05 މާޗް 2018 - 19:48

ދިމިޝްގު (މާޗް 5) - ސީރިއާގެ އިރުމަތީ ޣޫތާގައި ހަމަލާތައް ވަރުގަދަވެ އާއްމު ރައްޔިތުން ބަނޑަށްޖެހިފައި ވަނިކޮށް އެންމެ ފަހުން އެހީގެ ތަކެތި އެ ސިޓީ އަށް ވައްދަން ފަށައިފި އެވެ.
މިދިޔަ ފެބްރުއަރީ މަހު މެދަކާ ހަމައިން ހަމަލާތައް ދެމުން ގެންދާ އިރުމަތީ ޣޫތާ އަށް ފުރަތަމަ ވައްދާފައި ވަނީ އދ. އިން ފޮނުވި 40 ޓްރަކުގެ ތަކެއްޗެވެ. މިއީ ގާތްގަނޑަކަށް 27،500 މީހުންނަށް ބޭނުންވާ އެހީ އެވެ. އިރުމަތީ ޣޫތާ އަށް ސީރިއާ ސިފައިން ދޭ ވައިގެ ހަމަލާތައް ހުއްޓާލުމަށް ސަލާމަތީ މަޖިލީހުން ގަރާރެއް ފާސްކުރި ނަމަވެސް ހަމަލާތަކަށް މެދުކެނޑުމެއް އައިސްފައެއް ނުވެ އެވެ. ދެ ހަފުތާގެ ހަމަލާތަކުގައި މިހާތަނަށް ވަނީ އާއްމުންގެ 719 މީހުން މަރުވެފަ އެވެ. މިދިޔަ އާދިއްތަ ދުވަހު ދިން ހަމަލާތަކުގައި ވެސް ވަނީ އާއްމުންގެ 14 މީހުން މަރުވެފަ އެވެ.
ވެރިރަށް ދިމިޝްގުގެ އިރުން އޮންނަ ދަނޑުވެރި ސިޓީ އަށް ދޭން ފެށި ހަމަލާތަކުގައި މިހާތަނަށް ވަނީ 5،640 މީހުން މަރުވެފަ އެވެ.
ސީރިއާ އާއި ރަޝިޔާ ސިފައިން ދޭ ހަމަލާތަކުގައި އިރުމަތީ ޣޫތާގެ ތިންބައިކުޅަ އެއްބައި ސަރަހައްދެއް މިހާރު ވަނީ ހިފައިފަ އެވެ. ރައީސް ބައްޝާރުލް އަސަދު އިއްޔެ ވިދާޅުވެފައި ވަނީ އިރުމަތީ ޣޫތާ އަށް ދޭ ހަމަލާތަކަށް މެދުކެނޑުމެއް ނުގެންނާނެ ކަމަށެވެ.