04 މާޗް 2018 - 17:29

އުދިނޭ، އިޓަލީ (މާޗް 4) – އިޓާލިއަން ލީގުގެ ފިއޮރެންޓީނާގެ ކެޕްޓަން އަދި އިޓަލީގެ ހުނަރުވެރި ޑިފެންޑަރު ޑޭވިޑޭ އެސްޓޯރީ އުމުރުން 31 އަހަރުގައި މިއަދު ކުއްލި ގޮތަކަށް މަރުވެއްޖެ އެވެ.
އޭނާ މަރުވީ އިޓާލިއަން ލީގުގައި މިއަދު އުދިނޭޒީއާ ދެކޮޅަށް ކުޅުމަށްޓަކައި ފިއޮރެންޓީނާ ޓީމު ކޭމްޕްކޮށްފައިވާ ހޮޓަލުގައި ނިދާފައި އޮއްވަ އެވެ. އޭނާ މަރުވިކަން އެނގުނީ ހެނދުނު ހޭނުލައިގެން ބެލުމުން ކަމަށް ރިޕޯޓްތައް ބުނެ އެވެ.
އެސްޓޯރީގެ މަރާ ގުޅިގެން، އިޓާލިއަން ލީގުގައި މިއަދު ކުޅުމަށް ހަމަޖެހިފައިވާ ހުރިހާ މެޗެއް ވަނީ ކެންސަލްކޮށްފަ އެވެ. އޭގެ ތެރޭގައި އޭސީ މިލާނާއި އިންޓަ މިލާން ވާދަކުރާ މެޗު ވެސް ހިމެނެ އެވެ.
އެސްޓޯރީގެ މަރުގެ ހަބަރު ލިބުމާ އެކު، މިއަދު މެންދުރު ކުޅެން އޮތް ޖެނޯއާ އާއި ކަލިއާރީގެ މެޗު ކެންސަލްކުރީ ކުޅުންތެރިން ވޯމްއަޕްކުރަން ތިއްބަ އެވެ. ބައެއް ކުޅުންތެރިން ދަނޑުން ފޭބީ ރޮމުންނެވެ.
މީގެ ދެ ހަފުތާ ކުރިން ދަރިއަކު ލިބުނު އެސްޓޯރީ އަކީ އޭސީ މިލާނުގެ ޔޫތު އެކަޑަމީގެ އުފެއްދުމެކެވެ. އެ ކްލަބުގެ ޔޫތު ޓީމަށް 2001-2006 އަށް ކުޅުމަށް ފަހު 2006 އިން 2008 އަށް ސީނިއާ ޓީމުގައި ހިމެނުނެވެ. އެކަމަކު އެ ދެ ސީޒަނުގައި ވެސް ލޯން އުސޫލުން ކުޅުނީ އެހެން ދެ ޓީމަކަށެވެ.
އޭނާ ވިދާލީ 2008 އިން 2016 އަށް ކަލިއާރީ އަށް ކުޅުނު ދުވަސްވަރެވެ. އެ ދުވަސްވަރު ލޯން އުސޫލުން ރޯމާ އާއި ފިއޮރެންޓީނާ އަށް ވެސް ކުޅުނެވެ. އޭނާ ދާއިމީ ކޮންޓްރެކްޓެއްގެ ދަށުން ފިއޮރެންޓީނާ އަށް ބަދަލުވީ 2016 ގަ އެވެ.
އޭނާ ވަނީ އިޓަލީ ގައުމީ ޓީމަށް 14 މެޗު ކުޅެދީފަ އެވެ. އެސްޓޯރީ އަކީ އިޓަލީން 2013 ވަނަ އަހަރުގެ ފީފާ ކޮންފެޑޭރޭޝަންސް ކަޕުގެ ތިން ވަނަ ހޯދިއިރު ޓީމުގެ މެމްބަރެކެވެ.