05 މާޗް 2018 - 20:04

އިންޑިއާއިން ބާރުގެ ބޭނުންކޮށްގެން ރާއްޖޭގެ ވެރިކަން ބަދަލުކުރަންޖެހޭ ސަބަބެއް ނެތް ކަމަށާއި ރާއްޖެ އޮތީ ނޮވެމްބަރު 3 ގައި ދިމާވި ފަދަ އުދުވާނީ ހަމަލާއެއްގެ ތެރޭގައި ނޫން ކަމަށް އިންޑިއާގެ ކުރީގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު އަދި ކުރީގެ ފޮރިން ސެކްރެޓަރީ ޝިވްޝަންކަރް މެނޮން ވިދާޅުވެއްޖެ އެވެ.

ނޮވެމްބަރު 3، 1988 ގައި ދިވެހިންގެ ބަޔަކު ސްރީ ލަންކާގެ ޕްލޯޓް ޖަމާއަތުގެ ހަނގުރާމަވެރިންނާ އެކު ރާއްޖެއަށް އަރައި ވެރިކަން ވައްޓާލަން ދިން އުދުވާނީ ހަމަލާއާ ގުޅިގެން އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އެދިވަޑައިގަތުމަށް އިންޑިއާއިން ވަނީ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އަސްކަރީ އެހީތެރިކަން ދީފަ އެވެ.
އިންޑިއާގެ ނެޝަނަލް އިންސްޓްޓިއުޓް އޮފް ޓެކްނޮލޮޖީގައި ބޭއްވި ރަސްމިއްޔާތެއްގައި، ރާއްޖެއާ މެދު އިންޑިއާއިން ގެންގުޅޭ ސިޔާސަތު ދިފާއުކުރައްވައި ވާހަކަ ދައްކަވަމުން މެނޮން ވިދާޅުވީ ރާއްޖޭގައި ވަކި މީހަކު ވެރިކަމުގައި ބެހެއްޓުމުގެ މަސްލަހަތެއް އިންޑިއާ އަށް އޮތް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.
"ރާއްޖޭގެ ސަރުކާރު އިންޑިއާއިން ކަނޑައަޅަންޖެހޭ މަސްލަހަތެއް އޮތް ކަމަކަށް ނުދެކެން،" ބޮޑުވަޒީރު މަންމޯހަން ސިންގްގެ ވެރިކަމުގައި 2011 އިން 2014 އަށް ގައުމީ ސަލާމަތާ ބެހޭ މުޝީރުކަން ކުރެއްވި މެނޮން ވިދާޅުވި އެވެ.
ސިޔާސީ ބައެއް ބޭފުޅުން ވެސް ހިމެނޭ ގޮތަށް ނުވަ މީހަކު ޖަލުން މިނިވަންކުރުމަށް މިދިޔަ މަހުގެ 1 ވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ނުކޮށް، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުމުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އިންޑިއާގެ އަސްކަރީ އެހީތެރިކަމާ އެކު ރާއްޖޭގެ މައްސަލަތައް ހައްލުކޮށްދިނުމަށް އެދިވަޑައިގެންފަ އެވެ. މިކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ނޮވެމްބަރު 3 ގެ ހާދިސާއަށް އިޝާރާތް ކުރައްވައި، މޮނޮން ވިދާޅުވީ ދެ ހާލަތު ވަރަށް ތަފާތު ކަމަށެވެ.
"މިހާރުގެ ހާލަތު މުޅިން ތަފާތު. އިންޑިއާއިން އަވަސް އަރުވާލައިގެން އެއްވެސް ކަމެއް ނުނިންމޭނެ،" ފިޔަވަޅެއް އެޅުމުގެ ކުރިން ވަރަށް ގިނަ ގޮތްގޮތުން އިންޑިއާ އިން ވިސްނަންޖެހޭނެކަން ފާހަގަކުރައްވަމުން މެނޮން ވިދާޅުވި އެވެ.
ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން ކުރި އަމުރު ތަންފީޒު ނުކުރުމުން އިންޑިއާއިން ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށް ބަޔާންތައް ނެރެފަ އެވެ. އެ އަމުރު ނެރުނު ފަހުން، ރިޝްވަތުގެ ތުހުމަތާއި ވެރިކަން ވައްޓާލަން އުޅުމުގެ ތުހުމަތުކޮށް އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށް ދެން ތިއްބެވި ތިން ފަނޑިޔާރުން ވަނީ ކުރީގެ އަމުރުން ބައެއް ބާތިލްކުރައްވައި ބައެއް ބައިތަކަށް އަމަލުކުރުން ފަސްކުރަން އަމުރެއް ނެރުއްވައިފަ އެވެ. ނަމަވެސް އިންޑިއާއިން ގޮވާލަނީ ފަސް ފަނޑިޔާރުންގެ ބެންޗުން ނެރުނު އަމުރު ފުރިހަމަޔަށް ތަންފީޒު ކުރުމަށެވެ.