17 ޖުލައި 2016 - 12:26

ލަންޑަން (ޖުލައި 17) - ބާސެލޯނާގައި ލިއޮނަލް މެސީ ހާއްސަ ވާގޮތަށް ޗެލްސީގެ މުހިއްމު ކުޅުންތެރިއަކީ އެޑެން ހަޒާޑް ކަމަށް އެޓީމުގެ އާ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނެފި އެވެ.
މިދިޔަ ސީޒަނުގައި ޗެލްސީގެ ގިނަ ކުޅުންތެރިންގެ ފަރާތުން ފެނުނީ ދަށް ކުޅުމެކެވެ. ހާއްސަކޮށް ސީޒަނުގެ ބޮޑު ބައިގައި ހަޒާޑްގެ ކުޅުން ފެނުނީ ވަަރަށް އާދައިގެ ގޮތަކަށެވެ. ނަމަވެސް ސީޒަނުގެ ފަހު ތިން މެޗުގައި ހަޒާޑް ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.
ރިޕޯޓްތައް ބުނާގޮތުން ހަޒާޑް ހޯދުމަށް ސްޕެއިނުގެ ގަދަބާރު ރެއާލް މެޑްރިޑުން އަންނަނީ މަސައްކަތް ކުރަމުންނެވެ. ކޮންޓޭ ބުނީ ހަޒާޑަކީ ވިއްކާ ކުޅުންތެރިއެއް ނޫން ކަމަށެވެ.
"ޗެލްސީގައި އެބަތިބި ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ފަދަ ހުނަރުވެރި ކުޅުންތެރިން. ހަޒާޑަކީ އޭގެ ތެރެއިން އެންމެ މުހިއްމު އެއް ކުޅުންތެރިއާ. މިދިޔަ ސީޒަނުގައި ކުޅުން ދަށްވީ ހަޒާޑް އެކަންޏެއް ނޫން. މުޅި ޗެލްސީ ވެސް ފެނުނީ ދަށްކޮށް. މި ސީޒަނުގައި އެކަން ރަނގަޅުކޮށް ހަޒާޑްގެ މޮޅު ކުޅުން އަލުން ފެންނާނެ،" ކޮންޓޭ ބުންޏެވެ.
ކޮންޓޭގެ ކޯޗުކަމުގައި ޗެލްސީ ކުޅުނު ފުރަތަމަ މެޗުން ރޭ ވަނީ އޮސްޓްރިއާގެ ރެޕިޑް ވިއޭނާ އަތުން 2-0 އިން ބަލިވެފަ އެވެ. ކޮންޓޭ ބުނީ މިއީ މާޔޫސްވާން ޖެހޭ ނަތީޖާ އެއް ނޫން ކަމަށެވެ.
"މިއީ ކުޅުންތެރިން ޓެސްޓު ކުރާ ދުވަސްތައް. މި މެޗުތަކުގައި ނަތީޖާ އަށް ވުރެން ބޮޑަށް އަހަރެން ބަލާނީ ވަކިވަކި ކުޅުންތެރިންގެ ކުޅުމަށް. މިހާރު މަސައްކަތް މިކުރަނީ ޓީމު އެކުލަވައިލާން،" ރޭގެ މެޗަށް ފަހު ކޮންޓޭ ބުންޏެވެ.
ޗެލްސީން ވަނީ ލެސްޓާ ސިޓީގެ މިޑްފީލްޑަރު އެންގޯލޯ ކާންޓޭ އެޓީމަށް ގެނެސްފަ އެވެ. ކޮންޓޭ ބުނީ ކާންޓޭ އަކީ އޭނާ ބޭނުންވާ ސްޓައިލުގެ ކުޅުންތެރިއެއް ކަމަށެވެ.