04 މާޗް 2018 - 14:55

މިދިޔަ އަހަރުގެ އޭލެވެލް އިމްތިހާނުން އެންމެ މޮޅު ނަތީޖާ ހޯދި ތިން ދަރިވަރުންނާ ރައީސް އަބްދުﷲ ޔާމީން މިއަދު ބައްދަލު ކުރައްވައިފި އެވެ.

ރައީސް އޮފީހުގައި ބޭއްވި މި ބައްދަލުވުމުގައި ރައީސް ޔާމީން ވަނީ މައިގަނޑު ހަތަރު ކަމަކަށް އެ ކުދިންގެ ކިބައިން އެދިވަޑައިގެންފަ އެވެ. އެއީ ބޭރު ގައުމެއްގައި ކިޔެވި ނަމަވެސް ގައުމުގެ މަތިން ހަނދާން ނައްތާނުލުމަށާއި ގައުމަށް ވަފާތެރިވެ، ރާއްޖޭގެ ނަމަށް ހުތުރުވާ ފަދަ ކަމެއް ނުކުރުމަށެވެ. އަދި ގައުމަށް ބޭނުންވާ ކަންކަމަށް މަގުފަހި ކުރެވޭނެ ގޮތްތައް ހޯދުމަށް ވެސް އެމަނިކުފާނު އެދިވަޑައިގަތެވެ.

ރައީސް ޔާމީން ބައްދަލުކުރެއްވި މި ތިން ދަރިވަރުންނަކީ، މިދިޔަ އަހަރުގެ މަތީ ސާނަވީ އިމްތިހާނުގެ ހުރިހާ މާއްދާއަކުން، އޭ ޕްލަސް ހޯދި ދަރިވަރުންނެވެ. އަދި އޭލެވެލްގެ އެންމެ މޮޅެތި ދަރިވަރުންނަށް ސަރުކާރުން ސްކޮލަޝިޕް ދޭ އުސޫލަށް ގެނައި ބަދަލުތަކާއެކު މި ސްކޮލަޝިޕް މި އަހަރު ލިބިފައި ވަނީ ވެސް މި ތިން ދަރިވަރުންނަށެވެ.
ރައީސް ޔާމީން ވަނީ ދަރިވަރުންގެ މި ކާމިޔާބީއަށް މަރުހަބާ ވިދާޅުވެ، ސްކޮލަޝިޕް ލިބުނީތީ ފަހުރުވެރިވާ ކަމަށް ވިދާޅުވެފަ އެވެ.
އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވެސް ބައިވެރިވެ ވަޑައިގެންނެވި އެ ބައްދަލުވުމުގައި ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގައި ހުރި ވަޒީފާތަކަށް ބޭނުންވަނީ ކިޔަވައިގެން ތިބި ދިވެހި ކުދިން ކަމަށާއި އެއްވަނައިގައި ހިމެނުނު އެ ތިން ދަރިވަރުން ވެސް، ކިޔެވުން ފުރިހަމަ ކުރުމަށް ސަރުކާރަށް ހިދުމަތް ކުރުމަށެވެ.
އޭލެވެލްގައި އެންމެ މަތިން މާކްސް ހޯދައިގެން، ގަދަ 10 ގައި ހިމެނުނު ދަރިވަރުންނަށް މިރޭ އިނާމު ދޭނެ އެވެ. އެނގިފައިވާ ގޮތުގައި މި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވާނީ ވެސް ރައީސް ޔާމީނެވެ.
މަތީ ސާނަވީ އިމްތިހާނުގައި އެންމެ މަތީ ނަތީޖާ ހޯދާ ދަރިވަރުންނަށް ސަރުކާރުގެ ސްކޮލަޝިޕް ދިނުމުގައި އަމަލުކުރަމުން އައި އުސޫލަށް ގެނައި ބަދަލުގެ ދަށުން، މި ސްކޮލަޝިޕް ލިބޭނީ އޭލެވެލް އަދި އެސްއެސްއީ އިމްތިހާނުގައި ހުރިހާ މާއްދާއަކުން އޭ ޕްލަސް ހޯދާ ދަރިވަރުންނަށެވެ.
ބޭރު ގައުމެއްގައި ހިލޭ ކިޔެވުމުގެ މި ފުރުސަތު، މީގެ ކުރިން ހުރިހާ މާއްދާއަކުން އޭ ލިބޭ ދަރިވަރުންނަށް ވެސް ދެ އެވެ.