"ރޭވުމުން" ގެ އާ ޓްރެއިލާއެއް
"ރޭވުމުން" ގެ އާ ޓްރެއިލާއެއް

މި މަހުގެ 24 ގައި ރިލީޒް ކުރަން ތާވަލުކޮށްފައިވާ އަމްޖަދު (އަމްޖޭ) އިބްރާހީމްގެ ފިލްމް "ރޭވުމުން" ގެ އާ ޓްރެއިލާއެއް ދައްކާލައިފި އެވެ.

މި ފިލްމަކީ މީގެ ކުރިން ވެސް އަމްޖޭ ބެލުންތެރިންނަށް ގެނެސް ދީފައިވާ ކަހަލަ ލޯބީގެ ބިރުވެރިި ފިލްމެކެވެ. އެހެންވެ މި ޖޯންރާ އަށް ލޯބި ކުރާ މީހުންނަށް އަމްޖޭ މި ފަހަރު ދޫކޮށްލަނީ ފިސާރި ފިލްމެކެވެ.

އޭނާގެ ބަހުރުވައިން ނަމަ "ރޭވުމުން" ވާނީ ބެލުންތެރިން ސިއްސުވައިލާނެ ވަރުގެ ފިސާރި ފިލްމަކަށެވެ. އަދި ފިލްމާ ބެހޭ ގޮތުން އަމްޖޭ ސޯޝަލް މީޑިއާ އަށް ބަންޑުންކޮށްލާފައި ހުރި ބައެއް ޝުއޫރުތަކަށް ބަލާ އިރު، މިއީ އަހަރު ދިވެހި ސިނަމާ އަށް އަންނާނެ އެންމެ ވަރުގަދަ ތިން ފިލްމްގެ ތެރެއިން އެއް ފިލްމަށް ވާނެ އެވެ.

އަމްޖޭ ބުނީ ފިލްމަށް މިހާރު ވެސް ގިނަ ބަޔަކު ޝައުގުވެރިކަން ފާޅުކުރަމުން އަންނަ ކަމަށެވެ. "ރޭވުމުން" އަކީ އަމްޖޭގެ އަމިއްލަ ސްކްރީންޕްލޭއަކަށް އޭނާ ޑައިރެކްޓް ކުރި 52 ވަނަ ފިލްމެވެ.

އަލަށް މި ދައްކައިލި ޓްރެއިލާއާ އެކު އަމްޖޭ އެ ބުނާ ވަރުގެ ފިލްމަކަށް "ރޭވުމުން" ވާނެތޯ ބަލައިލަން ޓްރެއިލާ ބަލައިލާށެވެ. ފިލްމްގެ އެންމެ މުހިއްމު އެއް ތަރިއަކީ އަލަށް ތައާރަފުވާ ނާޖިފާ އެވެ. އޭނާއާ އެކު "ރޭވުމުން" ލީޑް އެކްޓަރެއްގެ ގޮތުގައި ފެނިގެން ދާނީ މުހައްމަދު މަނިކެވެ.

އިތުރު ކާސްޓުންގެ ތެރޭގައި މަރިޔަމް ޝަކީލާ، އަހުމަދު (ތަޖޫބެ) ޝާޒް އަދި ފައުޒިއްޔާ ހަސަން ފަދަ ތަރިން ހިމެނެ އެވެ.

"ރޭވުމުން" ވެގެން ދާނީ މި އަހަރު އަޅުވާ ތިން ވަނަ ފިލްމަށެވެ. އޮލިމްޕަހުގައި މިހާރު ދައްކަމުން އަންނަނީ މިރޭ ޕްރިމިއާ ކުރި ޑާކް ރެއިން އެންޓަޓައިންމަންޓްގެ "ވަކިން ލޯބިން" އެވެ.