އެމެރިކާގެ ކާލް ވިންސަން މަނަވަރު ވިއެޓްނާމަށް ތާރީޚީ ޒިޔާރަތެއް
އެމެރިކާގެ ކާލް ވިންސަން މަނަވަރު ވިއެޓްނާމަށް ތާރީޚީ ޒިޔާރަތެއް

ހެނޮއީ (މާޗް 5) - އެމެރިކާގެ މަތިންދާ ބޯޓު އުފުލާ މަނަވަރު ކާލް ވިންސަން ވިއެޓްނާމަށް ތާރީޚީ ޒިޔާރަތެއް ކޮށްފި އެވެ.

މިއީ ވިއެޓްނާމް ހަނގުރާމަ އަށް ފަހު އެމެރިކާގެ މިހާ ބޮޑު މަނަވަރެއް އެ ގައުމަށް ޒިޔާރަތް ކުރި ފުރަތަމަ ފަހަރެވެ. މަނަވަރު އެންކަރުކޮށްފައި ވަނީ ބަނދަރުމަތީ ސިޓީއެއް ކަމަށްވާ ޑަނަންގްގަ އެވެ. މިއީ ހަނގުރާމައިގެ ދުވަސްވަރު އެމެރިކާގެ ކޮމްބެޓް ސިފައިން ފުރަތަމަ އެރި ރަށެވެ. ކާލް ވިންސަން އިން 90 ހަނގުރާމަތީ މަތިންދާ ބޯޓު އުފުލެ އެވެ.

ކާލް ވިލްސަން ވިއެޓްނާމަށް ދަތުރުކުރީ ދެ ގައުމުގެ އަސްކަރީ ގުޅުން ރަނގަޅުވާކަން ދެއްކުމަށް ކަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ. އަނެއް ބަޔަކު ބުނަނީ އެއީ ސައުތު ޗައިނާ ކަނޑުގައި ޗައިނާ އިން އަތްގަދަ ކުރަމުން ގެންދާތީ އެ ގައުމަށް މެސެޖެއް ދޭން އެމެރިކާ އިން ކުރި ކަމެއް ކަމަށެވެ. ސައުތު ޗައިނާ ކަނޑުގެ ހުރިހާ ރަށަކީ ޗައިނާގެ ތަންތަން ކަމަށް އެ ގައުމުން ބުނަމުންދާ އިރު ވިއެޓްނާމުން ވެސް ދަނީ ބައެއް ރަށްތަކުގެ މިލްކުވެރިކަމަށް ދައުވާ ކުރަމުންނެވެ.

އެމެރިކާގެ ހަނގުރާމަ މަތީ ބިޔަ މަނަވަރެއް ވިއެޓްނާމަށް ދަތުރުކުރި އިރު ޗައިނާ އިން ވަނީ ޓްރިލިއަން ޔެންގެ ބޮޑު އަސްކަރީ ބަޖެޓެއް އިއުލާން ކޮށްފަ އެވެ.

ވިއެޓްނާމް ހަނގުރާމައިގައި އެ ގައުމުގެ އެތައް މިލިއަން ބަޔަކު މަރުވި ކަމަށް ވިއެޓްނާމުން ބުނެ އެވެ. އެ ހަނގުރާމައިގައި އެމެރިކާގެ 58،000 ސިފައިން ވަނީ މަރުވެފަ އެވެ.