ޗެލްސީ ބަލިކޮށް ސިޓީ އަށް 18 ޕޮއިންޓުގެ ލީޑެއް
ޗެލްސީ ބަލިކޮށް ސިޓީ އަށް 18 ޕޮއިންޓުގެ ލީޑެއް

މެންޗެސްޓާ (މާޗް 5) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ވާދަވެރި ޗެލްސީ އަތުން 1-0 އިން މޮޅުވެ ލީގުގެ އެއް ވަނައިގައި މެންޗެސްޓާ ސިޓީން 18 ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.

މި މޮޅާ އެކު ލީގުގައި ބާކީ އޮތް ނުވަ މެޗުން ލީގު ހޯދަން ބޭނުންވަނީ ހަތަރު މޮޅެވެ. ސިޓީ އެއް ވަނައިގައި އޮތީ 29 މެޗުން 78 ޕޮއިންޓް ހޯދައިގެންނެވެ. މިއީ މިދިޔަ ސީޒަނުގައި އެއްކޮށް ސިޓީން ޕޮއިންޓް ހޯދި އަދަދެވެ. ދެ ވަނައިގައި އޮތް ލިވަޕޫލަށް 29 މެޗުން ލިބިފައިވަނީ 60 ޕޮއިންޓެވެ. މެންޗެސްޓާ ޔުނައިޓެޑް ތިން ވަނައިގައި އޮތީ 28 މެޗުން 59 ޕޮއިންޓާ އެކު އެވެ.

މި މެޗުގައި ސިޓީގެ ހަމައެކަނި ގޯލު ކާމިޔާބު ކޮށްދިނީ ޕޯޗުގަލްގެ ވިންގާ ބެނާޑޯ ސިލްވާ އެވެ. ރަހީމް ސްޓާލިން އަށް އަނިޔާވުމުން ޕެޕް ގާޑިއޯލާ ވަނީ ބެނާޑޯ ސިލްވާ އަށް ފުރަތަމަ އެގާރައިން މިދިޔަ ދެ މެޗުގައި ވެސް ފުރުސަތު ދީފަ އެވެ. ރޭގެ މެޗުގައި ބެނާޑޯ ސިލްވާ ލަނޑު ޖެހީ ދެ ވަނަ ހާފް ކުޅުން ފެށިތާ މިނިޓެއްގެ ތެރޭގަ އެވެ.

މި މެޗުގައި ޗެލްސީ އަށް އެންމެ އެދެވޭ ކުޅުމެއް ނުދެއްކުނެވެ. ފޯލްސް ނައިން ސިސްޓަމަށް އެޑެން ހަޒާޑް އެންމެ ކުރިއަށް ލައިގެން އެ ޓީމުގެ އެޓޭކް ފެނުނީ ވަރަށް އާދައިގެ ގޮތަކަށެވެ. އަދި ފަހުން އޮލިވިއޭ ޖިރޫ އާއި އަލްވާރޯ މޮރާޓާ ކުޅެން އެރުވި ނަމަވެސް ނަތީޖާ އަށް ބަދަލެއް ނުގެނެވުނެވެ.

މި މޮޅާ އެކު ގާޑިއޯލާ ވެފައިވަނީ އެއް ސީޒަނެއްގައި އެންޓޯނިއޯ ކޮންޓޭގެ މައްޗަށް ދެ ފަަހަރު ކުރި ހޯދި ދެ ވަނަ ކޯޗަށެވެ. މީގެ ކުރިން ކޮންޓޭގެ މައްޗަށް އެއް ސީޒަނެއްގައި ދެ ފަހަރު ކުރިހޯދީ 2013 ވަނަ އަހަރު ސަމްޑޯރިއާ އަށް ކޯޗުކޮށްދިން ޑެލިއޯ ރޮސީ އެވެ. އޭރު ކޮންޓޭ އަކީ ޔުވެންޓަސްގެ ކޯޗެވެ.

ރޭ އާސެނަލް ކުޅުނު މެޗުން ވަނީ ބްރައިޓަން އަތުން 2-1 އިން ބަލިވެފަ އެވެ. މިއީ 1982 ވަަނަ އަހަރަށް ފަހު ބްރައިޓަން އަށް އާސެނަލް އަތުން ހޯދުނު ފުރަތަމަ މޮޅެވެ. މި މެޗުގައި ބްރައިޓަންގެ ލަނޑުތައް ޖަހައިދިނީ ގްލެން މަރޭ އާއި ލެވިސް ޑަންކް އެވެ. އާސެނަލްގެ ލަނޑު ޖެހީ ޕިއޭ އެމެރިކް އޮބާމަޔަން އެވެ.

މި ބައްޔާ އެކު އާސެނަލްގެ ކޯޗު އާސެން ވެންގާ އަށް ވަނީ ޕްރެޝަރު ބޮޑުވެފަ އެވެ. އެ ޓީމު މި ވަގުތު ލީގުގެ ހަ ވަނައިގައި އޮތީ 29 މެޗުން 45 ޕޮއިންޓާ އެކު އެވެ. ލީގުގެ ގަދަ ހަތަަރަކަށް ވަނުމުގެ ފުރުސަތު އާސެނަލަށް ކުޑަވެފައިވާއިރު، ހަތަރު ވަނައިގައި އޮތް ޓޮޓެންހަމާ އާސެނަލާއި ދެމެދު 13 ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ.