05 މާޗް 2018 - 13:59

ބެއިޖިން (މާޗް 5) - ކުރިއަށް އޮތް އަހަރަށް 1.11 ޓްރިލިއަން ޔުއާން (175 ބިލިއަން ޑޮލަރު) ގެ އަސްކަރީ ބަޖެޓެއްް ޗައިނާ އިން އިއުލާންކޮށްފި އެވެ.

ބޮޑު ވަޒީރު ލި ކެގިއަން އިއުލާން ކުރެއްވި މި ބަޖެޓަކީ މިދިޔަ އަހަރަށް ވުރެ 8 ޕަސެންޓް ބޮޑު ބަޖެޓެކެވެ. ޗައިނާ އިން އަންނަ އަހަރަށް ޓާގެޓް ކުރަނީ 6.5 ޕަސެންޓުގެ އިގްތިސާދީ ކުރިއެރުމަކަށެވެ. ޗައިނާ އަކީ ދުނިޔޭގައި ދެ ވަނަ އަށް އެންމެ ބޮޑު އިގްތިސާދު އޮތް ގައުމެވެ.
ޗައިނާ ސަރުކާރުން ބުނެފައި ވަނީ އަންނަ އަހަރަށް ކަނޑައަޅާފައި ވަނީ މައިގަނޑު ފަސް ގޯލެއް ކަމަށެވެ. އެއީ ފައިނޭންޝަލް ރިސްކް ކުޑަކުރުމާއި ޕޮލިއުޝަން ދަށް ކުރުމާއި ފަގީރުކަމާ ދެކޮޅަށް ހަނގުރާމަ ކުރުން ކަމަށެވެ.
ޕާލަމެންޓަށް އާ ބަޖެޓް ހުށަހަޅުއްވައިދެއްވަމުން ލީ ވިދާޅުވީ ގައުމީ ސަލާމަތުގެ މާހައުލަށް ބަލާއިރު ޗައިނާގެ އަސްކަރިއްޔާ ވާން ޖެހޭނީ "ހިލައެއް ފަދައިން ހަރު އެއްޗަކަށް" ކަމަށެވެ.
ބެއިޖިންގައި މިއަދު ފެށި ނޭޝަނަލް ޕީޕަލްސް ކޮންގްރެސް (އެންޕީސީ)ގެ އަހަރީ ބައްދަލުވުމުގައި ވަނީ ޗައިނާގައި މިހާރު އޮންނަ ފަސް އަހަރުގެ ރިޔާސީ ދެ ދައުރު އުވާލާނެ ކަމަށް ބެލެވިފަ އެވެ. ނަތީޖާއެއްގެ ގޮތުން ޗައިނާގެ މިހާރުގެ ރައީސް ޝީ ޖިންޕިން އަށް މުއްދަތެއް ނެތި ވެރިކަމުގައި ހުންނަން މަގު ފަހިވެގެން ދާނެ އެވެ. ރައީސް ޝީގެ ވެރިކަމުގެ މުއްދަތު 2023 ގައި ހަމަވާނެ އެވެ.
ދެ ދައުރުގެ ލިމިޓް އުވާލުމުގެ ޕްލޭން ޗެމްބަރަށް މިއަދު ހުށަހެޅުމާ އެކު ގާނޫނު ހަދާ މަޖިލީހުގެ އެތައް މެމްބަރުންނެއް ވަނީ އުފަލުން ތަރުހީބު ދީފަ އެވެ. އެ ބިލަށް ވޯޓަށް އެހުން އޮންނާނީ މާޗް 11 ވަނަ ދުވަހު އެވެ. އަދި ބޮޑު އަޣުލަބިއްޔަތަކުން ފާސްވާނެ ކަމަށް ބެލެވެ އެވެ. އެންޕީސީ އަކީ ރަބަސްޓޭމްޕް ޕާލަމެންޓެކެވެ. ކޮމިއުނިސްޓް ޕާޓީގެ ނިންމުންތައް އާއްމު ގޮތެއްގައި އެންޕީސީން އެންޑޯސްކޮށްދެ އެވެ. އެންޕީސީގެ ގާތްގަނޑަކަށް 3،000 މެންބަރުންނަކީ ވެސް އިންތިޚާބު ކުރާ މެންބަރުން ނަމަވެސް އެއީ ޕާޓީން އިޚްތިޔާރު ކުރާ ބައެކެވެ.