05 މާޗް 2018 - 14:57

ގުއަޓަމާލާ ސިޓީ (މާޗް 5) - އިޒްރޭލުގައި ހުރި ގުއަޓެމާލާ އެމްބަސީ ވެސް އަންނަ މެއި މަހު ގުދުސް އަށް ބަދަލު ކުރާނެ ކަމަށް އެ ގައުމުގެ ރައީސް އިއުލާން ކުރައްވައިފި އެވެ.
ލެޓިން އެމެރިކާގެ ގައުމުގެ އެމްބަސީ ގުދުސް އަށް ބަދަލު ކުރަނީ އެމެރިކާ އެމްބަސީ ގުދުސް އަށް ބަދަލުކުރާތާ ދެ ދުވަސް ފަހުންނެވެ.
ގުއަޓެމާލާގެ ރައީސް ޖިމީ މޮރޭލްސް ވިދާޅުވީ އިޒްރޭލުގެ ވެރިރަށަކީ ގުދުސް ކަމަށް ބަލައިގަތުމަކީ އެ ގައުމުގެ މިނިވަން ނިންމުމެއް ކަމަށެވެ.
"މިކަމުގައި އިސް ނެގީތީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން،" މޮރޭލްސް ވިދާޅުވި އެވެ. "މިއީ އިޒްރޭލަށް ގުއަޓެމާލާގެ ތާއީދު އޮތްކަން ދައްކުވައި ދިނުމުގެ ހެއްކެއް. އެހެން ގައުމުތަކުން ވެސް މި ގޮތަށް އަމަލު ކުރާނެ ކަމަށް އުއްމީދު ކުރަން."
ތެލް އަވީވުގައި ހުރި އެމެރިކާ އެމްބަސީ ގުދުސް އަށް ބަދަލު ކުރާނެކަން ޓްރަމްޕް އިއުލާން ކުރެއްވީ ޑިސެމްބަރު މަހު އެވެ. އަދި އިޒްރޭލުގެ ވެރިރަށަކީ ގުދުސް ކަމަށް އެމެރިކާ އިން ބަލައިގަންނަކަން ޓްރަމްޕް ވަނީ އިއުލާން ކުރައްވައިފަ އެވެ. އަދި ޓްރަމްޕުގެ އެ ނިންމެވުމަށް މުޅި ދުނިޔޭގެ ނުރުހުން ވަނީ އަމާޒުވެފަ އެވެ. އިޒްރޭލުގެ ނިންމުމާ ދެކޮޅަށް ޖެނެރަލް އެސެމްބްލީގައި ޑިސެމްބަރު 21 ވަނަ ދުވަހު ނެގި ވޯޓުގައި ގުއަޓެމާލާއާ އެކު އެމެރިކާ އަށް ތާއީދު ކޮށްފައި ވަނީ ހަތް ގައުމަކުންނެވެ.
ގުދުސްގައި އެމްބަސީ ހުޅުވަން އެމެރިކާ އިން ނިންމާފައި ވަނީ މެއި 14 ވަނަ ދުވަހު އެވެ. އެއީ އިޒްރޭލް އުފެދުނުތާ 70 އަހަރު ފުރޭ މުނާސަބަތާ ދިމާކޮށެވެ.