05 މާޗް 2018 - 22:17

ކެވިން ސްޕޭސީ މުހިއްމު ރޯލެއް ކުޅެމުން ދިޔަ ނެޓްފްލިކްސްގެ ކާމިޔާބު ސިލްސިލާ "ހައުސް އޮފް ކާޑްސް އިން" ގެ ހަ ވަނަ ސީޒަން ޝޯ ނިންމައިލާ ސީޒަނުން ވަކި ކުރުމަށް ފަހު، ބެލުންތެރިންނަށް ގެނެސްދޭ ސީޒަންގެ ޓީޒާ ޓްރެއިލާ ދައްކާލައިފި އެވެ.
ސިޔާސީ ކަންތައްގަނޑެއް ދައްކުވައިދޭ ސިލްސިލާގެ މައި ކެރެކްޓާއެއްގެ ގޮތުގައި މި ފަހަރު ފެނިގެން ދާނީ ކުރީގެ ސީޒަންތަކުގައި ވެސް މުހިއްމު ރޯލެއް ކުޅުނު ބަތަލާ ރޮބިން ރައިޓް ކުޅޭ ކެރެކްޓާ އެވެ. އޭނާ ފެނިގެންދާ ޓީޒާއާ އެކު "ހައުސް އޮފް ކާޑްސް 6" އަށް އިންތިޒާރު ކުރާ މީހުންނަށް، މި ފަހަރު އާ ކަންތައްތަކެއް ތަޖުރިބާކޮށްލަން ލިބޭނެ ކަމަށް ގަބޫލު ކުރެ އެވެ.
ސިލްސިލާގެ މައި ކެރެކްޓާއަކަށް ބަތަލާއަކު އައުމުން، މި ބަދަލު ވެސް ބެލުންތެރިން ބަލައި ގަންނަ ގޮތެއް ބަލަން ނެޓްފްލިކްސް އިން ވެސް ބޭނުން ވާނެ އެވެ.
އެކަމަކު ސްޕޭސީގެ މައްޗަށް ފެންމަތިވި ޖިންސީ ގޯނާތަކުގެ މައްސަލަތަކާ އެކު، މިދިޔަ އަހަރުގެ ނޮވެމްބަރުގެ ތެރޭގައި އޭނާއާ އެކު އޮތް ގުޅުން ނެޓްފްލިކްސް އެއްކޮށް ކަނޑާލި އިރު، ބުނެފައި ވަނީ ސްޕޭސީ ނެތުމުގެ ފަޅުކަމެއް "ހައުސް އޮފް ކާޑްސް" ފަހު ސީޒަނަކުން ވެސް އިހުސާސް ނުކުރެވޭނެ ކަމަށެވެ.
ހަ އެޕިސޯޑްގެ މައްޗަށް އެކުލެވޭ ހަ ވަނަ ސީޒަން ދައްކަން ފަށާނީ އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ. މީގެ ކުރިން ކޮންމެ ސީޒަނެއްގައި ދެއްކީ 13 އެޕިސޯޑެވެ.
ދެހާސް ތޭރައިން ފެށިގެން ބިއު ވިލިމަން ގެނެސްދޭ "ހައުސް އޮފް ކާޑްސް" ގެ ފަސް ސީޒަން މިހާތަނަށް ބެލުންތެރިން ބަލާފައިވާ އިރު، އެއީ ޖުމްލަ 65 އެޕިސޯޑެވެ.
އެންމެ ފަހުން ދެއްކި ސީޒަން ނިންމައި މިދިޔަ އަހަރުގެ ކުރީކޮޅު އެވެ. މި ސިލްސިލާ އަށް މިހާތަނަށް 8 ގޯލްޑެން ގްލޯބް އެވޯޑްސް ލިބިފައިވެ އެވެ.