ޕިއްޒާ ކޮމްޕެނީގެ ނަމުގައި ހިންގަނީ ފޭކް ފޭސްބުކް ޕޭޖެއް، އެކަން ހުއްޓާލަން ވަކީލުން އަންގައިފި
ޕިއްޒާ ކޮމްޕެނީގެ ނަމުގައި ހިންގަނީ ފޭކް ފޭސްބުކް ޕޭޖެއް، އެކަން ހުއްޓާލަން ވަކީލުން އަންގައިފި

އިންޓަނޭޝަނަލް ފްރެންޗައިޒެއް ކަމަށްވާ ފިއްޒާ ކޮމްޕެނީގެ ރާއްޖޭގެ އައުޓްލެޓްގެ ނަމުގައި ފޭސްބުކްގައި ހިންގަމުންދަނީ ފޭކް ޕޭޖެއް ކަމަށާއި އެ ޕޭޖް ވަގުތުން ހުއްޓާލަން އަންގައި، އެ ކުންފުނީގެ ވަކީލުން މިއަދު ނޯޓިސް ނެރެފި އެވެ.

މާލޭގައި ހިންގަމުންދާ ދަ ޕިއްޒާ ކޮމްޕެނީގެ އައުޓްލެޓްގެ ނަމުގައި ހިންގަމުން ދަނީ "ދަ ޕިއްޒާ ކޮމްޕެނީ މޯލްޑިވްސް" ކިޔާ ފޭސްބުކް ޕޭޖެކެވެ. އެ ޕޭޖަށް 1،500 އަށް ވުރެ ގިނަ މީހުން ލައިކްކޮށް، އެތަނުގެ ޚިދުމަތާ ބެހޭގޮތުން ގިނަ ބަޔަކު އެ ޕޭޖްގައި ޚިޔާލު ފާޅުކޮށްފައި ވަނިކޮށް، އެއީ ފޭކް ޕޭޖެއް ކަން ހާމަވީ އެ ކުންފުނީގެ ގާނޫނީ ކަންކަމުގެ ހަރަކާތްތެރިވާ ޕްރިމިއާ ޗެމްބާސް އިން އެކަން އިއުލާން ކުރުމުންނެވެ. ޕިއްޒާ ކޮމްޕެނީން ރާއްޖެއަށް ޚާއްސަ ފޭސްބުކް ޕޭޖެއް ނުހިންގަ އެވެ.

ޕްރިމިއާ ޗެމްބާސްގެ ފަރާތުން ވަކީލް ހަސަން މައާޒް ޝަރީފް ސޮއިކުރައްވައި ނެރުއްވި ނޯޓިސްއެއްގައިވަނީ ޕިއްޒާ ކޮމްޕެނީގެ ނަމުގައި ހިންގަމުންދާ ޕޭޖަކީ އެ ކުންފުނީގެ އެއްވެސް ހުއްދައެއް ލިބިގެން ހިންގަމުންދާ ޕޭޖެއް ނޫން ކަމަށާއި އެ ޕޭޖްގައި އާންމު ކުރަމުންދާ މައުލޫމާތުތަކަކީ ވެސް އެ ކުންފުނީގެ ޚިދުމަތާ ގުޅޭގޮތުން މައުލޫމާތު އޮޅޭ ގޮތަށް ހިއްސާ ކުރަމުންދާ މައުލޫމާތުތަކެއް ކަމަށެވެ.

މީގެ އިތުރުން ޕިއްޒާ ކޮމްޕެނީގެ ޓްރޭޑް މާކާއި ފޮޓޯތައް ވެސް އެ ޕޭޖްގައި ބޭނުން ކުރަމުންދަނީ އެ ކުންފުނީގެ ހުއްދައެއް ނެތި ކަމަށާއި އެއީ ކުންފުނީގެ ހައްގެއް ކަމަށް ވެސް އެ ނޯޓިސްގައިވެ އެވެ. އެހެންވެ، އެ ނޯޓިސްގައި އަންގާފައިވަނީ ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި އެ ޕޭޖް ފޮހެލުމަށެވެ. އެކަން އެގޮތަށް ނުކޮށްފި ނަމަ އެކަމަށް ގާނޫނީ ގޮތުން އެޅޭނެ ހުރިހާ ފިޔަވަޅެއް އަޅާނެ ކަމަށް އެ ނޯޓިސްގައިވެ އެވެ.

ތައިލެންޑަށް ނިސްބަތްވާ ދަ ޕިއްޒާ ކޮމްޕެނީގެ އައުޓްލެޓްތައް ދުނިޔޭގެ 12 ގައުމެއްގައި ހުރެ އެވެ. ރާއްޖޭގައި އެ ކުންފުނީގެ އައުޓްލެޓް ހުޅުވީ މިދިޔަ އަހަރު އެވެ.