"ފޮށްޓެއްގައި" ދަރިން ގެންގުޅު ދެމަފިރިއަކަށް ދައުވާކޮށްފި
"ފޮށްޓެއްގައި" ދަރިން ގެންގުޅު ދެމަފިރިއަކަށް ދައުވާކޮށްފި

ފޮއްޓެއް ގޮތަށް ހުރި ކުޑަކުޑަ ތަންކޮޅެއްގައި ހަތަރު އަހަރު ވަންދެން ތިން ދަރިން ގެންގުޅުނު އެމެރިކާގެ ދުވަސްވީ ދެމަފިރިއެއްގެ މައްޗަށް ދައުވާކޮށްފި އެވެ.

"ފޮށްޓެއްގައި" ދަރިން ގެންގުޅު ދެމަފިރިއަކަށް ދައުވާކޮށްފި
"ފޮށްޓެއްގައި" ދަރިން ގެންގުޅު ދެމަފިރިއަކަށް ދައުވާކޮށްފި

ޑެނިއަލް ޕަނީޝޯ، 73، އާއި އަންހެނުން މޯނާ ކާކް، 51، ކެލިފޯނިއާގެ ފުލުހުން ބުރާސްފަތި ދުވަހު ހައްޔަރުކުރީ އެ ސިޓީގެ ސަހަރާގައި ކުރިއަށް ގެންދިޔަ ރޫޓިން ޗެކްގައި، އާއިލާ ދިިރިއުޅެމުން ދިޔަ ތަނުގައި ހުރި ކުނިބުނީގެ ތެރޭގައި ހުރި "ފޮށްޓެއްގައި" ތިން ދަރިން ގެންގުޅެމުންދާކަން އެނގިގެންނެވެ. އެއީ އުމުރުން 14، 13 އަދި 11 އަހަރުގެ ކުދިންނެވެ.

"ފޮށްޓެއްގައި" ދަރިން ގެންގުޅު ދެމަފިރިއަކަށް ދައުވާކޮށްފި
"ފޮށްޓެއްގައި" ދަރިން ގެންގުޅު ދެމަފިރިއަކަށް ދައުވާކޮށްފި

އެ ދެ މީހުން ހައްޔަރުކޮށް ކޯޓަށް ގެންދިއުމުން ވަނީ ވަކީލުން ހޯދޭނެ ތަނަވަސްކަން ނެތުމުން އެކަން ހަމަޖައްސައި ދޭން ވެސް އެދިފަ އެވެ. ކޯޓުން އެ ފުރުސަތު ދީފައިވާ އިރު، ދެ މީހުންގެ ވަކީލުން ވެސް ވަނީ އެ މީހުންގެ ދިފާއުގެ ލިޔުންތައް ކޯޓަށް މިހާރު ހުށަހަޅައިފަ އެވެ. އަދި ދެ މީހުންނާ ދެކޮޅަށް ފުލުހުން ހުށަހެޅި މައްސަލާގައި އިތުރަށް ގޮތެއް ނިންމަން އަންގާރަ ދުވަހު ކޯޓަށް އަލުން ހާޒިރު ވާން ޖެހެ އެވެ.

ފުލުހުން ބުނީ ޑެނިއަލް އާއި މޮނިކާގެ އަމަލަކީ ކުޑަކުދިންގެ ހައްގަށް އުނިކަން ލިބޭ ފަދަ ކަމެއް ކަމަށާއި އެ މީހުންނަށް އަދަބު ލިބެން ޖެހޭ ކަމެއް ކަމަށެވެ.

އޭބީސީ-7 އިން ފުލުހުންނާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި ތިން ކުދިން ދިރިއުޅެމުން ދިޔަ "ފޮށްޓަކީ" ޕްލައިވުޑުން ހުރި، އުސްމިނުގައި ހަތަރު ފޫޓް އަދި ފުޅާ މިނުގައި 10 ފޫޓް ހުރި ފޮށްޓެކެވެ. އޭގެ މަތި ހިޔާކޮށްފައި ހުރި އިރު، ކަރަންޓާއި ފެން ލިބޭނެ ގޮތެއް ނެތެވެ.

ތިން ކުދިން މިހާރު ވަނީ ކެލިފޯނިއާގެ ޗިލްރެން އެންޑް ފެމިލީ ސާވިސްއާ ހަވާލުކޮށްފަ އެވެ. ނަމަވެސް ކުންދިންނާ ބައްދަލުކުރުމުގެ ފުރަސަތު މި ވަގުތު މައިންބަފައިންނަށް ނުދޭން ވަނީ ނިންމައިފަ އެވެ.

މިކަމާ ބެހޭ ގޮތުން ޑެނިއަލް ބުނީ އެ މީހުން ހައްޔަަރުކުރުމުން ކަންބޮޑުވާ ކަމަށާއި އެ މީހުން ދަރިންނަށް އެއްވެސް ގެއްލުމެއް ނުދޭ ކަމަށެވެ. އަދި "ފޮށްޓެއްގެ" ތެރޭގައި ދަރިން އުޅުނީ އެ މީހުންގެ ނިކަމެތި ހާލާ ހެދި ކަމަށް ބުންޏެވެ. އެ މީހުން ކުށްވެރި ނުވާ ކަމަށް ކޯޓުން ނިންމީ މިކަމަށް ރިއާޔަތްކޮށްފަ އެވެ.

މި މައްސަލާގައި ޑެނިއަލް އާއި މޯނާ ދަންނަ ބައެއް މީހުންނާ ހަވާލާދީ ސީބީއެސް އިން ބުނެފައި ވަނީ ތިން ދަރިންނާއި ދެމަފިރިން "ގޮނޑެއްގައި" އުޅުނީ ބޯހިޔާވަހި ކަމެއް ނެތުމުން ކަމަށެވެ. އަދި އެ މީހުން ކުރިން ބިމެއް ގަނެފައި އޮތަސް، އެތަނުގައި ގެއެއް އިމާރާތް ކުރެވޭނެ ތަނަވަސް ނެތް ކަމަށް ބުންޏެވެ.

"އެ މީހުން އެ އުޅޭ ހާލުގައި ދިރިއުޅޭ އެހެން އާއިލާތައް ވެސް ކެލިފޯނިއާގެ މި ސަރަހައްދުގައި އެބަތިބި. އެކަމަކު އެ މީހުން ހައްޔަރެއް ނުކުރޭ" ޑެނިއަލްގެ އަވަށްޓެރިއެއް ކަމަށްވާ މައިކް ރެނޮލްޑްސް ބުންޏެވެ. "މިއީ ވަރަށް ދެރަ ކަމެއް. އެ މީހުން ހައްޔަރުކޮށް އަބަދު ދޭން އުޅުމަށް ވުރެ، މި ވަގުތު މުހިއްމީ އެ މީހުންނަށް ޖެހިފައިވާ ނިކަމެތި ހާލުން އަރައި ގަތުމަށް އެހީތެރިކަމެއް ފޯރުކޮށް ދިނުން."