ރަޝިޔާގެ ބޯޓެއް ސީރިއާ އަށް ވެއްޓި 32 މަރު
ރަޝިޔާގެ ބޯޓެއް ސީރިއާ އަށް ވެއްޓި 32 މަރު

ދިމިޝްގު (މާޗް 6) - ރަޝިޔާގެ ޓްރާންސްޕޯޓް މަތިންދާ ބޯޓެއް ސީރިއާ އަށް ވެއްޓި 26 ޕަސިންޖަރުންނާއި ހަ ފަޅުވެރިން މަރުވެފައިވާ ކަމަށް އެ ގައުމުގެ ޑިފެންސް މިނިސްޓްރީން ބުނެފި އެވެ.

އޭއެން-26 މަރުކާގެ ބޯޓު ވެއްޓިފައި ވަނީ ސީރިއާގެ ބަނދަރުމަތީ ސިޓީއެއް ކަމަށްވާ ލަޓަކިއާއާ ކައިރީގައި އޮންނަ ހެމެއިމިން ވައިގެ މަރުކަޒަށް ޖައްސަން އުޅެނިކޮށެވެ. ބޯޓު ވެއްޓިފައި ވަނީ ހަމަލާއެއް އަރައިގެން ނޫން ކަމަށް ރަޝިޔާގެ މީޑިއާތަކުން ބުނެ އެވެ. އަދި ބޯޓު ވެއްޓުނު ކަމަށް ބެލެވިފައި ވަނީ ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށް ލަފާކޮށްފައިވެ އެވެ. ބޯޓު ވެއްޓުނު ހާދިސާގެ ތަހުގީގު މިހާރު ވަނީ ފަށައިފަ އެވެ.

ހެމެއިމިން ވައިގެ މަރުކަޒަށް އިދިކޮޅު ހަނގުރާމަވެރިން ޑިސެމްބަރު 31، 2017 ގައި ދިން މޯޓަރު ހަމަލާތަކެއްގައި ރަޝިޔާގެ ހަނގުރާމަ މަތީ ބޯޓުތަކެއް ވަނީ ހަލާކުވެފަ އެވެ. ހެމެއިމިން ވައިގެ ބަނދަރު ރަޝިޔާ އިން ބޭނުން ކުރަނީ އިދިކޮޅު ހަނގުރާމަވެރިންގެ އަމާޒުތަކަށް ވައިގެ ހަމަލާ ދިނުމަށެވެ. ރަޝިޔާގެ ހަމަލާތަކުގައި އާއްމުންގެ އެތައް ބަޔަކު މަރުވަމުންދާ ކަމަށް ބުނި ނަމަވެސް މޮސްކޯ އިން ބުނެފައި ވަނީ ހަމަލާތަކުގެ އަމާޒަކީ "ޓެރަރިސްޓް" ހަނގުރާމަވެރިން ކަމަަށެވެ.