04 މާޗް 2018 - 11:52

އަންނަ ބުދަ ދުވަހު ޖަރުމަނުގެ ބާލިންގައި ފަށާ ޓޫރިޒަމް ފެއާއަށް ދާން އުޅުނު ބައެއް ދިވެހިންނަށް ވިސާ ނުދީ ފޮނުވާލައިފި އެވެ.
ޖަރުމަނަށް ދާން ވިސާ ހޯދަން ސްރީ ލަންކާއަށް ދިޔަ ޓޫރިޒަމް އިންޑަސްޓްރީގެ މީހަކު ބުނީ ވިސާ ނުދިން ސަބަބެއް ކަމަށް ބުނެފައި ވަނީ އެނބުރި ރާއްޖެ އަންނާނެ ކަމުގެ ޔަގީންކަން ނެތުމުން ކަމަށެވެ.
"ރާއްޖޭގެ ސިޔާސީ މަސްރަހު އޮތް ގޮތުން ޖަރުމަނުން ދިވެހިންނަށް ވިސާ މިވަގުތު ދޭން ބޭނުން ނުވަނީހެން ހީވަނީ. ކުއްލި ހާލަތު އިއުލާންކުރުމުގެ ކުރިން ލަންކާއިން ބައެއް ދިވެހިންނަށް ވިސާ ދީފައި އެބަހުރި. ނަމަވެސް މި ފަހުން ވަރަށް ގިނަ ބައެއް އެޕްލިކޭޝަން ރިޖެކްޓްކޮށްފި،" އޭނާ ބުންޏެވެ.
ޖަރުމަނުގައި ބާއްވާ އެންމެ ބޮޑު ޓޫރިޒަމް ފެއާގައި ބައިވެރިވާ ދިވެހިންނަށް މާލޭގައި ވިސާ ދޭން މިދިޔަ މަހު ހަމަޖެއްސި އެވެ. އެކަމަކު ކުއްލި ހާލަތު އިއުލާންކުރުމުން ޖަރުމަނުގެ ވަފުދުގެ ދަތުރު ކެންސަލްކުރީ އެވެ.
ޓޫރިޒަމް އިންޑަސްޓްރީގެ އިސް ބޭފުޅަކު ވިދާޅުވީ އައިޓީބީއަށް ދާން އުޅުނު ދިވެހިންނަށް ވިސާ ނުދިނުމަކީ ލިބިވަޑައިގެންނެވި ހައިރާން ކަމެއް ކަމަށެވެ.
"އައިޓީބީއަކީ ޖަރުމަނުން ވަރަށް ބޮޑު އިސްކަމެއްދީގެން ކުރިޔަށް ގެންދާ ފެއާއެއް. ވަރަށް ބޮޑު ސަބަބެއް އޮވެގެން ނޫނީ ވިސާ ނުދީ ނުހިފަހައްޓާނެ. ތިއީ ވަރަށް ކަންބޮޑުވާން ޖެހޭ މައްސަލައެއް،" އޭނާ ވިދާޅުވި އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި ވިސާ ހޯދަން ހުށަހެޅި މީހުންގެ ތެރެއިން ވިސާ ލިބުނީ ކުއްލި ހާލަތު އިއުލާންކުރުމުގެ ކުރިން ހުށަހެޅި ފަރާތްތަކަށެވެ. އެކަމަކު އޭގެ ފަހުން ވެސް ބައެއް މީހުންނަށް ޖަރުމަނުގެ ވިސާ ލިބުނު ކަމަށް އެނގިފައިވެ އެވެ.
ސުޕްރީމް ކޯޓުން ފެބްރުއަރީ 1 ގައި ކުރި އަމުރަށް ފަހު ރާއްޖޭގެ ސިޔާސާ މަސްރަހު ވަރަށް ބޮޑަށް ހަލަބޮލިވެ، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމުން ޖަރުމަނާއި އީޔޫގެ އެހެން ބައެއް ގައުމުތަކުން ވަނީ ހައްޔަރުކުރި ސިޔާސީ މީހުން ދޫކޮށްލައި، ކުއްލި ހާލަތު އުވާލަން ގޮވާލައިފަ އެވެ. އަދި ސަރުކާރުން ބައެއް ކަންކަން ނުކޮށްފި ނަމަ ވަކިވަކި ފަރުދުންނާ މެދު ދަތިކުރުމުގެ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު އީޔޫން ވަނީ ދީފަ އެވެ.