04 މާޗް 2018 - 22:15

އަލިމަސް ކާނިވާ ސަރަހައްދު ކުއްޔަށް ދޫކުރާނެ ގޮތުގެ ގަވާއިދެއް ހައުސިން މިނިސްޓްރީން އެކުލަވާލައި މިއަދު ގެޒެޓްކޮށްފި އެވެ.

އެ ގަވާއިދުގައިވާ ގޮތުން ކާނިވާ ސަރަހައްދުގައި ހިމެނޭ ސްޓޭޖާއި އޯޑިއަންސް އޭރިއާ އާއި އެތަނުގައި ހުންނަ ކޮޓަރިތަކުގައި އާއްމު އިޖްތިމާއީ މިންގަނޑާއި ގާނޫނާއި ގަވައިދާ ޚިލާފު، އަދި އިސްލާމްދީނާ ހިލާފު އެއްވެސް ކަމެއް ނުކުރެވޭނެ އެވެ. އެއީ ކުއްޔަށް ހިފި ފަރާތުން ވިޔަސް އަދި އެތަނަށް ވަދެ ނިކުމެ އުޅޭ މީހެއް ކަމުގައި ވިޔަސް މިކަމުގެ އިސްތިސްނާއެއް ނުވާ ކަމަށް ގަވާއިދުގައި ބުނެފައި ވެ އެވެ.
މި ފަދަ އަމަލެއް ހިންގީ، ކުއްޔަށް ހިފި ފަރާތުން ކަމުގައިވާ ނަމަ ކުއްޔަށް ދޫކުރިކަމުގެ ލިޔުން ބާތިލްކޮށް، ހަރަކާތް ހުއްޓުވުމުގެ ބާރު ހައުސިން މިނިސްްޓްރީއަށް ވަނީ ދީފަ އެވެ.
އެއް ތާރީހަކަށް ގިނަ ބަޔަކު ކުރިމަތިލައިފިނަމަ އިސްކަން ދޭނެ ތަރުތީބެއް ވެސް ގަވާއިދުގައި ކަނޑައަޅާފައި ވެ އެވެ. އެގޮތުން އެންމެ އިސްްކަން ދޭ ގޮތަށް ނިންމާފައިވަނީ ގައުމީ މުނާސަބާއެއް ފާހަގަ ކުރުމަށް ސަރުކާރުން ހިންގާ ހަރަކާތަކަށެވެ. އަދި ސަރުކާރު އިދާރާއަކުން އެތަން ހޯދުމަށް އެދިފައިވާނަމަ އެހެން ފަރާތްތަކަށް ވުރެ އިސްކަން ދޭން ޖެހޭނެ ކަމަށާއި އެހެން ނޫނީ ތަން ދޫކުރާނީ ފޯމު ހުށަހަޅާ ތަރުތީބުން ކަމަށް ގަވާއިދުގައި ބުނެފައި ވެ އެވެ.
ގަވާއިދުގައިވާ ގޮތުން، ކުއްޔަށް ދޫކުރާ ތަނުގައި ބާއްވާ ހަރަކާތްތަކުގެ ތެރެއިން ސަރުކާރުގެ ކަމާބެހޭ އިދާރާއެއްގެ ހުއްދަ ހޯދަން ޖެހޭ ފަދަ ހަރަކާތެއް ބާއްވާނަމަ، އެ ހުއްދަ ހޯދުމަކީ ކުއްޔަށް ހިފާ ފަރާތުގެ ޒިންމާއެކެވެ. އަދި ހުއްދަ ނުހޯދައި ތަން ކުއްޔަށް ދޫކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވާ ކަމަށާއި އެކަމަކު އެ ފަދަ ހާލަތެއްގައި، އެ ހުއްދަ އަނބުރާ ނެގުމުގެ ހުއްދަ ވެސް ލިބިގެންވާ ކަމަށް ބުނެފައި ވެ އެވެ.
ގަވާއިދު ބުނާގޮތުން، ކުއްޔަށް ހިފާއިރު ތަނުގެ ކުލި އެއް ފަހަރާ ދޭންވާނެ އެވެ. އަދި ހަރަކާތް ބޭއްވުމުގެ ތިން ދުވަސްކުރިން ބުކިން ހައްދަން ޖެހޭނެ ކަމަށާއި އޭގެ ފަހުން ހުށަހަޅައިފިނަމަ ވެސް، އެކަށީގެންވާ ސަބަބެއް އޮތް ނަމަ ކުއްޔަށް ދޫކުރާނެ ކަމަށް ވެސް އެ މާއްދާގައި ބުނެފައި ވެ އެވެ.
މި ތަން އެއްވެސް ފަރާތަށް ކުއްޔަށް ދީ އަދި ފައިސާ ދައްކާފައި ވަނިކޮށް، ސަރުކާރުގެ މުހިއްމު ބޭނުމަކަށް ކުއްލި ގޮތަކަށް ތަން ބޭނުން ވެއްޖެ ނަމަ، ނޫނީ ސަލާމަތީ ސަބަބުތަކަށް ބަލައި އެ ނިންމުން ކެންސަލް ކުރެވިދާނެ ކަމަށް ވެސް ގަވައިދުގައި ބުނެފައި ވެ އެވެ. އެކަމަކު ނެގި ފައިސާގެ ބަދަލު އެ ހާލަތުގައި ވަގުތުން ދިނުމަށް ވެސް ގަވައިދުގައި ވެ އެވެ.
ތަނުގައި ބާއްވަން ގަސްތުކުރާ ހަރަކާތެއްގެ މަގްސަދަށާއި ޒާތަށް ބަލައި، އެ ހަރަކާތެއް ބޭއްވުމަށް ތަން ދޫނުކުރުމުގެ އިހްތިޔާރު ވެސް ހައުސިން މިނިސްޓްރީއަށް ވަނީ ދީފަ އެވެ. ތަން ދޫކުރުމުގައި، އެ ހަރަކާތަކީ އާއްމު މަސްލަހަތާއި އަމަން އަމާން ކަމަށް ބުރޫއަރާ ކަމަކަށް ވާނަމަ، އެތަން ކުއްޔަށް ދޫނުކުރުމުގެ އިހްތިޔާރު ހައުސިންއަށް ލިބިފައިވާ ކަމަށް ގަވައިދުގައި ބުނެ އެވެ.
މި ތަން ތިން ވަނަ ފަރާތަކަށް ކުއްޔަށް ދިނުމަކީ މަނާކަމެކެވެ. އަދި ކުއްޔަށް ދޫކޮށްފައިވާ ފަރާތްް ނޫން އެހެން ފަރާތަކަށް ތަން ދޫކޮށްފިނަމަ، ޖޫރިމަނާއަކަށް ފަހު ތަން އަތުލާނެ ކަމަށް ވެސް ގަވައިދުގައި ބުނެފައި ވެ އެވެ.
ކާނިވާ ސަރަހައްދު އާއްމުކޮށް ބޭނުން ކުރަނީ ބޮޑެތި މިއުޒިކް ޝޯތައް ބޭއްވުމަށާއި ސިޔާސީ ބޮޑެތި އެކި ޖަލްސާތަކަށެވެ.