05 މާޗް 2018 - 22:02

މިދިޔަ މަހުގެ ފަސްވަނަ ދުވަހު އިއުލާންކުރި ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން މިހާތަނަށް ހައްޔަރުކުރި މީހުންގެ ސައްހަ އަދަދު ހާމަކުރުމަށް އެމްޑީޕީން މިރޭ ގޮވާލައިިފި އެވެ.
މިހާތަނަށް 48 މީހަކު ހައްޔަރުކުރުމަށް ފަހު 47 މީހަކު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނި ނަމަވެސް، އެކަން ދޮގުކޮށް އެމްޑީޕީން ނެރުނު ނޫސްބަޔާނެއްގައި ބުނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމަށްފަހު ފުލުހުންގެ ތަފާސް ހިސާބުތައް ހާމަކުރަނީ ރައްޔިތުންނަށް އޮޅޭ ގޮތަށް ކަމަށެވެ.
"ޣައިރުގާނޫނީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތުގައި އެކިއެކި އިހުތިޖާޖުތަކުން ޖުމްލަ 48 މީހަކު ހައްޔަރުކުރި ކަމަށާއި އޭގެ ތެރެއިން 47 މީހުން ދޫކޮށްލާފައިވާ ކަމަށް ބުނެ މޯލްޑިވްސް ޕޮލިސް ސާވިސްއިން ކޮށްފައިވާ ޓްވީޓަކީ ކަމުގެ ހަގީގަތް ރައްޔިތުންނަށް ވަރަށް ބޮޑަށް އޮޅޭ ގޮތަށް ކޮށްފައިވާ ޓްވީޓެކެވެ." އެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.
އެ ޕާޓީން ބުނީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތުގެ ތެރޭގައި ހައްޔަރުކުރި މީހުންގެ އަދަދަކީ 110 ކަމަށެވެ. އޭގެ ތެރެއިން ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކުރި މީހުންގެ އަދަދު 36 އަށް އަރާފައި ކަމަށް ވެސް އެމްޑީޕީން ބުންޏެވެ.
އެ ޕާޓީން ދެކޭ ގޮތުގައި އެ 36 މީހުން މިހާރު ވެސް ތިބީ ބަންދުކޮށް ރަހީނުކޮށްފަ އެވެ. ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން 34 މީހަކު ބަންދުކޮށްފައި ތިބީ ދޫނިދޫގައި ކަމަށާއި ވިލިނގިލީ ޕޮލިސް ސްޓޭޝަނުގައި އެކަކު ހައްޔަރުކޮށްފައިވާ އިރު، ގޭބަންދުގައި ވެސް އެކަކު އެބަހުރި ކަމަށް ބަޔާނުގައިވެ އެވެ.
"ފުލުހުންގެ އެކިއެކި ލިޔެކިޔުންތަކުގައި އެ މުއައްސަސާގެ ބެލުމުގެ ދަށުގައިވާ މީސްމީހުންނާ ގުޅޭ ގޮތުން އާންމުކުރާ މައުލޫމާތު ރައްޔިތުންނަށް އޮޅޭ ގޮތަށް ހާމަ ކުރަމުންދާކަމީ މި ޕާޓީން އިންތިހާއަށް ކަންބޮޑުވާ ކަމެކެވެ. އެފަދަ ކަންކަން އެ މޭރުމުން ނުކުރުމަށް ރައީސް ޔާމީނަށާއި ފުލުހުންގެ މުއައްސަސާއަށް ގޮވާލަމެވެ." އެމްޑީޕީން ބުންޏެވެ.
އެ ނޫސްބަޔާނުގައި ބުނީ އެކި ކުށްކުށުގައި ހައްޔަރުކޮށް ބަންދުކުރާ މީހުނަށް ލިބެން ޖެހޭ އެންމެ އަސާސީ ހައްގުތަކާއި ހިދުމަތްތައް ވެސް ސަރުކާރުން ހިފަހައްޓާފައިވާ ކަމަށެވެ.
ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށްފައި ތިބި މީހުންގެ ތެރޭގައި ސިޔާސީ ލީޑަރުންނާއި ފަނޑިޔާރުންނާއި ޝަރުއީ ދާއިރާގައި މަސައްކަތްކުރާ ބޭފުޅުންނާއި މަޖިލީހުގެ މެންބަރުންނާއި ސިޔާސީ އެކްޓިވިސްޓުންގެ އިތުރުން ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި ފުލުހުންގެ އޮފިސަރުން ވެސް ހިމެނެ އެވެ. އެމްޑީޕީން ވަނީ އެ ހުރިހާ އެންމެން މިހާރުން މިހާރަށް މިނިވަންކުރުމަށް ގޮވާލައިފަ އެވެ.