06 މާޗް 2018 - 10:47

ލަންޑަން (މާޗް 6) - އާސެނަލް ކޯޗުގެ މަގާމުން އާސެން ވެންގާ ވަކިކުރަން އެ ޓީމުގެ ބޯޑުން މަޝްވަރާ ކުރަން ނިންމާފައިވާ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
އިނގިރޭސި މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި އަންނަ ހަފްތާގައި ލަންޑަނުގައި އާސެނަލްގެ ބޯޑުގެ ބައްދަލުވުމެެއް ބޭއްވުމަށް ވަނީ ނިންމައިފަ އެވެ. މި އަހަރު ފެށި ފަހުން އާސެނަލްގެ ނަތީޖާތަށް އަންނަނީ ދަށްވަމުންނެވެ. އަދި ވެންގާ މަގާމުން ދުރުކުރަންވީ ވަގުތު މިއީ ކަމަށް އެ ކްލަބްގެ ކުރީގެ ތަރިންނާއި ފުޓްބޯޅައިގެ ތަޖުރިބާކާރު އަންނަނީ ޓީވީ ޝޯތަކުގައި ބުނަމުންނެވެ.
ބީޓީ ސްޕޯޓްސް އިން ރިޕޯޓްކުރާ ގޮތުގައި ވެންގާ ވަކިކުރަން އާސެނަލް ބޯޑަށް ހުށަހަޅާފައިވަނީ އެ ޓީމުގެ ރަޝިއާގެ މަހުޖަނު އަލީޝާ އުސްމާނޯފަށް ތާއީދުކުރާ މެމްބަރުންނެވެ. އެހެން ނަމަވެސް މި މައްސަލައިގައި ގޮތް ނިންމުމުގެ ބާރެއް އޮންނާނީ ކްލަބުގެ މެޖޯރިޓީ ހިއްސާދާރު އަދި ވެންގާއާ ގާތްގުޅުމެއް އޮންނަ އެމެރިކާގެ ސްޓެން ކްރޮއެންކޭ އަތުގަ އެވެ.
އާސެނަލަށް 1996 ވަނަ އަހަރުން ފެށިގެން ކޯޗުކޮށްދެމުން އަންނަ ވެންގާގެ ކޯޗުކަމުގައި މި ސީޒަނަކީ އެންމެ އުނދަގޫ އަހަރު ކަމަށް އޭނާ ވަނީ މީގެ ކުރިން ބުނެފަ އެވެ. އެހެން ނަމަވެސް އިނގިރޭސި ޕްރިމިއާ ލީގުގައި މިދިޔަ އާދިއްތަ ދުވަހު ބްރައިޓަން އަތުން ބަލިވި މެޗަށް ފަހު ވެސް ވެންގާ ވަނީ މަގާމުން އިސްތިއުފާ ނުދޭނެ ކަމަށް ބުނެފަ އެވެ.
ޕްރިމިއާ ލީގުގެ ގަދަ ހަތަރެއްގެ ތެރެއިން އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ޖާގަ ހޯދުމުގެ ފުރުސަތު އާސެނަލަށް ވަރަށް ބޮޑަށް ހަނިވެފައިވާއިރު، އެ ޓީމަށް ދެން ޗެމްޕިއަންސް ލީގުން ޖާގަ ލިބެން އޮތީ މި ސީޒަނުގެ ޔޫރޮޕާ ލީގު ކާމިޔާބު ކޮށްގެންނެވެ.
ސްޕެއިނުގެ މީޑީއާތަކުން ރިޕޯޓްކުރާ ގޮތުގައި އާސެނަލް ބޯޑުގެ ބައެއް މެމްބަރުން ވަނީ އެ ޓީމުގެ ޑިރެކްޓާ އޮފް ފުޓްބޯލް ރައުލްއާ މަޝްވަރާ ބައްދަލުވުންތަކެއް ބާއްވައިފަ އެވެ. އެ ބައްދަލުވުމުގައި މަޝްވަރާކޮށްފައިވަނީ ދެން އާސެނަލަށް ގެންނާނެ ކޯޗަކާ ގުޅޭގޮތުންނެވެ.