މެޑްރިޑާއި ޕީއެސްޖީގެ މެޗުން ކުރި ހޯދާނީ ކޮން ބަޔެއް؟
މެޑްރިޑާއި ޕީއެސްޖީގެ މެޗުން ކުރި ހޯދާނީ ކޮން ބަޔެއް؟

ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ދެ ވަނަ ލެގުގައި މިރޭ ރެއާލް މެޑްރިޑާއި ޕީއެސްޖީ ކުޅޭ މެޗަކީ ދެ ޓީމަށް އެއްގޮތަކުން ވަރަށް މުހިއްމު މެޗެކެވެ. މި ސީޒަނުގައި ރެއާލް މެޑްރިޑަށް ދެން ހޯދެން އޮތް ހަމައެކަނި ތަށްޓަކީ ޗެމްޕިއަންސް ލީގު ކަމަށްވުމުން މިރޭ އެ ޓީމު ކަޓައިފި ނަމަ ސީޒަނުގެ މެދަކާ ހަމައިން އެ ޓީމަށް ވަރަށް ބޮޑު މާޔޫސްކަމަކާ ކުރިމަތިލާން ޖެހޭނެ އެވެ. އަނެއްކޮޅުން ޗެމްޕިއަންސް ލީގަށް އަމާޒުކޮށް ބޮޑު ހަރަދުކޮށްފައިވާ ޕީއެސްޖީ އަށް، މުބާރާތުގައި އިތުރަށް ކުރިއަށް ނުދެވި ނިންމާލަން ޖެހިއްޖެ ނަމަ އެ ޓީމަށް ވެސް އެހާ ބޮޑު މާޔޫސްކަމަކާ ކުރިމަތިލާން ޖެހޭނެ އެވެ.

ފުރަތަމަ ލެގުން 3-1 އިން މެޑްރިޑް މޮޅުވެފައިވާތީ މިރޭ ކޮންމެ ނަތީޖާ އަކުން އެއްވަރުވިޔަސް އަދި 1-0 އިން ބަލިވިޔަސް މެޑްރިޑަށް ކުއާޓާ ފައިނަލުން ޖާގަ ލިބޭނެ އެވެ. ނިސްބަތުން އެ ޓީމަށް އޮތީ ފަސޭހަ މަގެކެވެ.

ޕީއެސްޖީ އަށް އެންމެ ފަސޭހަ މަގަމީ ބައިކޮޅަށް ލަނޑެއް ވައްދާނުލާ ދެ ލަނޑުން މޮޅުވުމުވެ. ބައިކޮޅަށް ވަދެއްޖެ ނަމަ ދެން އެ ޓީމަށް ފުރުސަތު ލިބޭނީ ތިން ލަނޑުގެ ތަފާތަކުން މޮޅުވެގެންނެވެ. މެޗު 3-1 އިން ޕީއެސްޖީ މޮޅުވެއްޖެ ނަމަ ޖެހޭނީ އިތުރު ވަގުތު ކުޅޭށެވެ.

ޕީއެސްޖީ އަށް ކުރިމަތިވެފައިވާ މައްސަލައަކީ އެންމެ މުހިއްމު ކުޅުންތެރިޔާ ނޭމާ ނެތުމެވެ. ދުނިޔޭގެ ރެކޯޑް އަގަކަށް ގެނައި ނޭމާގެ ފަޔަށް ލިބިފައިވާ އަނިޔާގެ ސަބަބުން މެޗުގައި ނުކުޅެވޭނެކަން އެނގުމާ އެކު، މެޗުން ޕީއެސްޖީ އަށް ކާމިޔާބެއް ނުލިބޭނެ ކަމަށް އެއް ބަޔަކު ނިންމި އެވެ. އެކަމަކު ހަގީގަތުގައި އެ ޓީމުގައި ވަރަށް ހުނަރުވެރި އެޓޭކިން ކުޅުންތެރިން އެބަތިއްބެވެ. ކީލިއަން އެމްބާޕޭ އާއި އެންހެން ޑި މަރިއާ އާއި އެޑިންސަން ކަވާނީ އަދި ހަވިއޭ ޕަސްތޯރޭ ފަދަ ކުޅުންތެރިންނެވެ. ފަހަރުގައި ނޭމާ ނެތުމަކީ އެ ކުޅުންތެރިންގެ ހަގީގީ ފެންވަރު ދައްކާލަން ލިބޭ ފުރުސަތަކަށް ވެދާނެ އެވެ.

ނޭމާ ނެތި ކުޅުނު ފުރަތަމަ މެޗުގައި ފްރެންޗް ކަޕުގައި އޮލިމްޕިކް މާސޭ ކޮޅަށް ލަނޑު ޖެހުމަށް ފަހު ޑި މަރިއާ ވަނީ ޖާޒީގެ ފަހަތުގައި ޖަހާފައިވާ ނަމަށް އިޝާރާތްކޮށްފަ އެވެ. ބެލެވޭ ގޮތުގައި އޭނާ އެ ބުނީ ނޭމާ ނެތަސް ތިމަންނާ އެބަހުރި ކަމެވެ.

މެޑްރިޑުގެ ނަތީޖާތައް ސީޒަނުގެ ކުރީކޮޅު ދަށްވި ނަމަވެސް ފަހަކަށް އައިސް ވަނީ ފޯމަކަށް އެޅިފަ އެވެ. މުހިއްމު ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ވެސް ވަނީ ކުޅުން ވަރަށް ބޮޑަށް ރަނގަޅުކޮށްފަ ލަނޑު ޖެހުމުގެ ރޭޓް ވެސް ރަނގަޅުކޮށްފަ އެވެ. އެހެން ނޫނަސް ރޮނާލްޑޯ އަކީ އަބަދުވެސް ޗެމްޕިއަންސް ލީގުގައި ތަފާތު ދައްކާ ކުޅުންތެރިޔެކެވެ.

މިރޭގެ މެޗުން ޕީއެސްޖީ އަށް ކުރި ނުހޯދިއްޖެ ނަމަ އެ ޓީމަށް އަނެއްކާ ވެސް ޔޫރަޕުގެ ހުވަފެން ސީދާ ނުވެ ސީޒަން ނިންމާލަން ޖެހޭނެ އެވެ. އެކަމަކު ފްރާންސް ލީގާއި ފްރާންސް ކަޕް އޮތީ އަތްލެވޭ ހިސާބުގަ އެވެ.

މެޑްރިޑަށް މިރޭ ނާކާމިޔާބުވެއްޖެ ނަމަ ސީޒަން އަތުން ދޫވާނެ އެވެ. ފަހަރުގައި ކޯޗު ޒައިނުއްދީން ޒިދާނަށް މަގާމް ވެސް ގެއްލިދާނެ އެވެ. އެހެންކަމުން މިރޭގެ މެޗުން އެއްގޮތުން ޕްރެޝަރު ބޮޑީ މެޑްރިޑަށެވެ. ހާއްސަކޮށް މެޗުގެ ކުރީކޮޅު ޕީއެސްޖީން ލަނޑެއް ޖަހައިފި ނަމަ މެޑްރިޑް ޕްރެޝަރަށް ވެއްޓޭނެ އެވެ.