މިސްރުގެ ރަށްތައް ސައުދީ އަށް ދެވޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމައިފި
މިސްރުގެ ރަށްތައް ސައުދީ އަށް ދެވޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމައިފި

ގާހިރާ (މާޗް 4) - ރަތް ކަނޑުގައި އޮންނަ މިސްރުގެ ދެ ރަށް ސައުދީ އަރަބިއާ އަށް ދިނުން ގާނޫނު އަސާސީއާ ޚިލާފު ނޫން ކަމަށް އެ ގައުމުގެ ސުޕްރީމް ކޯޓުން ނިންމައިފި އެވެ.

މިސްރުގެ އެންމެ މަތީ ކޯޓުގެ މި ނިންމުމާ އެކު ރަތް ކަނޑުގެ ދެ ރަށް ކަމަށްވާ ތިރާން އާއި ސަނާފީރް ސައުދީ އަށް ނުދެވޭނެ ކަމަށް އެ ގައުމުގެ ދަށު ކޯޓުތަކުން ކުރިން ނިންމި ނިންމުންތައް ވަނީ ބާތިލްވެފަ އެވެ. މިސްރާއި ސައުދީއާ ދެމެދު އޮންނަ ފަޅު ދެ ރަށް އޮންނަނީ ސިޔާސީ ގޮތުން ވެސް މުހިންމު އޭރިއާއެއްގަ އެވެ. ތިރާން އާއި ސަނާފީރް އަކީ ގަލްފު އޮފް އަގަބާގެ ފަޅު ދެ ރަށެވެ. މިއީ މިސްރާއި އިޒްރޭލް، ޖޯޑަން އަދި ސައުދީ އަރަބިއާއާ ގުޅިފައި އޮންނަ ރަތް ކަނޑުގެ މުހިންމު ހިސާބެކެވެ.

މިސްރުގެ ދެ ރަށް ސައުދީ އަށް ދޭނެކަން އިއުލާންކޮށްފައި ވަނީ ސައުދީ ރަސްގެފާން ސަލްމާން އެޕްރީލް 2016 ގައި މިސްރަށް ކުރެއްވި ދަތުރުފުޅުގަ އެވެ. އެ ދަތުރުގައި ސަލްމާން ވަނީ މިސްރަށް މަލްޓި-ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ޕެކޭޖަކާއި ލުއި ލޯނު ދެއްވާނެ ކަމަށް އިއުލާން ކުރައްވައިފަ އެވެ. މި އެއްބަސްވުމާ ގުޅިގެން މިސްރުގައި ވަރަށް ބޮޑަށް އިހްތިޖާޖް ކުރި އެވެ.

މިސްރުގެ ރަށްތައް ސައުދީ އަށް ދިނުމަށް ދެކޮޅު ހެދި ފަރާތްތަކުން ބުނަމުން ދިޔައީ އެއީ ގާނޫނު އަސާސީއާ ޚިލާފު އަދި މިސްރުގެ މިނިވަން ކަމަށް ވެސް ހުރަސް އަޅާނެ ކަމެއް ކަމަށެވެ.

މިސްރުގެ ސުޕްރީމް ކޯޓުން ނިންމާފައި ވަނީ ރަށްތަށް ސައުދީ އަރަބިއާ އަށް ދިނުން ގާނޫނު އަސާސީއާ ޚިލާފު ނޫން ކަމަށާއި ގާނޫނު ހަދާ މަޖިލިހުން ފާސްކުރުމުން އެކަން ސައްހަވާނެ ކަމަށެވެ. މިސްރުގެ ޕާލަމެންޓުން ވަނީ ރަށްތައް ސައުދީ އަށް ދިނުމަށް ޖޫން މަހު ފާސްކޮށްފަ އެވެ. އޭގެ ހަފުތާއެއް ފަހުން ރައީސް އަބްދުލް ފައްތާހު ސީސީ ވަނީ އެ ނިންމުން ތަސްދީގު ކުރައްވައިފަ އެވެ.

މިސްރު ސަރުކާރުން ބުނަމުން ދިޔައީ ތިރާން އާއި ސަނާފީރަކީ ސައުދީގެ ރަށްތަކެއް ކަމަށާއި އެ ރަށްތައް 1950 ގެ އަހަރުތަކުގައި މިސްރުން ކުއްޔަށް ހިފީ ކަމަށެވެ.

ރަށްތައް ސައުދީ އަށް ދިނުން ހުއްދަ ކަމަށް މިސްރުގެ ސުޕްރީމް ކޯޓުން ނިންމީ ސައުދީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން މިސްރަށް ވަޑައިގަތުމަށް އެއް ދުވަހަށްވެފައި ވަނިކޮށެވެ. އަދި މިސްރުގެ ރިޔާސީ އިންތިޚާބު މި މަހު ފަހުކޮޅު ބާއްވަން ތައްޔާރުވެފައި ވަނިކޮށެވެ.