"މެންޓަލް ހޭ ކިޔާ" އަކީ ކަންގަނާގެ ތަފާތު ފިލްމަކަށް ވާނެ
"މެންޓަލް ހޭ ކިޔާ" އަކީ ކަންގަނާގެ ތަފާތު ފިލްމަކަށް ވާނެ

ބަތަލާ ކަންގަނާ ރަނާވަތު ބައެއް ފަހަރު އުޅޭ ގޮތުންނާއި ދައްކާ ބައެއް ވާހަކަތަކުން އޭނާއަކީ ކުޑަކޮށް މޮޔަވައްތަރު މީހެކޭ ބުނާ މީހުން ވެސް މަދެއް ނޫނެވެ. ތިން ފަހަރަށް ނެޝަނަލް އެވޯޑް ހޯދި ބަތަލާ ކުޅެފައިވާ ފިލްމްތަކުގެ ތެރޭގައި ވެސް އޭނާގެ އަސްލު މިޒާޖާ ވަރަށް ގުޅޭ ކަހަލަ ފިލްމްތަކެއް އެބަ ހުއްޓެެވެ. އޭގެ ތެރޭގައި "ވޯ ލަމްހޭ" އާއި "ފެޝަން" ފާހަގަކޮށްލެވެ އެވެ. އެ ދެ ފިލްމްގައި ވެސް އޭނާ ކުޅެފައި ހަމައިން ނެއްޓިފައި ހުންނަ ކަހަލަ މީހެއްގެ ކެރެކްޓާ އެވެ.

ކަންގަނާ، 30، ގެ ކުރިއަށް ހުރި ފިލްމްތަކަށް ބަލާ އިރު މިއޮތީ ސީދާ އޭނާ ނިސްބަތްވާ ކަހަލަ ނަމެއް ދީފައިވާ ފިލްމެކެވެ. އެއީ "މެންޓަލް ހޭ ކިޔާ" އެވެ. މި ފިލްމަކީ އޭނާގެ ވަރަށް ތަފާތު ރޯލެއް ފެނިގެން ދާނެ ފިލްމެއްކަން ފިލްމްގެ ޕޯސްޓަރުން ވެސް އެނގެ އެވެ.

އެކްތާ ކަޕޫރް ޕްރޮޑިއުސްކޮށް، ތަމަޅަ ޑައިރެކްޓަރު ޕްރަކާޝް ކޮވެލަމުޑީ ޑައިރެކްޓް ކުރާ ސައިކޮލޮޖިކަލް ތުރިލާގައި ކަންގަނާއާ އެކު ބަތަލެއްގެ ގޮތުގައި ފެނިގެން ދާނީ "ކްއީން" ގައި ވެސް އޭނާއާ އެކު މަސައްކަތް ކުރި ރާޖްކުމާރް ރާއޯ އެވެ. ފާހަގަކޮށްލެވޭ ކަމަކީ ކަންގަނާއެކޭ އެއްގޮތަށް ރާޖްކުމާރަކީ ވެސް ނެޝަނަލް އެވޯޑް ހޯދާފައިވާ އެކްޓަރެއްކަމެވެ.

"މެންޓަލް ހޭ ކިޔާ" ގެ ދެ ޕޯސްޓަރެއް ދައްކައިލި ނަމަވެސް، ފިލްމް ސިނަމާތަކަށް އަންނާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.

މިދިޔަ އަހަރު ރިލީޒްކޮށް ބޮޑު ފްލޮޕަކަށްވި "ސިމްރަން" އަށް ފަހު، ކަންގަނާ މި ވަގުތު މަސައްކަތް ކުރަމުން އަންނަނީ ތާރީހީ ފިލްމް "މަނިކަރްނިކާ: ދަ ކްއީސް އޮފް ޖާންސީ" ގަ އެވެ. މި ފިލްމްގައި އޭނާ ފެނިގެން ދާނީ ވަރުގަދަ އަންހެން ވޮރިއޯއެއްގެ ރޯލުންނެވެ.

ރާޖްކުމާރް ދެން އެންމެ އަވަހަށް ފެންނާނީ ޖުލައި 13 ގައި ރިލީޒްކުރާ ފިލްމް "ފޭން ހާން" އިންނެވެ. އެއީ އައިޝްވާރިޔާ ރާއީ އާއި އަނިލް ކަޕޫރާ އެކުގަ އެވެ.