ލުފްތަންސާގެ ބޯޓަކުން ފަސް މިލިއަން ޑޮލަރު ވަގަށް ނަގައިފި
ލުފްތަންސާގެ ބޯޓަކުން ފަސް މިލިއަން ޑޮލަރު ވަގަށް ނަގައިފި

ސައޮ ޕޯލޯ (މާޗް 6) - ބްރެޒިލުން ސްވިޒަލެންޑަށް ދަތުރު ކުރަން ހަމަޖެހިފައިވާ ލުފްތަންސާ އެއާލައިނުގެ މަތިންދާ ބޯޓަކުން ފަސް މިލިއަން ޑޮލަރު ވަގަށް ނަގައިފި އެވެ.

ސައޮ ޕޯލޯއާ ކައިރީގައިވާ އެއާޕޯޓެއްގައި ބޯޓު ޖައްސާފައި ވަނިކޮށް މި ބޮޑު ވައްކަން ކޮށްފައި ވަނީ ހައެއްކަ މިނިޓް ތެރޭގަ އެވެ. ވައްކަމާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރެއް ނުކުރެ އެވެ.

ވަގުން ފްރެއިޓް ޓާމިނަލް އަށް ވަދެފައި ވަނީ ރަންވޭގެ ސެކިއުރިޓީ ބަލަހައްޓާ ކުންފުނީގެ ލޯގޯ ޕިކަޕެއްގައި ޖަހައިގެން އޮޅުވާލައިގެންނެވެ. ސައޮ ޕޯލޯގެ ނޫހަކުން ބުނީ ފައިސާ ވަގަށް ނެގުމުގެ ކުރިން ފަސް މީހަކު ވަނީ ރަންވޭގެ ސެކިއުރިޓީ އެޖެންޓުންނަށް ބިރު ދައްކައިފަ އެވެ. އަދި ވައްކަންކޮށްފައި ވަނީ ފައިސާއާ ހަވާލުވެފައިވާ ކުންފުނީގެ ގާޑުން ބަނުމަށް ފަހު އެވެ. ގާޑުންނަށް އެއްވެސް އަނިޔާއެއް ކޮށްފައެއް ނުވެ އެވެ.

ކާގޯގެ ވައްކަން ކުރުން ބްރެޒިލްގައި ދަނީ އިތުރުވަމުންނެވެ.