05 މާޗް 2018 - 15:52

ފަނޑިޔާރުން މަގާމުން ވަކިކުރުމުގައި އަމަލުކުރާ އިޖްރާއާތުތަކަށް ބަދަލު ގެންނަން ފަނޑިޔާރުންގެ ގާނޫނަށް، ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ރައްޔިތުންގެ މަޖިލީހަށް މިއަދު ބިލެއް ހުށަހަޅުއްވައިފި އެވެ.
ފަނޑިޔާރުންގެ ގާނޫނުގެ ބައެއް މާއްދާތަކަށް ބަދަލު ގެންނަން އޭނާ ބިލެއް ހުށަހަޅާފައިވާ ކަން ޕީޕީއެމް ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ދެންމެ ކުރެއްވި ޓްވީޓެއްގައި ވަނީ ވިދާޅުވެފަ އެވެ. އެކަމަކު އިސްލާހު ގެންނަން ހުށަހެޅީ ކޮން މާއްދާތަކަކަށް ކަމެއް ސާފެއް ނުވެ އެވެ.
ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމާ ގުޅޭ ގޮތުން މިހާރުގެ ގާނޫނުގައި ކަނޑައަޅާފައި ހުރި ބައެއް އުސޫލުތަކަށް ބަދަލު ގެންނަން ބިލުގައި ހިމަނައިފައިވާކަން "މިހާރު" އަށް ވަނީ އެނގިފަ އެވެ.
އެގޮތުން ޖިނާއީ ކުށެއް ސާބިތުވެއްޖެ ނަމަ އެ މައްސަލަތަކުގެ އިސްތިއުނާފް މަރުހަލާ ވެސް ވަކި މުއްދަތެއްގެ ތެރޭގައި ނިންމަން ބިލުގައި ހިމެނޭ ކަމަށްވެ އެވެ. އެކަމަކު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ އަދަދު އިތުރުކުރަން އެ ބިލުގައި ހިމަނާފައި ނުވާ ކަމަށްވެ އެވެ.
ގާނޫނު އަސާސީ ބުނާ ގޮތުން ފަނޑިޔާރަކު މަގާމުން ވަކިކުރެވޭނީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުށަހަޅާ ހުށަހެޅުމަކަށް ބިނާކޮށް، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ބައިވެރިވާ މެމްބަރުންގެ ތިން ބައި ކުޅަ ދެ ބައި މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.
ސަރުކާރު ކޯލިޝަނުން އެ ބިލް މަޖިލީހަށް ހުށަހެޅިއިރު އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ޖިނާއީ ތުހުމަތުތަކެއް ކޮށް، އެ ދެ ބޭފުޅުން މިވަގުތު ތިއްބެވީ ހައްޔަރުކޮށްފަ އެވެ. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް އެ ދެ ބޭފުޅުން ހައްޔަރުކުރީ ރިޝްވަތާއި ސަރުކާރު ބަދަލުކުރަން އުޅުމުގެ ތުހުމަތުތަކެއްގަ އެވެ.
ކުއްލި ނުރައްކަލުގެ ހާލަތު، ރައީސް އަބްދުﷲ ޔާމީން އިއުލާންކުރެއްވީ، ހުކުމުގައި ތިބި ސިޔާސީ ލީޑަރުން ވަގުތުން މިނިވަންކުރަން ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ފަހު އެވެ.