ސަނީ ލިއޯން އަށް އެއްމާބަނޑު ދެ ކުދިން ލިބިއްޖެ
ސަނީ ލިއޯން އަށް އެއްމާބަނޑު ދެ ކުދިން ލިބިއްޖެ

މިދިޔަ އަހަރު އަންހެން ކުއްޖަކު އެޑޮޕްޓް ކުރި ބޮލީވުޑްގެ މަޝްހޫރު ބަތަލާ ސަނީ ލިއޯނީ އަށް އެއްމާބަނޑު ދެ ފިރިހެން ކުދިން ލިބިއްޖެ އެވެ. މި ފަހަރު ދެ ކުދިން ލިބުނީ ސަރޮގެސީ ހަދައިގެންނެވެ.

ފިރިމީހާ ޑެނިއަލް ވެބާ އާއި ސަނީ އަށް ލިބުނު ދެ ކުދިންގެ ފޮޓޯ އާއި ނަން ވެސް ސަނީ ވަނީ އިސްޓަގްރާމްގައިި ހިއްސާކޮށްފަ އެވެ.

މި ފަހަރު ލިބުނު ދެ ކުދިންނަށް ކިޔަނީ އަޝާ ސިންގް ވެބާ އާއި ނޯއާ ސިންގް ވެބާ އެވެ. މިދިޔަ އަހަރު އެޑަޕްޓް ކުރި އަންހެން ދަރިފުޅުގެ ނަމަކީ ނިޝާ ކޯރް ވެބާ އެވެ.

ފިލްމް "ޖިސްމް 2" އިން 2012 ގައި ބޮލީވުޑަށް ނުކުތް ބަތަލާ ބުނީ އާއިލާ އަށް އިތުރު ދެ ކުދިން އައުމަކީ ވަރަށް އުފާވެރި އިހުސާސްތަކެއް ކުރުވާ ކަމަށާއި ވަރަށް ބޮޑު އުފަލެއް ލިބިފައިވާ ކަމަށެވެ. އަދި ސަރޮގެސީ ހަދައިގެން ކުދިން ހޯދަން ނިންމީ އެކަމަށް ޕްލޭންކޮށްގެން ކަމަށް ވެސް ބުންޏެވެ.

ސަނީ، 36، ބުނީ އެއް ފަހަރާ ދެ ކުދިން ލިބޭނެ ކަމަށް ކުރިން އުންމީދު ނުކުރާ ކަމަށެވެ.

އުފަލުން ހުރި ސަނީގެ ފިރިމީހާ ޑެނިއަލް ވެސް ބުނީ އާއިލާ އަށް އިތުރުވި އާ މެމްބަރުންނާ އެކު ހަޔާތުގެ ދަތުރު އަދި ކުރިއަށް އޮތީ ކަމަށާއި ލޯބިލޯބި އާއިލާއެއް ލިބިފައިވާތީ ފަހުރުވެރިވާ ކަަމަށެވެ.

މި ފަހުން ސަރޮގެސީ ހަދައިގެން ދަރިން ހޯދި ބޮލިވުޑް މަޝްހޫރު މީސްމީހުންގެ ތެރޭގައި ޝާހްރުކް ހާނާއި އާމިރު ހާން، ކަރަން ޖޯހަރް އަދި ތުޝާރް ކަޕޫރު ހިމެނެ އެވެ.