ނޮކިއާގެ "ބަނާނާ ފޯން" އަލުން ބާޒާރަށް
ނޮކިއާގެ "ބަނާނާ ފޯން" އަލުން ބާޒާރަށް

މޮބައިލް ފޯން މާކެޓުގައި އެއް ދުވަސްވަރެއްގައި ރަސްކަންކުރި ނޮކިއާގެ އުފެއްދުންތަކުގެ ލައިސަންސް ދޫކުރާ ސްޓާޓްއަޕް ކުންފުންޏަކުން ނޮކިއާގެ މަޝްހޫރު "ބަނާނާ ފޯން" އަލުން ބާޒާރަށް ނެރެން ނިންމައިފި އެވެ. ކެޔޮވަކެއްގެ ބައްޓަމަށް ލަންބާލާފައި އޮންނަ، ބަނާނާ ފޯންގެ ނަމުން މަޝްހޫރުވި ނޮކިއާ 8110 އެންމެ ފުރަތަމަ ބާޒާރަށް ނެރުނީ 1996 ގަ އެވެ.

ނޮކިއާގެ "ބަނާނާ ފޯން" އަލުން ބާޒާރަށް
ނޮކިއާގެ "ބަނާނާ ފޯން" އަލުން ބާޒާރަށް

ދޮން ކުލަ އާއި ކަޅު ކުލައިން ލިބެން ހުންނަ މި ފޯނު ވިއްކާނީ 97 ޑޮލަރަށެވެ. މުސްކުޅި ވާޝަންގައި ހިމެނި ސްނޭކް ގޭމްގެ އާ ވާޝަނެއް، އަލުން ބާޒާރަށް ނެރޭ ފޯނުގައި ހިމަނާނެ ކަމަށް ފިންލެންޑުގެ ސްޓާޓްއަޕް ކުންފުނި އެޗްއެމްޑީ އިން ނެރުނު ބަޔާނެއްގައި ބުންޏެވެ.

"މިއީ ނޮކިއާގެ ރަން ޒަމާން އެނބުރި އައުން. އެކަމަކު އާ ޓެކްނޮލޮޖީ ހިމަނާފައި ވާނެ،" އައިއެޗްއެސް މާކިޓްގެ ސީނިއާ އެނަލިސްޓް އިއާން ފޮގް ބުނެފައިވެ އެވެ.

ނޮކިއާ 8110 އަލުން އުފައްދަނީ 4ޖީ ނެޓްވޯކްގައި ބޭނުންކުރެވޭ ގޮތަށެވެ. ގޫގުލް މެޕްސް، ފޭސްބުކް އަދި ޓްވިޓާ ވެސް މި ފޯނުގައި ބޭނުންކުރެވެ އެވެ. އެކަމަކު ޒަމާނީ އޯއެސްގައި ހުންނަ ފީޗާތައް މިއަކު ނުހުންނާނެ އެވެ. އެހެންވެ އިތުރު އެޕްތަކެއް ނޭޅޭނެ އެވެ.

ފޮގް ބުނީ މިއީ އެންމެ އަސާސީ ބޭނުންތައް ކުރެވޭ ފޯނެއް ނަމަވެސް ވަރަށް ޝައުގުވެރި އުފެއްދުމަކަށް ވާނެ ކަމަށެވެ. އެންމެ ހާއްސަ ކަމެއްގެ ގޮތުގައި ފާހަގަކުރީ އެއް ފަހަރު ޗާޖުކޮށްގެން، ސްޓޭންޓްބައި މޯޑްގައި 25 ދުވަސް ވަންދެން މި ފޯނު އޮތުމެވެ.

ނޮކިއާގެ މަގާމު މޮބައިލް ފޯނު މާކެޓުން ގެއްލުނީ އެޕަލް އާއި ސެމްސަންގް ފަދަ ކުންފުނިތަކުން އުފައްދަން ފެށި ފެންވަރު ރަނގަޅު ފޯނުތަކުގެ ސަބަބުން އުފެދުނު ވާދަވެރިކަމުގެ ތެރޭގަ އެވެ. ވިޔަފާރި ދަށްވެ ނޮކިއާގެ ފޯން ޑިވިޝަން 2013 ވަނަ އަހަރު މައިކްރޮސޮފްޓަށް ވިއްކާލި ނަމަވެސް 2016 ވަނަ އަހަރު ނޮކިއާގެ ލައިސަންސް ވަނީ އެމްއެމްޑީ އަށް ދީފަ އެވެ.