ކިމް ޖޮން-އުން ބޭނުން ވަނީ ސައުތު ކޮރެއާއާ ގާތް ގުޅުމެއް ބާއްވަން
ކިމް ޖޮން-އުން ބޭނުން ވަނީ ސައުތު ކޮރެއާއާ ގާތް ގުޅުމެއް ބާއްވަން

ޕިއޮންޔޮން (މާޗް 6) - ސައުތު ކޮރެއާއާ ގާތް ގުޅުމެއް ބާއްވަން ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުން ބޭނުންވާ ކަމަށް އެ ގައުމުގެ ރަސްމީ މީޑިއާ އިން ބުނެފި އެވެ.

ކިމް ޖޮން-އުންގެ ފަރާތުން އެފަދަ އިޝާރާތެއް ލިބިފައިވާ އިރު އުތުރު ކޮރެއާ އަށް ޒިޔާރަތް ކުރި ސައުތު ކޮރެއާގެ މަތީ ފެންވަރުގެ ވަފުދަށް ކިމް ވަނީ ރޭގަނޑުގެ ފަރިއްކޮޅެއް ދެއްވައިފަ އެވެ. ސައުތު ކޮރެއާގެ ވަފުދުން ވަނީ މި ހަފުތާގެ ފަހުކޮޅު ވޮޝިންޓަނަށް ދަތުރުކޮށް އެމެރިކާގެ އޮފިޝަލުންނާ ބައްދަލުކުރާ ގޮތަށް ހަމަޖެހިފަ އެވެ. ނޯތު ކޮރެއާގެ އޮފިޝަލުންނާ އެކު ބޭއްވި މަޝްވަރާތަކުގެ ތަފްސީލް ސައުތު ކޮރެއާގެ ވަފުދުން އެމެރިކާގެ އޮފިޝަލުންނަށް ދޭނެ އެވެ. އެމެރިކާ އިން ބުނެފައި ވަނީ ނޯތު ކޮރެއާއާ މަޝްވަރާ ކުރާނީ އެ ގައުމުން ނިއުކްލިއާ ހަތިޔާރު ނައްތާލުމުން ކަމަށެވެ.

ނޯތު ކޮރެއާގެ ލީޑަރުކަމަށް 2011 ވަނަ އަހަރު ކިމް ވަޑައިގެންނެވި ފަހުން އޭނާ ބައްދަލު ކުރައްވާފައި ވަނީ ބޭރުގެ މަދު އޮފިޝަލުންތަކަކާ އެވެ. ސައުތު ކޮރެއާގެ ވަފުދެއް ނޯތު ކޮރެއާ އަށް އެންމެ ފަހުން ދަތުރުކޮށްފައި ވަނީ 2007 ވަނަ އަހަރު އެވެ.

ސައުތު ކޮރެއާ ވަފުދުން ވަނީ އެ ގައުމުގެ ރައީސް މޫން ޖައި-އިންގެ ސިޓީއެއް ނޯތު ކޮރެއާގެ ލީޑަރަށް ހަވާލުކޮށްފަ އެވެ. ސައުތު ކޮރެއާގެ ވަފުދަށް ނޯތު ކޮރެއާގެ ލީޑަރު ދެއްވި ފަރިއްކޮޅު ހަތަރު ގަޑިއިރަށް ދެމިގެން ދިޔަ އެވެ. އަދި އެ ފަރިއްކޮޅުގައި ކިމްގެ ކޮއްކޮ ކިމް ޔޯ-ޔޮން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.