05 މާޗް 2018 - 12:44

ގާހިރާ (މާޗް 4) - ސައުދީ އަރަބިއާ އާއި މިސްރުން 10 ބިލިއަން ޑޮލަރުގެ ފަންޑެއް ގާއިމްކޮށްފި އެވެ.
މިސްރުގެ ސައިނާއީގެ ދެކުނުން 1،000 ކިލޯ މީޓަރުގެ މެގަ ސިޓީއެއް ތަރައްގީ ކުރުމުގެ މި ފަންޑުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ސައުދީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން މިސްރަށް މިހާރު ކުރައްވާ ދަތުރުފުޅުގަ އެވެ. މިސްރުގެ ވެރިކަމަށް އަބްދުލް ފައްތާހު ސީސީ 2013 ވަނަ އަހަރު ވަޑައިގެންނެވި ފަހުން ސައުދީއާ އެކު އޮންނަ ގުޅުން ވަނީ ރަނގަޅުވާން ފަށައިފަ އެވެ. ޔަމަނުގެ ހޫތީންނާ ދެކޮޅަށް ސައުދީން ކުރާ ހަނގުރާމަ އަށް މިސްރުން ދަނީ ތާއީދު ކުރަމުންނެވެ.
ވަލީ އަހުދު މުހައްމަދު މިސްރަށް ވަޑައިގެންނެވުމުގެ އެއް ދުވަސްކުރިން ވަނީ ރަތް ކަނޑުގެ ދެ ރަށް ސައުދީ އަށް ދިނުމުގައި ގާނޫނީ ހުރަހެއް ނެތް ކަމަށް މިސްރުގެ ސުޕްރީމް ކޯޓުން ނިންމައިފަ އެވެ. އަދި ވަލީ އަހުދު މިސްރަށް މި ވަޑައިގެންނެވީ އެ ގައުމުގައި ރިޔާސީ އިންތިޚާބު ބޭއްވުމަށް ތިން ހަފުތާ އަށް ވެފައި ވަނިކޮށެވެ. މިއީ ވަލީ އަހުދުކަން ލިބިވަޑައިގެންނެވި ފަހުން މުހައްމަދު ގައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
ސައުދީން އިސްވެ ގަތަރާ މިދިޔަ އަހަރު ގުޅުން ކަނޑާލުމާ އެކު މިސްރުން ވެސް ވަނީ ގަތަރާ ގުޅުން ކަނޑާލައިފަ އެވެ.