ކުރީގެ ޕޮލިސް ކޮމިޝަނަރު އަރީފް ހައްޔަރުކޮށްފި
ކުރީގެ ޕޮލިސް ކޮމިޝަނަރު އަރީފް ހައްޔަރުކޮށްފި

ކުރީގެ ޕޮލިސް ކޮމިޝަނަރު އަހުމަދު އަރީފް ދެންމެ ހައްޔަރުކޮށްފި އެވެ.

ކުރީގެ ޕޮލިސް ކޮމިޝަނަރު އަރީފް ހައްޔަރުކޮށްފި
ކުރީގެ ޕޮލިސް ކޮމިޝަނަރު އަރީފް ހައްޔަރުކޮށްފި

އަރީފް ހައްޔަރުކުރުމުގެ ކުރިން ފުލުހުން ވަނީ، އޭނާ ދިރިއުޅުއްވާ މ. ސްނޯރޯޒް އަށް ހެނދުނު 9:30 ހާއިރު ވަދެ އަރީފްގެ އެޕާޓްމެންޓް ފާސްކޮށްފަ އެވެ.

އަރީފް ދިރިއުޅުއްވާ އެޕާޓްމަންޓް ބަލައި ފާސްކޮށް އަދި އޭނާ ހައްޔަރުކުރީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ކަމަށް އެނގިފައި ވެ އެވެ. އޭނާ ހައްޔަރުކުރީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ވައްޓާލަން އުޅުމުގެ ތުހުމަތުގަ އެވެ.

އަރީފް ހައްޔަރުކުރިއިރު، މިދިޔަ މަހުގެ 2 ގައި، އޭނާ މަގާމުން ވަކިކުރުމާ އެކު ޕާސްޕޯޓު ވެސް އޮތީ ހިފަހައްޓައިފަ އެވެ.

އަރީފުގެ އިތުރުން ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒް ވެސް މިދިޔަ ހުކުރު ދުވަހު ވަނީ ހައްޔަރުކޮށްފަ އެވެ. ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުގެ ޕޮލިސް ކޮމިޝަނަރު އަދި ފަހުން އިދިކޮޅު ފަރާތްތަކާ ގުޅިގެން އިސްކޮށް މަސައްކަތް ކުރައްވާ ރިޔާޒް ހައްޔަރުކުރީ ސަރުކާރާ ދެކޮޅަށް މިދިޔަ ހުކުރު ދުވަހު ބޭއްވި މުޒާހަރާގެ ތެރެއިންނެވެ. ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުގައި ރިޔާޒް ވެސް ދޫނިދޫގައި ބަންދުކޮށްފައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުންނެވެ.

ސިޔާސީ ގޮތުން ސަރުކާރަށް ޕްރެޝަރު ބޮޑުވި ދަނޑިވަޅެއްގައި އަރީފް މަގާމުން ވަކިކުރީ، އޭނާގެ ފަރާތުން އެއްބާރުލުން ނުލިބޭ ކަމަށް ބުނެ އެވެ. ސިޔާސީ އިދިކޮޅު ލީޑަރުން ވެސް ހިމެނޭ ގޮތަށް ނުވަ ގައިދީއަކު ދޫކޮށްލަން ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން މިދިޔަ މަހުގެ 1 ގައި ނެރުނު އަމުރާ ގުޅޭގޮތުން މަޝްވަރާ ކުރަން ސަރުކާރުގެ އިސް ބޭފުޅުން ގުޅުއްވުމުން، އަރީފް ފޯނަށް ޖަވާބު ނުދެއްވި ކަމަށް ބަންޑާރަ ނައިބު މުހައްމަދު އަނިލް ވަނީ ޕްރެސް ކޮންފަރެންސެއްގައި ވިދާޅުވެފަ އެވެ.

އަރީފް މަގާމުން ވަކިކުރައްވަން ރައީސް އަބްދުﷲ ޔާމީން ނިންމެވީ، އެ މައްސަލާގައި ކަމަށް ވެސް ބަންޑާރަ ނައިބު ވިދާޅުވެފައި ވެ އެވެ.

ސިޔާސީ އިދިކޮޅު ލީޑަރުން ވެސް ހިމެނޭ ގޮތަށް ބަންދުގައި ތިބި ނުވަ ގައިދީއަކު ދޫކޮށްލަން ސުޕްރީމް ކޯޓުން ކުރި އަމުރާ މެދު ސަރުކާރުން ގޮތެއް ނުނިންމަނީސް، އެ އަމުރު ފުލުހުންގެ މުއައްސަސާ އިން ތަންފީޒުކުރައްވަން މަސައްކަތް ކުރެއްވި ކަމުގެ ތުހުމަތު އަރީފަށް ކުރެ އެވެ. އެ އަމުރުން ދައުލަތް ހިންގުން ހުއްޓުމަކަށް އަތުވެދާނެ ކަމަށް ކަނޑައަޅައި ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ ބެންޗަކުން ވަނީ ފަހުން އެ އަމުރު ބާތިލްކޮށްފަ އެވެ.

އަމުރު ބާތިލްކުރީ، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ރިޝްވަތުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނިކޮށެވެ. އެ އަމުރަކީ، ބޮޑެތި އަދަދުތަކުން ދެ ފަނޑިޔާރަކު ވެސް ހިމެނޭގޮތަށް ރިޝްވަތުގެ ފައިސާ ނަންގަވައި ސަރުކާރުން ވައްޓާލަން ހިންގި އަމަލުތަކެއް ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.