06 މާޗް 2018 - 07:44

ތަންތަނުގެ މިން ނެގުމަށް ފޫޓުފީތާގެ ބޭނުންކުރަންޖެހެއެވެ. ހުރިހާ އެއްޗެއް ސްމާޓުވާ ޒަމާނުގައި ފޫޓުފީތާ ސްމާޓް ނުވާންވީ ކީއްވެހެއްޔެވެ؟ ބޭގަލް ލެބްސްގައި އުފެއްދި ބޭގަލް ޓޭޕް މެޝާ ނުވަތަ ފޫޓުފީތާއަކީ ސްމާޓް ސާމާނުގެ ލިސްޓަށް އިތުރުވި އެއްޗެކެވެ.
ބޭގަލް ފޫޓުފީތާ ތިން ގޮތަކަށް ބޭނުންކުރެވެއެވެ. އެއީ ސްޓްރިންގް މޯޑާއި ވީލް މޯޑާއި ރިމޯޓު މޯޑެވެ. ސްޓްރިންގް މޯޑުގައި ފީތާ ތެރޭން ނުކުންނަ ވާފަށަކުން އާދައިގެ ފޫޓުފީތާއިން ވެސް މިން ނަގާ ގޮތަށް ނެގޭނެއެވެ. މި ވާފަށުން މިން ނަގާނީ އެއް ސީދަލަކަށް ހުންނަ ތަންތަނުގެއެވެ.
ވީލް މޯޑަކީ ތަފާތު ބަނޑިތަކާއި އެކި ބައްޓަމަށް ހުންނަ ތަކެތިން މިން ނަގާ މޯޑެވެ. މި ގޮތަށް މިން ނަގާއިރު ފޫޓުފީތާ ފުރޮޅެއްހެން މިން ނަގާ އެތީގައި ދުއްވާނީއެވެ.
ރިމޯޓު މޯޑަކީ ވަރަށް ދުރަށް މިން ނަގަންޖެހޭ ތަންތަނަށް، އެ ދިއްކޮށްގެން ފޮނުވާލާ ލޭޒަ އަލިރޮނގަކުން މިން ނަގާ މޯޑެވެ.
ކޮންމެ ގޮތަކަށް މިން ނެގިޔަސް ބޭގަލް ސްމާޓްފޯނު އެޕްގައި އެ ނެގި މިން ފަހުން ބަލަން ރައްކާކުރެވެއެވެ. އިތުރު މައުލޫމާތާއެކު ރައްކާކުރަން ބޭނުން ނަމަ ވޮއިސް މެސެޖަކާއެކު ވެސް ފަހުން ބަލައިލަން ބޭއްވޭނެއެވެ.
ބޭގަލްއަކީ ދިހަބާރަ ފަހަރު އެއް ތަނެއްގެ މިން ނަގަން ނުޖެހި، ނަގާ މިން ވަގުތުން ސޭވްކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ސްމާޓް ފޫޓުފީތާއެކެވެ. މީގެ ފޫޓުފީތާ 89 ޑޮލަރަށް ލިބެ އެވެ.