ޒުނިގާ ވެޓްފޯޑަށް، ޖިއަކެރީނީ ނަޕޯލީ އަށް
ޒުނިގާ ވެޓްފޯޑަށް، ޖިއަކެރީނީ ނަޕޯލީ އަށް

ނޭޕްލްސް (ޖުލައި 17) - ނަޕޯލީގެ ކޮލަމްބިއާ ޑިފެންޑަރު ހުއާން ކެމީލޯ ޒުނިގާ ލޯނެއްގެ ދަށުން ޕްރިމިއާ ލީގުގެ ވެޓްފޯޑަށް ބަދަލުވިއިރު ޕްރިމިއާ ލީގުގެ ސަންޑަލެންޑުގެ އިޓަލީ މިޑްފީލްޑަރު އެމެނުއެލް ޖިއަކެރީނީ ނަޕޯލީ އަށް ބަދަލުވެއްޖެ އެވެ.

ކޮލަމްބިއާ ގައުމީ ޓީމަށް 62 މެޗު ކުޅެދީފައިވާ ޒުނިގާ، 30، އަކީ 2009 ވަނަ އަހަރުން ފެށިގެން ނަޕޯލީ އަށް ކުޅެމުން އައި ކުޅުންތެރިއެކެވެ. އޭނާ ވެޓްފޯޑަށް ގެންދިޔައީ، އެ ޓީމުގެ އާ ކޯޗު އަދި ކުރިން ނަޕޯލީގައި ޒުނިގާ އަށް އިރުޝާދު ދިން ވަލްޓާ މައްޒާރީ އެވެ.

ޒުނިގާ މަޝްހޫރުވީ، 2014 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި ބްރެޒިލާއި ކޮލަމްބިއާ ކުޅުނު މެޗުގައި ބްރެޒިލްގެ ކެޕްޓަން ނޭމާ އަށް ކުރި ނުރައްކާތެރި ފައުލާ ގުޅިގެންނެވެ. އެ ފައުލާ ގުޅިގެން ނޭމާގެ ބުރަކަށްޓަށް އަނިޔާވެ އޭނާ އަށް މުބާރާތް ވަނީ ނިމިފަ އެވެ.

ޒުނިގާގެ ބަދަލުގައި ނަޕޯލީން ގެންދިޔައީ ސަންޑަލެންޑުގެ ލޯނެއްގެ ދަށުން މިދިޔަ ސީޒަނުގައި އިޓަލީގެ ބޮލޯނިއާ އަށް ކުޅުނު ޖިއަކެރީނީ އެވެ. ނަޕޯލީން އޭނާ ގަތީ މި ފަހަރުގެ ޔޫރޯގައި ދެއްކި މޮޅު ކުޅުމާ ގުޅިގެންނެވެ.

އިޓަލީގެ ޔުވެންޓަސް އަށް ކުރިން ކުޅުނު ޖިއަކެރީނީ ސަންޑަލެންޑުން 2013 ވަނަ އަހަރު ގެނައީ 2012 ވަނަ އަހަރުގެ ޔޫރޯގައި ދެއްކި ކުޅުމުގެ ސަބަބުންނެވެ. އެކަމަކު އެއް ސީޒަނަކަށް ފަހު އޭނާ އަށް ސަންޑަލެންޑުގައި ރަނގަޅު ކުޅުމެއް ނުދެއްކުނެވެ.