ކުލަ
ކުލަ

އަހަރެންގެ ލޮލުގައި އަޅައިގަތީ ދީމާގެ އަޅިކުލައިގެ ކަޅިއެވެ. ކަޅުކުލައިގެ އެސްފިޔަތަކެވެ. ރަތްކުލައިގެ ތުންފަތެވެ. ރާޅުބާނި ކަޅު އިސްތަށިގަނޑުގައި ފިބާކޮށްފައިވާ މުށިކުލައެވެ. އޭނައަކީ ލަދުރަކި، ރީތި، އަންހެންވަންތަ ކުއްޖެކެވެ. ދީމާގެ މާނައަކީ ހިމަފޮދުވާރެއެވެ. މިޒާޖުގައި އެ ހަމަހިމޭންކަމެވެ. ވާހަކަދެއްކުމުގައި އެ މަޑުމައިތިރިކަމެވެ. އޭރު އަހަރެންގެ އުމުރުން ވިހި އަހަރެވެ. ދީމާއަށް ނަވާރަ އަހަރެވެ. ހިތަށްއެރިއެވެ. އަހަރެން އިންނާނީ އޭނަޔާއެވެ. ހިތާހިތުން އަހަރެން ބުނީމެވެ. އަހަރެން ގެންދާށެވެ. ތިޔަ ލޯބީގެ އޮއިވަރުގައި އަހަރެން ޖައްސާށެވެ. ސަލާމަތްވިޔަ ނުދޭށެވެ. ދީމާއަށް ތަޢުރީފުކޮށް އަހަރެން ވަރަށް ގިނަ ޅެން ހެދީމެވެ. ޗާޕުކޮށްގެން ނެރޭކަށް ނޫނެވެ. އަމިއްލަ ހިތްހަމަޖެހުމަކަށެވެ. ހުސް ވަގުތެއް ލިބިއްޖެއްޔާ އަހަރެން ބައިތެއް ހަދައިލަމެވެ. ފަށުވި އިބާރާތްތައް ލިޔަމެވެ. ބޭނުންވަނީ އަހަރެންގެ ހިތް ދީމާއަށް ވެދުން ކުރާށެވެ. އަހަރެންގެ މިލްކަކަށް ދީމާ ހަދާށެވެ. ލޯބިވެރިޔަކަށް ނުވެވިއްޖެއްޔާ އެކުވެރިއަކަށެވެ. އެކުވެރިޔަކަށް ނުވެވިއްޖެއްޔާ ދެކެފަރިތަ މީހަކަށެވެ. ދީމާގެ ހަޔާތުގެ އެންމެ ސަފުހާއެއްގެ ހަވާސާއިން ބޭރުން ވިޔަސް ޖާގައެއް ލިބުމަކީ އަހަރެން ދެކޭ ހުވަފެނެކެވެ.

ހުވަފެނުގައި ކުލައެއް ޖެހޭތޯ އެފްބީން ދީމާއަށް ދަޢުވަތެއް ފޮނުވީމެވެ. އޭނަގެ ރައްޓެއްސަކަށް ވުމަށް އެދިއެވެ. ވަގުތުން ދީމާ ގަބޫލުކުރިއެވެ. އަހަންނަށް ކަށަވަރެވެ. އަހަރެން ކަހަލަ އެތައް ބަޔަކު ކޮންމެ ދުވަހަކު ދީމާއަށް ދަޢުވަތު ފޮނުވާނެއެވެ. މައުސްގެ ސުވިޗަކަށް ފިތާލުމުން އެ ކަން ނިމުނީއެވެ. ރަނގަޅަށް ވިއްޔާ އެއީ ކާކުތޯ ވެސް ދީމާ ނުބަލާނެއެވެ. ދީމާގެ އެކައުންޓުގައި ތިބި ފިރިހެނުންގެ އަދަދު ގުނާލީމެވެ. ހާހަކަށް އެރީމައި އަހަރެން ގުނުން ހުއްޓައިލީއެވެ. ނިތްކުރި މަތީގައި އަތް ބާއްވައިލައިގެން އޮވެ ވިސްނީމެވެ. އެތައް ހާސް ފިރިހެނުންނެއްގެ ތެރެއިން އަހަންނާ ދިމާއަށް ދީމާގެ ސަމާލުކަން އަނބުރައިލާނީ ކިހިނެއް ހެއްޔެވެ؟ އެންމެން ހަދިޔާ ފޮނުވާނެއެވެ. ލޯބީގެ ދަޢުވަތު ފޮނުވާނެއެވެ. ދީމާގެ ރީތިކަމަށް ތަޢުރީފު ވެސް ކުރާނެއެވެ. އެ ކަންކަމަށް ދީމާ ހުންނާނީ އާދަވެފައެވެ. ދީމާ ސިއްސުވައިލެވޭނީ އަހަރެން ކިހިނެއް ހެދިއްޔާ ހެއްޔެވެ؟

ވިސްނަމުންދާތާ ތިން ދުވަސް ފަހުން އަހަންނަށް ޚިޔާލެއް އައެވެ. ނަގަން ޖެހޭނީ ވަރަށް ބޮޑު ހިރާހެކެވެ. ރަނގަޅު އަތަށް ހިނގައްޖެއްޔާ ކާމިޔާބެވެ. ނުބައި އަތަށް ހިނގައްޖެއްޔާ އަހަރެންގެ ނަން ދީމާގެ އެކައުންޓުން ފުހެލާނެއެވެ.

"ބޮޑެތި ރިސްކް ވެސް ޖެހޭނެ ނަގަން. ބޮޑުވަރަކަށް ނަން ޑިލީޓްތާ ކޮށްލާނީ. ދީމާއަކަށް މިހާރަކު ވެސް ނޭނގޭނެ ތީ އޭނަގެ އެކައުންޓްގަ އިން މީހެއް ކަމެއް ވެސް." އަހަރެންގެ ހިތް އަހަންނަށް ވަސްވާސް ދޭން ފެށިއެވެ.

އިސާހިތަކު އަހަރެން ހެއްލިއްޖެއެވެ. ލެޕްޓޮޕް ގެނެސް އުނގުގައި ބަހައްޓައިފައި ދީމާގެ އެފްބީ އެކައުންޓަށް ވަނީމެވެ. މެސެޖު ލިޔެލީމެވެ.

"އަހަންނާ އިންނަންވީނު!" އިނގެރޭސިން ޖަހައިލީމެވެ.

އެ މެސެޖު ފޮނުވުމަށް ޓަކައި އެންމެ ފިތަކަށް ފިތާލުމުން ފުދޭނެއެވެ. އެންމެ އިނގިއްޔަކުން ވެސް އެ ކަން ވާނެއެވެ. އެކަމަކު، އަހަރެންގެ މުޅި ހަށިގަނޑުގައި ހުރި ހުރިހައި ހަކަތައެއް އެ ކަމަށް ބޭނުންވިއެވެ. އެއް އަތުން އެކަން ނުވެގެން، އަނެއް އަތުން އެ އަތުގައި ހިފައިފައި ފިތަށް ފިތައިލީމެވެ. އަދި ވަގުތުން ލެޕްޓޮޕް ލައްޕައިފައި އަހަރެން ކޮޓަރިން ނުކުމެ ގެއިން ވެސް ނުކުތީއެވެ. ހީވާ ކަހަލައެވެ. ކޮޓަރިތެރޭގައި އޮތީ ބޮމެކެވެ. އެ ވަގުތު ހިތަށްއެރިއެވެ. މި ކުރެވެނީ ހާދަހާ ފީކަޅާ ކަމެކެވެ. ދީމާ ހިތްހަމަނުޖެހިގެން މީސްމީޑިޔާގައި އަހަރެން ފަޟީހަތް ނުކުރާނެބާއެވެ؟

ކަމެއް ވާން ވެއްޖެއްޔާ އެ ކަމެއް ވިޔަ ނުދޭން ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެއެވެ. ދެ މީހަކު ބައްދަލުވާން އޮވެއްޖެއްޔާ އެ ކަމަށް ހުރަސްއެޅޭނެ އެއް ގޮތެއް ވެސް ނޯންނާނެއެވެ. އަހަރެން ބޭނުންވީ ކޮންމެވެސް މީހެއް ގާތުގައި އެ ވާހަކަދައްކައިލާށެވެ. ވާނެ މާ ބޮޑު ފައިދާއެއް ނެތަސް ވެހެވެ. އަހަރެންގެ އެކި ކަންކަން ހިއްސާކުރާ އެކުވެރިޔަކީ މާހިރެވެ. އޮފީހުގެ ޒަމާންވީ ރައްޓެއްސެކެވެ. ގަޑި ކިޔައިފައި އަހަރެން ދިޔައީ އޮޑިގައްލާ ރެސްޓޯރަންޓަށެވެ. އާންމުކޮށް އަހަރުމެން ދާ ތަނަށެވެ. އެ ތަނަކީ ވާހަކަދައްކާލަން ތިބެން ވަރަށް ހިތްފަސޭހަ ތަނެކެވެ. އެއީ ހަވީރުގެ ވަގުތެވެ. އަހަންނަށް ދެވުނީ ދާން ބުނި ގަޑިއަށް ވުރެ ދިހަ މިނެޓު ލަހުންނެވެ. އޭރު ވެސް މާހިރެއް ނާދެއެވެ. ފޯނުކޮށްލީމެވެ. ޖަވާބެއް ނުދެއެވެ. އަންނަނީ މެސެޖެކެވެ.

"ފަސް މިނެޓު!" މެސެޖުގައި އޮތެވެ.

"ދިހަ މިނެޓެ." ފަސް މިނެޓު ވީ ފަހުން ދެން އައި މެސެޖުގައި އޮތެވެ.

ކޮންމެ ކަމެއް ވެސް ވާނީ ރަނގަޅަކަށޭ ހީކޮށް ޝުކުރު ކޮށްލައިގެން އިންދައި ދީމާ އައިސް ވަން ތަން ފެނުނެވެ. ދީމާ އިށީނީ ސީދާ އަހަރެން ކުރިމަތީގައި ހުރި ގޮނޑީގައެވެ. އޭނަ އިނީ ނުތަނަވަސް ވެފައެވެ. މޫނުމަތިން ސާފުކޮށް އެ ކަން އެނގެއެވެ. އަހަރެން އިސްޖަހައިލީމެވެ. އޭރުން ދީމާއަކަށް އަހަރެންގެ މޫނެއް ނުފެންނާނޭ ހިތަށްއެރިއެވެ. ދީމާ ފޯނާ ކުޅެން ފެށިއެވެ. ހީވަނީ މީހަކަށް މެސެޖު ފޮނުވާހެންނެވެ. އަހަންނަކަށް ނުބަލައެއް ނީނދެވުނެވެ. ދީމާގެ އަޅިކުލައިގެ ލޯ ފެންކަޅިވެފައިވާ ތަން އަހަރެން ދުށީމެވެ. ނިޔަފަތީގައި ރަތްކުލަ ޖައްސައިފައިވާ އިނގިލިތަކުން ކަރުނަ ފުހެން ދީމާ މަސައްކަތް ކުރިއެވެ. ރާޅުބާނި އިސްތަށިގަނޑުން މޫނު ފޮރުވަން އޭނަ މަސައްކަތް ކުރިއެވެ. އަހަރެން އެ ތަނުގައި އިނީ، އަހަރެން ކުރިމަތީގައި އިން ދީމާއަށް ފިލުމަށް ޓަކައެވެ. އެކަމަކު، ވެގެން އުޅޭ ގޮތް އަހައި ނުލައެއް ނީނދެވުނެވެ. ދީމާގެ ކުރިމަތީގައި ހުރި ގޮނޑީގައި އިށީންނާނީ އޭނަގެ ލޯބިވެރިޔާ ނޫން ކަމެއް ވެސް ނޭނގެއެވެ. އެ ދަނޑިވަޅުގައި ބީރައްޓެއްސަކާ ވާހަކަދައްކަން ދީމާ ބޭނުން ނުވެދާނެއެވެ. އަނެއް ހިރާސް ނަގަން ޖެހުނީއެވެ. އެ ދަނޑިވަޅު އަހަރެންގެ ނަސީބު އަތުގައި ހިފިއެވެ. ދީމާގެ މޭޒުމަތީގައި ހުރި ޓިޝޫފޮށިން ޓިޝޫ ހުސްވިއެވެ. ވަގުތުން އަހަރެންގެ މޭޒުމަތީގައި ހުރި ޓިޝޫފޮށި ނަގައިގެން ތެދުވީމެވެ. ދީމާގެ މޭޒުމަތީގައި ބެހެއްޓީމެވެ.

"ތެންކިޔޫ!" އިސް އުފުލައި ނުލައި ދީމާ ބުންޏެވެ.

އޭރު ފެންފުޅިއަކާއި ތަށްޓެއް ހިފައިގެން ވެއިޓަރު އާދެއެވެ. އަހަރެން ގޮސް ފެންފުޅިއާއި ތަށި ނެގީމެވެ.

"އޯޑަރު ދޭނަން ފަހުން،" މަޑުމަޑުން އަހަރެން ބުނެލީމެވެ. "ކޮންމެވެސް މިޔުޒިކެއް ޖަހައިލަބަލަ!"

ދީމާއަށް ފެންތަށްޓެއް އަޅައިފައި ބެހެއްޓީމެވެ.

"ހެޔޮތަ މި ގޮނޑީގަ އިށީނދެލިޔަސް؟" އަހަރެން އެހީމެވެ.

ދީމާ ހުއްދައެއް ނުދެއެވެ. އިންކާރެއް ވެސް ނުކުރެއެވެ. އެ ފަދަ ދަނޑިވަޅުގައި އެއީ ފެހި ސިގުނަލެއް ކަމުގައި ބެލީމެވެ. ގޮނޑީގައި އިށީނދެލީމެވެ. އަހަރެންގެ މޫނަކަށް ދީމާ ނުބަލައެވެ. އޭނަ އިނީ ކޮންމެވެސް ކަމަކާ ވަރަށް ދެރަވެފައެވެ. އަހަރެން އެކައްޗެއް ވެސް ނުބުނެ އިނީއެވެ. ދައްކާނެ ވާހަކައެއް ނުވަތަ ވާހަކައެއް ފަށާނެ ގޮތެއް ވެސް ނޭނގިފައެވެ.

"ކަންކަމާ ދިމާވީމަ ހިތްވަރުކުރަން ވާނެ." އަހަރެން ބުނީ ގައިމު ވެސް ހާލަތާ ގުޅޭނެ އެއްޗެކެވެ.

"މި އުޅެނީ ލޮލަށް އެއްޗެއް ވެއްޓިގެން،" ދީމާ ވާހަކަދެއްކިއެވެ. "ވަރަށް ދިލަނަގާ އެއްޗެއް."

އަހަންނަށް ވުރެ ގަމާރު މީހަކު ހުންނާނެ ހެއްޔެވެ؟ ދީމާ ރޯހެން އަހަންނަށް ހީވީ ކީއްވެގެން ހެއްޔެވެ؟

"ފެންފޮދެއް ބޯލާ،" އަހަރެން ބުނީމެވެ. "ފަހަރެއްގަ ރަނގަޅު ވެދާނެ ކަންނޭނގެ."

"އަހަރެން ރޯދަ." އިސް އުފުލައިލަމުން ދީމާ ބުންޏެވެ.

ދީމާ ބަލައިލުމުން އަހަރެންގެ ހިތުގެ ވިންދު އަވަސްވިކަން ގައިމެވެ. އެ ހިސާބުން ބަސް ހުސްވީއެވެ. އެންމެ މޮޅު ގޮތަކަށް އަހަންނަށް ވިސްނުނީ އެ ތަނުން ތެދުވެގެން ދިޔުމެވެ.

"އިނދެބަލަ އިނދެބަލަ!" ދީމާ ބުންޏެވެ. "ރޯދަ ވީއްލަން ފްރެންޑަކަށް ގުޅައިގެންނޭ މި އިންނަނީ. ހިޔެއް ނުވޭ އޭނައަށް އާދެވޭނެހެނެއް."

ރޮބަޓެއްހެން އަހަރެން އިށީނީމެވެ. އެހާ ރައްޓެހިކޮށް ދީމާ ވާހަކަދައްކާނެ ކަމަކަށް އަހަރެން ހިޔެއް ނުކުރަމެވެ. އެފްބީން އަހަރެން ފޮނުވި މެސެޖު ދީމާއަށް ފެނުނުބާއެވެ؟ އެ ސުވާލު އަހަންވީބާއެވެ؟ ނުވަތަ އަދި ތަންކޮޅެއް އަވަސްބާއެވެ؟

"މުޅި މޫނު ހަޑިވެއްޖެ ދޯ؟" ރަނގަޅަށް މޫނު ދައްކައިލަމުން ދީމާ ސުވާލުކުރިއެވެ.

އެއީ އަހަންނަށް ލިބުނު ރަނގަޅު ފުރުޞަތެކެވެ. ބޭނުން ނުކޮށްފި ނަމަ، މުޅި އުމުރަށް ވެސް އެ ކަމާ ހިތާމަކުރާނެ ކަހަލަ ރަނުގެ ފުރުޞަތެކެވެ. އަހަރެން ތަޢުރީފު އޮއްސައިލީމެވެ. އެހައި ތަނަށް އަހަރެން ހަދައިފައިވާ ޅެންތައް، މިޔުޒިކީ ތަމްސީލެއްހެން ކިޔައިލަދިނީމެވެ. ހުއްޓަން ޖެހޭ ތަންތަނަށް ހުއްޓަމުން، ވައިއަޑުން ބުނަން ޖެހޭ ތަންތަން ވައިއަޑުންނެވެ. ދީމާ އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ގިނަ ވަގުތު ރަކިވެފައެވެ. ބައެއް ފަހަރު ހައިރާން ވެފައެވެ. ހިތަށްއެރިއެވެ. ކޮންމެ ފަދަ ޖަވާބެއް ދީމާ ދިނަސް، ވެރިފަރާތަށް އަމާނާތް ރައްދު ކޮށްފައި ނޫނީ ހުއްޓައެއް ނުލާނަމެވެ. ދީމާޔާ ހެދި މީހަކު މޮޔަވެފައި ހުރިކަން ދީމާއަށް އަންގާނަމެވެ.

"އަހަންނާ އިންނަންވީނު؟" އެ ސުވާލު އަހަރެން ކުރީ އިނގެރޭސިބަހުންނެވެ.

އަހަރެންގެ ދަޢުވަތު ދީމާ ވަގުތުން ގަބޫލެއް ނުކުރެއެވެ. ފިލްމުފިލްމުގައި ވާ ގޮތެއް އެ ފަހަރަކު ނުވިއެވެ. ދީމާ ހޭން ފެށިއެވެ. މަލާމާތްކުރާ ގޮތަކަށް ނޫނެވެ. ދީމާގެ މޫނުން އަހަންނަށް ފެނުނީ އުފާވެރިކަމެވެ. ހިތްހަމަޖެހުމެވެ. އެ ދުވަހު ދީމާގެ އެކުވެރިޔާއެއް ނާދެއެވެ. އަހަރެންގެ އެކުވެރިޔާއެއް ވެސް ނާދެއެވެ. ތިން ގަޑިއެއްހާއިރު އަހަރުމެން ވާހަކަދައްކަން ތިބީމެވެ. ދީމާގެ ލޯބިވެރިއެއް ނުހުރެއެވެ. ހީކުރި ވަރަށް ވުރެ އެކުވެރީން ވެސް މަދެވެ. އަހަރުމެން ވަކިވީ އެކުވެރިކަމުގެ ރީތި ބާބެއް ފަށައިފައެވެ.

އަހަރުމެން ލޯތްބެއް ހުށައެއްނާޅަމެވެ. އެކުވެރިކަން މަޑުމަޑުން ލޯތްބަށް ބަދަލުވީއެވެ. ނޭނގި ތިއްބައި އަހަރުމެން ތިބީ ލޯބިވެރިންނަށް ވެވިފައެވެ. އެއީ ދެ ހިތެއްގެ ދެމެދުގައި އުފެދުނު ސާދާ ގުޅުމެކެވެ. ދީމާއާ ބެހޭގޮތުން މާ ގިނަ ކަންތައްތަކެއް އަހަންނަކަށް ނޭނގެއެވެ. ނުވެސް އަހަމެވެ. ދީމާގެ މޫނު ފެނުމުން އެހެން ކަމެއް އަހަރެން ހަނދާނެއް ނުހުރެއެވެ. އަހަރެންނާ ރައްޓެހިވުމަށް ފަހު، ރީތިވާން ބޭނުންކުރާ ހުރިހާ އެއްޗެއް ދީމާއަށް ގެނެސްދެނީ އަހަންނެވެ. ދީމާގެ އިސްތަށިގަނޑާއި، ނިޔަފައްޗާއި، މޫނުގައި ހުންނާނީ އަހަންނަށް ރީތިވާ ކުލަތަކެވެ. އަހަރެންގެ ފޯނުގައި ހުންނަ ދީމާގެ ފޮޓޯތައް އެކުވެރީންނަށް ދެއްކުމަކީ އަހަރެންނަށް ލިބޭ ފަޚުރެކެވެ. ދީމާގެ ރީތިކަމަށް ތަޢުރީފު ނުކުރާ މީހަކާ ދިމައެއް ނުވެއެވެ.

ނުނިމޭ