05 މާޗް 2018 - 09:25

ނިއު ރޭޑިއަންޓުން މި ފަހަރުގެ އޭއެފްސީ ކަޕްގައި ކަނޑައަޅާފައިވާ ޓާގެޓަށް ދިއުމަށްޓަކައި ރަނގަޅު ފެށުމެއް މުހިއްމު ކަމަށް އެ ޓީމުގެ ކޯޗު ސްޕެއިނުގެ އޮސްކާ ބްރުޒޮން ބުނެފި އެވެ.
އޭއެފްސީ ކަޕްގެ ފުރަތަމަ މެޗުގައި ނިއު އަންނަ ބުދަ ދުވަހު ބަންގްލަދޭޝްގެ ލީގު ޗެމްޕިއަން ޑާކާ އަބަހާނީއާ ދެކޮޅަށެވެ. އެ މެޗަށް ތައްޔާރުވުމަށް ނިއު އިން މިހާރު ވަނީ ޑާކާ އަށް ގޮސްފަ އެވެ. ޑާކާގައި ބޭއްވި ފުރަތަމަ ފަރިތަކުރުންތަކަށް ފަހު ނިއުގެ ކޯޗު އޮސްކާ ބަންގްލަދޭޝްގެ މީޑިއާ އަށް ދިން އިންޓަވިއުއެއްގައި ބުނީ އަބަހާނީއާ ބެހޭ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
"އަހަރެން މީގެ ކުރިން ކޮލްކަތާގައި މަސައްކަތްކުރިން. އެހެންވެ މި ސަރަހައްދުގެ ފުޓްބޯޅަ ހުރިގޮތް އަހަންނަށް އެނގޭ. ފުޓްބޯޅަ އަށް ވަރަށް ޕެޝަނެޓް ބަޔެއް އުޅޭ ސަރަހައްދުތަކެއް މިއީ. ބަލަމާ ހިނގާ އަހަރެމެން މި މެޗުގައި ހާސިލްކުރެވޭ ކަމެއް. ޓާގެޓާ ހަމަ އަށް ދިއުމަށް މޮޅެއް މުހިއްމު،" އޮސްކާ ބުންޏެވެ.
"އަބަހާނީގެ ބިދޭސީ ކުޅުންތެރިންނަށް ގިނައީ އެފްރިކާގެ ކުޅުންތެރިން އެ ކުޅުންތެރިންގެ މައުލޫމާތު ވެސް ލިިބިފައިހުރީ. މިއީ ވަރަށް ފިޒިކަލް ވާނެ މެޗެއް."
އަބަހާނީ ވަނީ މީގެ ކުރިން ރާއްޖޭގެ ދެ ޓީމާ ދެކޮޅަށް ކުޅެފަ އެވެ. އެއީ މިދިޔަ އަހަރު އެ ގައުމުގައި އޮތް ޝެއިހް ކަމާލް ކަޕްގައި ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށާއި މިދިޔަ އަހަރުގެ އޭއެފްސީ ކަޕްގައި މާޒިޔާއާ ދެކޮޅަށެވެ. ޓީސީއާ ދެކޮޅަށް ކުޅުނު އެއް މެޗާއި މާޒިޔާއާ ދެކޮޅަށް ކުޅުނު ދެ މެޗުން ވެސް އަބަހާނީ ވަނީ ބަލިވެފަ އެވެ.
އޭއެފްސީ ކަޕަށް ޓީމު ވަރުގަދަ ކުރުމަށް އަބަހާނީން ގެނެސްފައިވަނީ ނައިޖީރިއާގެ ތިން ކުޅުންތެރިންނާއި ޖަޕާންގެ ކުޅުންތެރިޔެކެވެ. އަބަހާނީ ޓީމުގެ ކޯޗަކީ ބަންގްލަދޭޝްގެ ސައިފުލް ބާރީ ޓީޓޫ އެވެ. އޭނާ ބުނީ ނިއުގައި ހުނަރުވެރި ކުޅުންތެރިން ގިނަ ކަމަށާއި އެހެން ނަމަވެސް އެ ޓީމަށް ވެސް އަމިއްލަ ދަނޑުގައި ކާމިޔާބު ހޯދިދާނެ ކަމަށެވެ.
"ނިއުގައި އެބަހުރި އަޝްފާގު ވެސް. އެއީ އަހަރެމެން ކޮޅަށް އެތަކެއް ފަހަރު ލަނޑު ޖަހާފައި ހުރި ކުޅުންތެރިޔެއް. ދެން އެ ޓީމު މިދިޔަ އަހަރު ރާއްޖޭގެ ތިން މުބާރާތް ކާމިޔާބުކުރި. ވަރަށް ވަރުގަދަކޮށް ފެންނަނީ،" ޓީޓޫ ބުންޏެވެ.
ނިއު އާއި އަބަހާނީ ކުޅޭ މެޗު އޮންނާނީ ބުދަ ދުވަހު މެންދުރުފަހު 3:15 ގަ އެވެ.