ފާރިސަށް ކުރާ ޝަހްސު އޮޅުވާލުމުގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުން ކެންސަލް
ފާރިސަށް ކުރާ ޝަހްސު އޮޅުވާލުމުގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުން ކެންސަލް

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ކުރާ ޝަހްސު އޮޅުވާލުމުގެ ދައުވާގެ މިއަދު ބާއްވަން ހަމަޖެއްސި އަޑުއެހުން ކެންސަލްކޮށްފި އެވެ.

ޝަހްސު އޮޅުވާލުމުގެ ދައުވާ ފާރިސްގެ މައްޗަށް ކުރަނީ ޕީޕީއެމްގެ ދިދަ އާއި ލޯގޯ ގަވާއިދާ ޚިލާފަށް ބޭނުންކުރި ކަމަށް ބުނެ އެވެ.

އެ މައްސަލާގައި މިއަދު މެންދުރު ބާއްވަން ހަމަޖެއްސި އަޑުއެހުމަކީ ފާރިސްގެ ފަރާތުން ހުށަހަޅާފައިވާ ދިފާއީ ހެކިންގެ ތެރެއިން ހެކިބަސް ނަގާނެ ހެކިވެރިންނާ ބެހޭ ގޮތުން ދެ ފަރާތުން ވާހަކަ ދައްކަން ތާވަލްކުރި އަޑުއެހުމެކެވެ. އެ މައްސަލާގައި ފާރިސްގެ ފަރާތުން ހުށަހަޅާ ދިފާއީ ހެކިންގެ ލިސްޓު 47 އަށް އަރަ އެވެ.

ފާރިސްގެ ވަކީލުން ބުނީ އަޑުއެހުން ކެންސަލް ކުރިކަން ކޯޓުން އަންގާފައިވާ ކަމަށާއި އޭގެ ސަބަބެއް އަދި ސާފުނުވާ ކަމަށެވެ.

މިވަގުތު ޖަލުގައި ހުންނެވި ފާރިސްގެ މައްޗަށް ޝަހްސު އޮޅުވާލުމުގެ ދައުވާގެ އިތުރުން ރިޝްވަތު ދިނުމުގެ ދައުވާއެއް ވެސް ދައުލަތުން ކުރެ އެވެ. ރިޝްވަތުގެ ދައުވާ ކުރަނީ މަޖިލީހުގެ މެމްބަރަކަށް ރިޝްވަތު ދިނުމުގެ ތުހުމަތުގަ އެވެ.

ފާރިސްގެ އިތުރުން އޭނާގެ ބައްޕާފުޅު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް މިހާރު ހުންނެވީ ޖަލުގަ އެވެ. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، މައުމޫން ހައްޔަރުކުރީ ގާނޫނާ ޚިލާފަށް ސަރުކާރު ވައްޓާލަން ރޭވުމާއި ރިޝްވަތުގެ ތުހުމަތުގަ އެވެ. އެ މައްސަލާގައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދާއި އިތުރު ބޭފުޅުންތަކެއް ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.