ޓީވީ ބަތަލާ ޕޫޖާ ގޯރް، ރަންވީރް ސިންގްގެ "ގުލީ ބޯއި" ގައި
ޓީވީ ބަތަލާ ޕޫޖާ ގޯރް، ރަންވީރް ސިންގްގެ "ގުލީ ބޯއި" ގައި

އިންޑިއާގެ ގިނަ ޓީވީ ތަރިން މި ފަހަކަށް އައިސް ބޮލީވުޑަށް ވެސް ތައާރަފުވަމުން އަންނަ އިރު، މި ލިސްޓަށް މި ފަހަރު އިތުރުވީ ބަތަލާ ޕޫޖާ ގޯރް އެވެ. އޭނާއަކީ އަކީ ސްޓާ ޕްލަސް އިން 2009-2012 އަށް ދެއްކި މަޝްހޫރު ޓީވީ ސިލްސިލާ "މަންކީ އާވާޒް: ޕްރަތުގިޔާ" ގައި ލީޑް ރޯލް ކުޅުނު ހުނަރުވެރި ބަތަލާ އެވެ.

އެ ސިލްސިލާގައި ވަރަށް ވަރުގަދަ ސީރިއަސް ކެރެކްޓާއެއް ކުޅުމަށް ފަހު، 26 އަހަރުގެ ބަތަލާ ވަނީ ކަޕިލް ޝަރްމާގެ ކޮމެޑީ ޝޯގައި ވެސް މަސައްކަތްކޮށްފަ އެވެ.

ބޮލީވުޑަކީ ޓީވީ ތަރިންގެ ވަރަށް ބޮޑު ހުވަފެނެކެވެ. ޕޫޖާގެ އެ ހުވަފެން މިހާރު ވަނީ ހަގީގަތަކަށްވެފައޭ ބުނެވިދާނެ އެވެ. އޭނާގެ ފުރަތަމަ ފިލްމަކީ ޒޯޔާ އަހްތަރު ޑައިރެކްޓް ކުރާ "ގުލީ ބޯއި" އެވެ. މި ފިލްމްގެ ލީޑް ރޯލުން ރަންވީރް ސިންގްއާ އެކު، އާލިއާ ބަޓާއި ކަލްކީ ކޮޗްލިން ވެސް ފެނިގެންދާ އިރު، ޕޫޖާ ކުޅެނީ ކޮން ކަހަލަ ރޯލެއް ކަމެއް އަދި ނޭނގެ އެވެ.

އޭނާ ވަނީ ރަންވީރާ އެކު ފިލްމްގެ ސެޓްގައި ނަގާފައިވާ ފޮޓޯއެއް، އިސްޓަގްރާމްގައި ހިއްސާކޮށްފަ އެވެ. ނަމަވެސް ޕޫޖާ "ގުލީ ބޯއި" ގެ ކާސްޓަށް ގެނައިކަން ޒޯޔާ އާއި އޭނާގެ ޓީމުން އަދި ކަށަވަރެއް ނުކޮށްދެ އެވެ.

ނަމަވެސް ޕޫޖާގެ މި ފޮޓޯއަކީ އޭނާ "ގުލީ ބޯއި" އިން ފެންނާނެކަން އަންގައި ދިނުމުގެ ގޮތުން ފޭނުންނާ ހިއްސާކޮށްލި ފޮޓޯއެކެވެ.

އިންޑިއާގެ މަގުމަތިން އުފަންވާ ކުޅަދާނަ ރެޕުންގެ ވާހަކަ ކިޔައިދޭ "ގްލީ ބޯއި" ސިނަމާތަކަށް އަންނާނީ އަންނަ އަހަރުގެ ވެލެންޓައިންސް ޑޭގަ އެވެ. އެއީ ފެބްރުއަރީ 14 އެވެ.