06 މާޗް 2018 - 14:18

ވަކީލު ކަމުގެ ހުއްދަ އަށް އެދި ހުށަހެޅުމުގެ މުއްދަތު ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން އިތުރުކޮށްފި އެވެ.
އެ ޑިޕާޓްމެންޓުން މިދިޔަ ހަފުތާގައި ކުރި އިއުލާނެއްގައި ވާ ގޮތުން ވަކީލު ކަމުގެ ހުއްދަ އަށް އެދި ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު އޮންނާނީ މި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށެވެ. އެކަމަކު ޑީޖޭއޭ އިން އިއްޔެ ކުރި އިއުލާނެއްގައިވާ ގޮތުން އެ މުއްދަތު މިހާރު ވަނީ އަންނަ މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފަ އެވެ.
ވަކީލު ކަމުގެ ހުއްދަ ދެނީ ޝަރީއަތާއި ގާނޫނީ ދާއިރާ އިން ޑިގްރީއެއް ލިބިފައިވާ ނަމަ އެވެ. ބޭރުގެ ޔުނިވަސިޓީއަކުން ހާސިލް ކުރި ޑިގްރީއެއް ނަމަ، އެއީ ރާއްޖޭގެ ޔުނިވާސިޓީތަކުން ދޭ ފެންވަރުގެ ޑިގްރީއަކަށް ވާންޖެހެ އެވެ. އަދި އެ ޑިގްރީއެއް ހާސިލްކުރި ގައުމުގައި ވަކީލު ކަމުގެ ހުއްދަ ދިނުމުގައި ނުވަތަ ފަނޑިޔާރު ކަމަށް އައްޔަން ކުރުމުގައި ގަބޫލު ކުރެވޭ ޑިގްރީއަކަށް ވެސް ވާންޖެހެ އެވެ.
މީގެ އިތުރުން ވަކި ބާވަތެއްގެ ކުށްތަކެއް ސާބިތުވެފައި ނެތުމަކީ ވެސް ވަކީލު ކަމުގެ ހުއްދަ ދިނުމުގައި ބަލާ ޝަރުތެކެވެ. ވަކީލު ކަމުގެ ހުއްދަ ދޭނީ އެކަމަށް ސުޕްރީމް ކޯޓުގައި އޮންނަ ޚާއްސަ ކޮމެޓީއަކުންނެވެ.