ޗައިނާގެ ރައީސްގެ ވެރިކަމުގެ ދައުރު އިތުރު ކުރަން ޓްރަމްޕް ތާއީދު
ޗައިނާގެ ރައީސްގެ ވެރިކަމުގެ ދައުރު އިތުރު ކުރަން ޓްރަމްޕް ތާއީދު

ވޮޝިންޓަން (މާޗް 4) - ޗއިނާގެ ރައީސް ޝީ ޖިންޕިންގެ ރިޔާސީ ދައުރު ފަސް އަހަރުގެ ދެ ދައުރަށް ވުރެ އިތުރު ކުރަން ކޮމިއުނިސްޓް ޕާޓީން ކުރަމުންދާ މަސައްކަތަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ތާއީދުކުރައްވާ ވާހަކަ ދައްކަވާފައިވާ އޯޑިއޯއެއް ލީކްވެއްޖެ އެވެ.

"ޗައިނާގެ ރައީސް އެއީ ދެން އުމުރަށް ރައީސް. އެއީ މޮޅު ކަމެއް،" ސީއެންއެން އިން އާއްމުކުރި އޯޑިއޯގައި ޓްރަމްޕް ވިދާޅުވެފައިވެ އެވެ.

ޓްރަމްޕް މި މޭރުމުން ވާހަކަ ދައްކަވާފައި ވަނީ ނޫސްވެރިން ނުވައްދާ ފްލޮރިޑާގައި ބޭއްވި ފަންޑް ރެއިޒިން ބައްދަލުވުމެއްގަ އެވެ.

ޓްރަމްޕުގެ ވާހަކަތަކާ ގުޅިގެން ވައިޓް ހައުސް އިން ކޮމެންޓް ކޮށްފައެއް ނުވެ އެވެ.

ޓްރަމްޕް އެހެން ވިދާޅުވެފައިވާތީ އެމެރިކާގެ ބައެއް ސިޔާސީ ފަރާތްތަކުން ދަނީ ހިތްހަމަނުޖެހުން ފާޅު ކުރަމުންނެވެ. ޑިމޮކްރެޓިކް މެންބަރަކު ވިދާޅުވީ މިއީ އެމެރިކާގެ ރައީސަކު ވިދާޅުވި އެމެރިކާގެ އުސޫލްތަކާ އެންމެ ޚިލާފު ވާހަކަ ކަމަށެވެ.

ފްރޭންކްލިން ރޫޒްވެލްޓުގެ ހަތަރު ދައުރަށް ފަހު އެމެރިކާގެ ގާނޫނު އަސާސީ އަށް ގެނައި ބަދަލާ ގުޅިގެން އެމެރިކާގައި އެކަކަށް ވެރިކަން ކުރެއްވޭނީ ހަތަރު އަހަރުގެ ދެ ދައުރަށެވެ.

ކޮމިއުނިސްޓް ޕަޓީން ހުށަހަޅާފައި ވަނީ ޗައިނާގެ ރައީސް ޝީ ޖިންޕިން އަށް ގިނަ ދުވަހު ވެރިކަމުގައި ހުރެވޭ ގޮތަށް، ގާނޫނު އަސާސީގައި މިހާރު އޮންނަ ވެރިކަމުގެ ފަސް އަހަރުގެ ދެ ދައުރުގެ ލިމިޓުގެ މާއްދާ އުވާލާށެވެ. ރައީސް ޝީ ޖިންޕިންގެ ރިޔާސީ ދައުރު 2023 ގައި ހަމަވާނެ އެވެ. ނަމަވެސް ވެރިކަމުގެ ދެ ދައުރަށް ފަހު އިތުރަށް ރައީސްކަމުގައި ހުންނެވުމަށް ޝީ ޖިންޕިން މަސައްކަތް ކުރައްވާ ކަމަށް އަޑުތައް ވަނީ ފެތުރިފަ އެވެ.

އުމުރުފުޅުން 64 އަހަރުގެ ޝީ ޖިންޕިން ޗައިނާގެ ރައީސް ކަމަށް ވަޑައިގެންނެވީ މާޗް، 2013 ގަ އެވެ.