އިންތިހާބުތަކުގައި ފޯކަލް ޕޮއިންޓު ކަނޑައެޅުން ކައުންސިލްތަކަށް
އިންތިހާބުތަކުގައި ފޯކަލް ޕޮއިންޓު ކަނޑައެޅުން ކައުންސިލްތަކަށް

ރަށްރަށުގައި އިންތިހާބުތައް ކުރިއަށް ގެންދަން އިލެކްޝަންސް ކޮމިޝަނުން އުފައްދާ ފޯކަލް ޕޮއިންޓްތައް، ކަނޑައެޅުމުގެ ބާރު ރަށު ކައުންސިލްތަކަށް ދީފި އެވެ.

ލޯކަލް ކައުންސިލާއި އާންމު އިންތިހާބު އަދި ރިޔާސީ އިންތިހާބު ރަށްރަށުގައި ކުރިން ކުރިއަށް ގެންދަނީ އެކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާ ވަކި ބައެކެވެ. އަދި އިންތިހާބާ ގުޅޭ ހުރިހާ ކަމެއް ކުރިއަށް ގެންދަން ފޯކަލް ޕޮއިންޓްތަކަށް ހަރަދު ކުރަނީ ވެސް އެ ކޮމިޝަނުންނެވެ.

އެކަމަކު މިއަދު އިލެކްޝަންސް ކޮމިޝަނާއި ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)އާ ވި އެއްބަސްވުމެއްގެ ދަށުން ދެން އިންތިހާބާ ގުޅޭ ކަންކަން ބަލަހައްޓާނީ ކައުންސިލްތަކުން ނުވަތަ އެތަނުން ކަނޑައަޅާ ބައެކެވެ.

އީސީގެ މެމްބަރު އަހުމަދު އަކުރަމް ވިދާޅުވީ އިންތިހާބުތަކާ ގުޅޭ ކަންކަން ކުރުމަށް ފޯކަލް ޕޮއިންޓްތަކަށް މީގެ ކުރިން ގަނޑުކޮށް ގިނަ އަދަދެއްގެ ފައިސާ ފޮނުވުމުން އެ ފައިސާ ހިފައިގެން ފިލުން ފަދަ ބޮޑެތި މައްސަލަތައް ހިނގާފައިވާ ކަމަށެވެ. އެކަންކަމާ ޒިންމާވާނެ ފަރާތެއް ނުހުންނަ ކަމަށާއި އެހެންވެ، އެކަން ކުރުން ކައުންސިލްތަކާ ހަވާލުކުރީ ކަމަށް އޭނާ ވިދާޅުވި އެވެ.

"މީގެ ކުރިން އެބަހުރި މިލިޔަނުން ފައިސާ ހިފައިގެން ފިލާފައި. އަދި ވޯޓު ފޮއްޓާއި ކަރުދާސް އެބަހުރި ގޭގޭގެ ކޮޓަރި ތެރޭގައި ބަހައްޓާފައި. އެހެންވެ، އަޅުގަނޑުމެން ބޭނުންވީ ކައުންސިލުން މިކަންތައްތައް ބަލަހައްޓައި، ޒިންމާވާނެ ފަރާތެއް ބަހައްޓައިގެން މިކަން ކުރަން،" އަކުރަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ މަސައްކަތް ދެން ކުރާނީ ކައުންސިލްގެ ޒިންމާދާރު ވެރިޔާ ނުވަތަ ކައުންސިލް އިދާރާއިން ކަނޑައަޅާ ބައެއް ކަމަށެވެ.

މީގެ އިތުރުން ރަށްރަށުން ކުރިމަތިލާނެ ކެންޑިޑޭޓުންގެ އަދަދާއި ވޯޓު ފޮށި ބަހައްޓާނެ ސަރަހައްދުތައް ކަނޑައެޅުން ފަދަ ކަންކަން އަވަސް ކުރުމަށް މި އެމްއޯޔޫގެ ދަށުން އެއްބަސްވެފައިވާ ކަމަށް ވެސް އީސީން ބުންޏެވެ.

ރަށްރަށުގައި ތިބޭ ކައުންސިލަރުންގެ އަދަދު ކަނޑައަޅަނީ އެ ރަށެއްގެ އާބާދީއަށް ބަލައިގެންނެވެ. ކައުންސިލަރުންގެ އަދަދު މި މަހުގެ ކުރިން އިލެކްޝަންސް ކޮމިޝަނަށް އަންގަން އޮތް ނަމަވެސް ބައެއް ކައުންސިލްތަކުން އެ މައުލޫމާތު އަދިވެސް ނުފޮނުވާ ކަމަށް އީސީން ބުންޏެވެ.

އިލެކްޝަންސް ކޮމިޝަނުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެމްއޯޔޫގައި އީސީގެ ފަރާތުން ރައީސް އަހުމަދު ސުލައިމާނު ސޮއިކުރެއްވި އިރު އެލްއޭޖީގެ ފަރާތުން ސޮއިކުރެއްވީ ނައިބު ރައީސް މޫސާ ނަސީރެވެ.