ނޭމާ ނެތި ވެސް ރެއާލް ބަލިކުރެވޭ ފެންވަރު އެބަހުރި: އަލްވޭސް
ނޭމާ ނެތި ވެސް ރެއާލް ބަލިކުރެވޭ ފެންވަރު އެބަހުރި: އަލްވޭސް

މެޑްރިޑް (މާޗް 6) - ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ދެ ވަނަ ލެގުގައި މިރޭ އަމިއްލަ ދަނޑުގައި ނޭމާ ނުލައި ވެސް ރެއާލް މެޑްރިޑް ބަލިކުރެވޭ ފެންވަރު ޕީއެސްޖީގެ އެބަހުރި ކަމަށް އެ ޓީމުގެ ފުލްބެކް ޑެނީ އަލްވޭސް ބުނެފި އެވެ.

ރެއާލް ދަނޑުގައި ޕީއެސްޖީ ބަލިވީ 3-1 އިންނެވެ. މިރޭގެ މެޗުން ސީދާ ދެ ލަނޑުގެ ތަފާތުން މޮޅުވެގެން ޕީއެސްޖީ އަށް ކުއާޓާގެ ޖާގައެއް ހޯދޭނެ އެވެ. މި މެޗަށް ނުކުންނައިރު ޕީއެސްޖީ އަށް ލިބިފައިވާ އެންމެ ބޮޑު ހިތްނުތަނަވަސް ކަމަކީ އެ ޓީމުގެ ތަރި ނޭމާ އަށް އަނިޔާވެ މި މެޗު ނުކުޅެވުމެވެ. އެހެން ނަމަވެސް އެ ޓީމުގެ ތަޖުރިބާކާރު ކުޅުންތެރިޔާ ބުނީ ނޭމާ ނެތަސް އެ ޓީމު ގޮތް ހުސްނުވާ ކަމަށެވެ.

"އަަހަރެމެން ގޮތް ހުހެއް ނުވޭ. ނޭމާ ނެތްތަން ދައްކާނެ. އެކަމަކު އެއީ އަހަރެމެންނަށް ދުނިޔެ ނިމުމެއް ނޫން. މިއީ ކޮޅަށް ތެދުވެ ޕީއެސްޖީގެ ފެންވަރު ސާބިތުކޮށްދޭންވީ ވަގުތު. މުޅި ޓީމު އޮތީ އެ ރޫހުގައި،" ކުރިން ބާސެލޯނާ އާއި ޔުވެންޓަސް އަށް ކުޅުނު އަލްވެސް ބުންޏެެވެ.

އޭނާ ބުނީ އަމިއްލަ ދަނޑުގައި ކުޅޭއިރު މި މެޗުން ޕީއެސްޖީ ބޭނުންވާ ނަތީޖާ ނެރުމަށް ސަޕޯޓަރުންގެ އެހީ ވަރަށް މުހިއްމު ކަމަށެވެ.

"މެޑްރިޑް ދަނޑުގައި އެ ޓީމަށް ވެސް ބޮޑަށް ލިބުނު އެޑްވާންޓޭޖަކީ ސަޕޯޓަރުން. އަހަރެމެން ވެސް ބޭނުން އަމިއްލަ ދަނޑުގައި އެ އެޑްވާންޓޭޖް ނަގަން. މި ކަހަލަ ޕްރެޝަރު މެޗެއްގައި އެއީ ވަރަށް މުހިއްމު ކަމެއް،" އަލްވެސް ބުންޏެވެ.

ނޭމާ ނެތްތަނަށް ފާއިތުވި މެޗުތަކުގައި ޕީއެސްޖީން ބޭނުންކުރީ ކުރިން ރެެއާލަށް ކުޅުނު އާޖެންޓީނާގެ ވިންގާ އެންހެލް ޑީ މާރިއާ އެވެ. ރެއާލުގެ ކޯޗު ޒިނެދިން ޒިދާން ބުނީ ނޭމާ ނެތުމަކީ ފަސޭހައެއް ކަމަށް ނުދެކޭ ކަމަށާއި ޑީ މާރިއާ ފަދަ ކުޅުންތެރިންގެ ނުރައްކާ ވެސް ބޮޑު ކަމަށެވެ.

"ނޭމާ އަކީ ވަރަށް މޮޅު ކުޅުންތެރިޔެއް. އެ ފަދަ ކުޅުންތެރިޔަކު ނެތްތަން ދައްކާނެ. އެކަމަކު ކާކު ބުނާނީ ޑީ މާރިއާ އަކީ ދަށް ކުޅުންތެރިޔެކޭ. ރަނގަޅު ދުވަހެއްގައި ޑީ މާރިއާ ވެސް ވާނެ ބޮޑު ނުރައްކަލަކަށް. މިއީ އަހަރެމެން ފުރަތަމަ ލެގުން ލީޑެއް ލިބިފައި އޮތަސް ވަރަށް ނުރައްކާ މެޗެއް،" ޒިދާން ބުންޏެވެ.

ޕީއެސްޖީން ވަނީ މީގެ ކުރިން ފުރަތަމަ ލެގުގައި ރެއާލް އަތުން 3-1 އިން ބަލިވެފައި އޮއްވައި ދެ ވަނަ ލެގުގައި ނަތީޖާ އަނބުރާލައިފަ އެވެ. އެއީ 1993 ވަނަ އަހަރުގެ ޔުއެފާ ސުޕަ ކަޕްގެ ކުއާޓާ ފައިނަލުގަ އެވެ. އެ ފަހަރު ދެ ވަނަ ލެގުން ޕީއެސްޖީ މޮޅުވީ 4-1 އިންނެވެ. އެ މެޗުގައި ޕީއެސްޖީ އަށް އެންމެ މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިޔަކީ މިހާރު ލައިބީރިޔާގެ ރައީސް ޖޯޖް ވެއާ އެވެ.

މިރޭ ޕީއެސްޖީ އާއި ރެއާލް ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން 00:45 ގަ އެވެ.