05 މާޗް 2018 - 20:05

ޕިއޮންޔޮން (މާޗް 5) - ނޯތު ކޮރެއާ އަށް މިހާރު ވަޑައިގެން އުޅުއްވާ ސައުތު ކޮރެއާގެ ވަފުދުގެ ބޭފުޅުންނާ ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުން ބައްދަލު ކުރައްވާ، ރޭގަނޑުގެ ފަރިއްކޮޅެއް ދެއްވައިފި އެވެ.
މިއީ ނޯތު ކޮރެއާގެ ލީޑަރު ކަމަށް 2011 ވަނަ އަހަރު ކިމް ވަޑައިގެންނެވި ފަހުން ސައުތު ކޮރެއާގެ އޮފިޝަލުންތަކަކާ ބައްދަލު ކުރެއްވި ފުރަތަމަ ފަހަރެވެ. މި ބައްދަލުވުން ބޭއްވިކަން ސައުތު ކޮރެއާގެ ރައީސްގެ އޮފީހުން ވެސް ވަނީ ޔަގީންކޮށްދީފަ އެވެ.
ނޯތު ކޮރެއާގެ 10 މީހުންގެ ވަފުދެއް ސައުތު ކޮރެއާ އަށް ދަތުރުކޮށްފައި މި ވަނީ ދެ ގައުމުގެ މެދުގައި މަޝްވަރާތައް ފެށުމަށް މަގުފަހި ކުރުމަށެވެ. ސައުތު ކޮރެއާގެ ވަފުދުގައި ދެ މިނިސްޓަރުން ވެސް ހިމެނެ އެވެ. މިދިޔަ މަހު ސައުތު ކޮރެއާގައި ނިމުނު ވިންޓަ އޮލިމްޕިކްސް އަށް ފަހު ދެ ގައުމުގެ ގުޅުން ވަނީ ރަނގަޅުވާން ފަށައިފަ އެވެ. އޮލިމްޕިކްސްގެ ފެށުމާއި ނިންމުމުގެ ރަސްމިއްޔާތަށް ނޯތު ކޮރެއާ އިން ވަނީ މަތީ ފެންވަރުގެ ވަފުދެއް ސައުތު ކޮރެއާ އަށް ފޮނުވައިފަ އެވެ.
ދެ ކޮރެއާގެ މެދުގައި މަޝްވަރާތައް ފެށި ނަމަވެސް އެމެރިކާ އިން ވާހަކަތަކުގައި ބައިވެރިވާނެ ކަމަށް ބުނެފައެއް ނުވެ އެވެ. ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައި ވަނީ ނޯތު ކޮރެއާއާ އެކު މަޝްވަރާތައް ފެށުމުގެ ކުރިން އެ ގައުމުން ނިއުކްލިއާ ހަތިޔާރު ނައްްތާލަން ޖެހޭނެ ކަމަށެވެ.