނީ ނަކަލުކުރަން ވެސް އުނދަގޫ ފެންވަރުގަ އެވެ. ތަހުޒީބީ ޒަމާން ދަންނަ ހުރިހާ މޮޅެއް ހިމަނައިގެންނެވެ.

އިންޓަނެޓަށް ލީކުވެފައި ހުރި ޓެލެފޯން މުއާމަލާތްތައް ކިޔާލުމުން ދޭހަވަނީ، އެޕަލްގެ އާ އޮފީސް އިމާރާތުގައި މަސައްކަތްކުރާ މީހެއް ގޮތުގައި އެ މީހުން އެނގެން ބޭނުންނުވާކަމެވެ. މާނަ އަކި އެހާ ފުރިހަމަ އިމާރާތެއްގެ ބިއްލޫރި ފާރަށް މުޑިއަރައި، ބުމަ ފަޅައިގެން ދިޔަ ވާހަކަ ބުނަން އެ މީހުން ޖެހިލުންވާ ކަމެވެ. އެހާ ފުރިހަމަ އިމާރާތެއް ޑިޒައިންކޮށްފައި ހުރި ގޮތުން މީހަކަށް އަނިޔާއެއް ލިބުމަކީ އެޕަލް އަށް ވެސް ލަދެކެވެ.

ސްޓީވް ޖޮބްސްގެ ހަޔާތުގައި އިމާރާތްކުރަން ފެށި ސްޕޭސްޝިޕް ހެޑްކުއާޓަރު ޑިޒައިންކުރީ މަޝްހޫރު ފޮސްޓާ އެންޑް ޕާޓްނާސް ލައްވަ އެވެ. ބިއްލޫރި ފާރުތައް ޑިޒައިންކޮށްފައި ހުރި ގޮތުން ލޮލަށް ނުފެނި ގޮސް ޖެހި، އަނިޔާވުން ވަނީ ބޮޑު މައްސަލައަކަށް ވެފަ އެވެ. އެހެނެއްކަމަކު، މި ކަމާ ގުޅޭ ގޮތުން ޑިޒައިނަރުން އެއްވެސް ވާހަކައެއް އަދި ނުދައްކަ އެވެ.

ބިއްލޫރި ފާރުތަކުގައި ޖެހި އަނިޔާވި މީހުން، އިމަޖެންސީ އަށް ގުޅައި އެހީ އަށް އެދުނުކަން ވެސް އޮންލައިން ނޫސްތަކުން ރިޕޯޓްކުރެ އެވެ. ބައެއް މީހުން ނިތްކުރި ޖެހި ބޮލަށް ގުޑުންއަރައި، އަނެއް ބައެއްގެ ނިތްކުރި ފެޅުނެވެ.

އެޕަލް ސްޕޭސްޝިޕް ހެޑްކުއާޓަރު ބިނާކުރުމަށްޓަކައި ފަސް ބިލިއަން ޑޮލަރު ހޭދަކުރި ކަމަށް ރިޕޯޓްތަކުން އެނގެ އެވެ. ބުނެވޭ ގޮތުގައި އެއީ އޭގެ ޒާތުގައި ވެސް "އެނާޖީ ސޭވިން" އިމާރާތެކެވެ. ހުރިހާ ކަމެއް، ހުރިހާ މާނައެއްގައި ވެސް ތިމާވެއްޓާ ރައްޓެހި އިމާރާތެެކެވެ.