ބޭނުންވާ ހުރިހާ ފޮޓޯތަކެއް އެއްތާކުން
ބޭނުންވާ ހުރިހާ ފޮޓޯތަކެއް އެއްތާކުން

ފޮޓޯ ބެލުމާއި ސޯޝަލް މީޑިއާގައި ފޮޓޯ ބެހުމަކީ ނުވަތަ ޝެއާކުރުމަކީ މިހާރަކަށް އައިސް ވަރަށް މަގުބޫލުކަމެކެވެ. ލޫޕް ޕާސަނަލް ފޮޓޯ ޑިސްޕްލޭއަކީ އެކިފަހަރުމަތިން އެކި ވަސީލަތްތަކުގެ ބޭނުން ހިފައިގެން ނަގާފައިވާ ފޮޓޯތައް ބަރިބަރިއަށް ބަލައިލެވޭ ފޮޓޯ ފްރޭމެއް ވަރުގެ ޑިސްޕްލޭއެކެވެ.

ވައިފައިއާ ގުޅާފައިވާ މި ޑިސްޕްލޭއިން ހުރިހާ ފޮޓޯތަކެއް އެއްތަނަށް ޖަމާކޮށް ވަކިވަކި ބައިބައަށް އަޅައި، ނަންޖަހައި، ރައްކާކުރެވެއެވެ. އަދި ބޭނުންވެއްޖެ ނަމަ މިއިން ފޮޓޯއެއް އިޚުތިޔާރުކޮށް، އޭގެ ތައާރަފެއް ލިޔެ، ފޮނުވަން ބޭނުން ތަނަކަށް ފޮނުވަންވީއެވެ. ލޫޕްގެ ތެރޭން މިގޮތަށް ފޮޓޯ ހިއްސާކުރާ އެކުވެރިން އެކި ޗެނަލްތަކަށް އަޅައި، އެ ޗެނަލްތައް ވަކިން ޕްރައިވެޓްކުރެވެއެވެ.

މޭޒުމަތީ ބަހައްޓަން ފަރުމާކޮށްފައިވާ ލޫޕް ޕާސަނަލް ފޮޓޯ ޑިސްޕްލޭއަކީ ޑިޖިޓަލް ފޮޓޯ ފްރޭމެކެވެ. އެކަމަކު ކުޑަ ޓީވީއަކާ ވެސް ވައްތަރެވެ. ފޮޓޯ އިޚުތިޔާރުކުރާނީ އަރިމަތީ ހުންނަ ގޮބަށް އަނބުރައިގެން އިހުގެ ރޭޑިޔޯއެއް ޓިޔުންކުރާ ގޮތަށެވެ. މިއިން ފޮޓޯ ބަލަބަލާފައި ވީޑިޔޯ ކޯލް ވެސް ކުރެވެއެވެ. މީގެ އެއް ލޫޕުން އަނެއް ލޫޕަށެވެ. ނުވަތަ ލޫޕަކާއި ސްމާޓްފޯނަކާ ދެމެދު ވެސް ވީޑިޔޯ މެދުވެރިކޮށް ވާހަކަދެއްކެއެވެ.