ވަރުން ދަވަން އާއި ކެޓްރީނާ ކެއިފްގެ ޖޯޑު ކިހިނެއް ވާނެ؟
ވަރުން ދަވަން އާއި ކެޓްރީނާ ކެއިފްގެ ޖޯޑު ކިހިނެއް ވާނެ؟

މި ފަހަކަށް އައިސް ކެޓްރީނާ އަންނަނީ އޭނާއާ ދާދި އެއް އުމުރެއްގެ އެކްޓަރުންނާ އެކު މަސައްކަތް ކުރަމުންނެވެ. ކުރިން އާންމުކޮށް އޭނާ ފިލްމްތައް ކުޅެފައި ހުރީ އުމުރުން ދޮށީ އެކްޓަރުންނާ އެކުގަ އެވެ. އޭގެ ތެރޭގައި ސަލްމާން ހާނާއި އަކްޝޭ ކުމާރް ފާހަގަކޮށްލެވެ އެވެ.

ވަރުން ދަވަން އާއި ކެޓްރީނާ ކެއިފްގެ ޖޯޑު ކިހިނެއް ވާނެ؟
ވަރުން ދަވަން އާއި ކެޓްރީނާ ކެއިފްގެ ޖޯޑު ކިހިނެއް ވާނެ؟

އެކަމަކު މި ފަހުން ސިދާތު މަލްހޯތުރާ އަދި ރަންބީރު ކަޕޫރް ފަދަ ޒުވާން އެކްޓަރުންނާ އެކު، ކެޓްރީނާ މަސައްކަތް ކުރަމުން އަންނަ އިރު، އޭނާ އަދި ސްކްރީން އެކުގައި ހިއްސާ ނުކުރާ ވަރަށް ކާމިތާބު އެކްޓަރަކު އެބަ ހުއްޓެވެ. އެއީ ވަރުން ދަވަން އެވެ.

މިހާރު ބެލެވޭ ގޮތުން އަންނަ އަހަރަކީ ވަރުން، 30، އާއި ކެޓްރީނާ، 34، އެކުގައި ފިލްމަކުން ފެނިގެން ދާނެ އަހަރެކެވެ.

ރިޕޯޓްތައް ބުނާ ގޮތުން މިހާރު "ރޭސް 3" ގެ މަސައްކަތް ކުރަމުން އަންނަ ޑައިރެކްޓަރު ރެމޯ ޑި ސޫޒާ އަލަށް މަސައްކަތް ފަށާ ފިލްމްގެ އެންމެ މުހިއްމު ތަރިންނަކީ ވަރުން އާއި ކެޓްރީނާ އެވެ. އަދި އެއީ ރެމޯ ގެނެސްދެމުން އަންނަ ޑާންސް ފްރެންޗައިޒް "އޭބީސީޑީ 3" ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ދެހާސް ތޭރައިގައި ރިލީޒް ކުރި "އޭބީސީޑީ" ގެ މައިގަނޑު ކާސްޓުންނަކީ ޕްރަބޫދޭވާ އާއި ގަނޭޝް އަޗަރިއާ އަދި ލޯރެން ގޮލީބް ކަމަށް ވިޔަސް 2015 ގައި ގެނެސް ދިން "އޭބީސީޑީ 2" ގެ ތަރިންނަކީ ވަރުން އާއި ޝްރަދާ ކަޕޫރެވެ. އެކަމަކު މިހާރު ބެލެވޭ ގޮތުން ޝްރަދާގެ ބަދަލުގައި ތިން ވަނަ ބައިން ފެންނާނީ ކެޓްރީނާ އެވެ.

ރެމޯގެ އާ ފިލްމަކީ ޓީ ސީރީޒުން ބުޝަން ކުމާރް ޕްރޮޑިއުސް ކުރާ ފިލްމެކެވެ. ފިލްމްގެ ނަން އަދި ހާމަ ނުކުރިޔަސް އެ ކުންފުނިން ކުރި ޓްވީޓެއްގައި ބުނީ އިންޑިއާގައި މިހާތަނަށް ހަދާ އެންމެ ވަރުގަދަ ޑާންސް ފިލްމް މި މަހުގެ 19 ގައި ރަސްމީކޮށް ލޯންޗް ކުރާނެ ކަމަށެވެ. އަދި ފިލްމުން ފެނިގެން ދާނީ އޭ ލިސްޓް ތަރިންތަކެއް ކަމަށް ވެސް ބުންޏެވެ.

ރިޕޯޓްތައް ބުނާ ގޮތުން މި ފިލްމްގައި ވަރުން އާއި ކެޓްރީނާއާ އެކު ސަލްމާން ހާން ވެސް ފެނިގެން ދާނެ އެވެ. އެކަމަކު އެކަން ކަށަވަރުކޮށްލަން މަޑުކޮށްލަން ޖެހޭނީ މި މަހުގެ 19 އަށެވެ.

މި ފިލްމާ އެކު ކެޓްރީނާ އާއި ވަރުންގެ ނަން އަންނާތީ އެ ދެ ތަރިންގެ ފޭނުން މިހާރު ތިބީ ހަމަ ޔަގީނުން ވެސް ވަރުން އާއި ކެޓްރީނާ އެކުގައި ފެންނާނެ ކަމަށް އުންމީދުކޮށްގެންނެވެ. މި ދެ ތަރިންނަކީ ބޮލީވުޑްގައި ނެށުމަށް ވެސް މޮޅު ކަމަށް މަޝްހޫރު ދެ ތަރިންނެވެ. އެހެންވެ މި ޖޯޑުގެ ޖާދޫއަކީ ސްކްރީނުން ބަލައިލަން ވަރަށް ހިތްގައިމު ޖޯޑަކަށް ވާނެ އެވެ.

ޓީ ސީރީޒުން ބުނި ގޮތުގައި އާ ޑާންސް ފިލްމް ސިނަމާތަކަށް އަންނާނީ ނޮވެމްބަރު، 8، 2019 ގަ އެވެ.