ވައިޓްހައުސްގެ ބޭރުގައި މީހަކު އަމިއްލަ ގަޔަށް ބަޑިޖަހާ މަރުވެއްޖެ
ވައިޓްހައުސްގެ ބޭރުގައި މީހަކު އަމިއްލަ ގަޔަށް ބަޑިޖަހާ މަރުވެއްޖެ

ވޮޝިންޓަން (މާޗް 4) - ވައިޓް ހައުސްގެ ބޭރުގައި މީހަކު އަމިއްލަ ގަޔަށް ބަޑިޖަހައިގެން މަރުވެފައިވާ ކަމަށް ސީކްރެޓް ސާވިސް އިން ބުނެފި އެވެ.

ޕެންސިލްވޭނިއާ އެވެނިއުގެ ފެންސާ އެ މީހާ ކައިރިވެފައި ވަނީ އިއްޔެ މެންދުރު ފަހު ކަމަށާއި އޭގެ ފަހުން ބަޑި ނަގާ އަމިއްލަ ގަޔަށް ޖެހީ ކަމަށް ސީކްރެޓް ސާވިސް އިން ބުނެފައިވެ އެވެ. ބައިވަރު ވަޒަންތައް ޖެހި ނަމަވެސް އިތުރު މީހަކު ޒަޚަމްވެފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.

މި ހާދިސާ ހިންގި އިރު ރައީސް ޑޮނަލްޑް ޓްރަމްޕާއި އަނބިކަނބަލުން މެލަނިއާ ވައިޓް ހައުސްގައި ވަޑައިގެން ނޫޅުއްވަ އެވެ. އޭރު ޓްރަމްޕް އުޅުއްވީ ފްލޮރިޑާގެ މާ ލާގޯ ގައި ހަފުތާ ބަންދުގެ ޗުއްޓީގަ އެވެ. ވައިޓް ހައުސް އަށް ޓްރަމްޕް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައި އޮތީ އިއްޔެ ހަވީރު އެވެ.

ބައެއް ވީޑިއޯތަކުން ފެންނަ ގޮތުގައި އެ މީހާ ބަޑިޖަހަން ފެށުމާ އެކު މީހުން ވަނީ އެކި ހިސާބުތަކަށް ދުވަން ފަށައިފަ އެވެ. އެ މީހާ ބަޑިޖެހީ ބައިވަރު މީހުންގެ ތެރޭގައި ހުރެފަ އެވެ. ބަޑިޖަހާ މަރުވި މީހާގެ ނަން ހާމަކޮށްފައެއް ނުވެ އެވެ.

ވައިޓް ހައުސް ބޭރުގައި ދާދި ފަހުން ވަނީ ސެކިއުރިޓީ އަށް ނުރައްކާވާ ބައެއް ހާދިސާތައް ހިނގައިފަ އެވެ. މިދިޔަ މަހު 23 ވަނަ ދުވަހު 35 އަހަރުގެ އަންހެނަކު ވަނީ ކާރެއްގައި ދުއްވާފައި ގޮސް ވައިޓް ހައުސްގެ ފެންސްގައި ޖައްސައިފަ އެވެ. މިދިޔަ އަހަރުގެ މާޗު މަހު ވަނީ ފެންސް މަތިން މީހަކު ފުންމާލުމަށް ފަހު 16 މިނިޓް ވަންދެން ވައިޓް ހައުސް ގްރައުންޑްގައި ހޭދަކޮށްފަ އެވެ.