އެންމެ ގިނަ ޕާސް ޖަހައިގެން ސިޓީ ރެކޯޑެއް ހަދައިފި
އެންމެ ގިނަ ޕާސް ޖަހައިގެން ސިޓީ ރެކޯޑެއް ހަދައިފި

މެންޗެސްޓާ (މާޗް 5) – ޕްރިމިއާ ލީގުގައި ރޭ ޗެލްސީ އަތުން 1-0 އިން މެންޗެސްޓާ ސިޓީ މޮޅުވި މެޗުގައި އެ ޓީމުން 902 ޕާސް ފުރިހަމަކޮށް ޕްރިމިއާ ލީގުގެ ރެކޯޑެއް ހަދައިފި އެވެ.

މިއީ ފުޓްބޯޅައިގެ ސްޓެޓިސްޓިކްސް ނެގުމުގައި މަޝްހޫރު އޮޕްޓާ އިން 2003/2004 ގައި އެފަދަ ޑޭޓާތައް ނަގަން ފެށި ފަހުން ޕްރިމިއާ ލީގުގެ ޓީމަކުން އެންމެ ގިނަ ޕާސް ޖެހި މެޗެވެ.

ސިޓީގެ ކުޅުންތެރިންގެ ތެރެއިން އެންމެ ގިނަ ޕާސް ފުރިހަމަކުރީ 174 ޕާސް ޖެހި އިލްކޭ ގުންޑޮގާން އެވެ. މި މެޗުގެ ހަމައެކަނި ގޯލް 46 ވަނަ މިނެޓުގައި ބެނާޑޯ ސިލްވާ ޖެހި ގޯލުގައި ވެސް ގުންޑޮގާންގެ ޕާހެއްގެ ދައުރު ބޮޑެވެ.

ރޭގެ މެޗުގައި ޗެލްސީގެ ބައެއް މިޑްފީލްޑަރުންގެ ފަރާތުން ފަރުވާ ކުޑަ ކުޅުމެއް ފެނިގެން ދިޔަ އެވެ. އެގޮތުން ބޯޅައަށް މަސައްކަތްނުކުރާތީ ފާޑުކިޔުން އަމާޒުވި އެވެ.

މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އަކީ ޕާސިން ގޭމް ކުޅުވުމުގައި މަޝްހޫރު ކޯޗެކެވެ. އޭނާ ކުޅުންތެރިޔެއްގެ ގޮތުގައި ތަމްރީންވީ ޔޮހާން ކްރައިފުގެ މަޝްހޫރު ބާސެލޯނާ ޓީމުގަ އެވެ. އަދި ފަހުން އެ ޓީމަށް ކޯޗުކޮށްދިން އިރު ވެސް އެ ސްޓައިލް އިތުރަށް ތަރައްގީކުރި އެވެ.

ރޭގެ މޮޅާ އެކު ސިޓީން ވަނީ ޕްރިމިއާ ލީގުގެ އެއް ވަނައިގައި 18 ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ.