06 މާޗް 2018 - 16:21

ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވައިލި މައްސަލައިގައި ދައުލަތުން ދައުވާކުރާ މައްސަލައިގެ ޝަރީއަތުގެ މިއަދުގެ އަޑުއެހުން ކެންސަލްކޮށްފި އެވެ.
އޮގަސްޓް، 2014 ގައި ރިލްވާން ގަދަކަމުން ފޮރުވި ކަމަށް ބުނެ ދައުލަތުން ދައުވާކުރަނީ ހ. ހިލްޓަން، އާލިފް ރައޫފާއި ގދ. ވާދޫ ކަރަންކާގޭ، މުހައްމަދު ނޫރައްދީނާއި ސ. ހުޅުދޫ އަތިރިއާގޭ، މުހައްމަދު ސުއައިދުގެ މައްޗަށެވެ. އެކަމަކު ސުއައިދު ރާއްޖޭގައި ނެތުމުން އޭނާގެ ބައި ކުރިއަކަށް ނުގެންދެ އެވެ.
އެ މައްސަލައިގައި މިއަދު މެންދުރު ބާއްވަން ހަމަޖެއްސި އަޑުއެހުން ކެންސަލްކުރީ ކޮން ސަބަބާ ހެދި ކަމެއް ނޭނގެ އެވެ. މިއަދުގެ އަޑުއެހުމަކީ ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަސް ނެގުމަށް ތާވަލުކުރި އަޑުއެހުމެކެވެ.
ދައުލަތުގެ ހެކިން ހާޒިރު ނުކުރެވޭތީ މީގެ ކުރިން ބައެއް އަޑުއެހުންތައް ކެންސަލް ކޮށްފައިވެ އެވެ.
އެ މައްސަލައިގައި ދައުވާ ލިބޭ ސުއައިދު ރާއްޖެ އިން ބޭރުގައި ހުއްޓާ މަރުވެފައިވާ ކަމަށް އޭނާގެ އާއިލާ އިން ކޯޓަށް އަންގާފައި ވިޔަސް، ދައުލަތުން ބުނެފައިވާ ގޮތުގައި އޭނާ މަރުވިކަން ކަށަވަރެއް ނުވެ އެވެ. އޭނާ ރާއްޖޭގައި ނެތުމުން އޭނާގެ ބައި ކޯޓުން ވަނީ އަނބުރާ ފޮނުވާލައިފަ އެވެ.
އެކަމަކު އޭނާ ރާއްޖެ އިން ބޭރުގައި އުޅެމުންދާ ކަން އެނގިގެން، އެކްސްޓްރެޑިޝަންގެ ގާނޫނުގެ ދަށުން އޭނާ ރާއްޖެ ގެންނަން ބޭނުންވެއްޖެ ނަމަ އޭނާގެ ބައި އަލުން ހުށަހެޅޭނެ ކަމަށް އެ މައްސަލަ ބައްލަވާ ގާޒީ އާދަމް އާރިފް ވަނީ ވިދާޅުވެފަ އެވެ.