04 މާޗް 2018 - 10:51

ޓްރޮޔެސް (މާޗް 4) – ފްރާންސް ލީގުގައި ރޭ ޓްރޮޔެސް އަތުން 2-0 އިން ޕީއެސްޖީ މޮޅުވި މެޗުގައި ލައިބީރިއާގެ ރައީސް އަދި ކުރީގެ މަޝްހޫރު ފޯވާޑް ޖޯޖް ވެއާގެ ދަރިފުޅު ޓިމޮތީ ވެއާ ސީނިއާ ކެރިއަރު ފަށައިފި އެވެ.
މޮނާކޯ، ޕީއެސްޖީ އަދި އޭސީ މިލާނުގެ ކުރީގެ ފޯވާޑް ވެޔާގެ ދަރިފުޅު އުމުރުން 18 އަހަރުގެ ޓިމޮތީ ކުޅެން އެރީ 79 ވަނަ މިނެޓުގަ އެވެ. އެމެރިކާ އަށް އުފަން ޓިމޮތީ ވަނީ އެމެރިކާގެ 17 އަހަރުން ދަށުގެ ޓީމަށް ވެސް ކުޅެފަ އެވެ. އޭނާގެ ބައްޕަ ވެޔާ، ލައިބީރިއާގެ ރައީސްކަމާ ހަވާލުވެވަޑައިގަތީ ޖެނުއަރީ މަހު އެވެ.
އަނިޔާވެފައިވާ ނޭމާ އަދި މުހިއްމު ބައެއް ކުޅުންތެރިން ކަމަށްވާ އެޑިންސަން ކަވާނީ އާއި ކީލިއަން އެމްބާޕޭ އަދި މާކޯ ވެރާޓީ ނުލާ ކުޅުނު ޕީއެސްޖީ އަށް މި މެޗުގައި ގޯލް ޖަހައިދިނީ އެންހެލް ޑި މަރިއާ އާއި ކްރިސްޓަފާ ކުންކޫ އެވެ.
މި މޮޅާ އެކު ޕީއެސްޖީ އެއް ވަނައިގައި އޮތީ 74 ޕޮއިންޓާ އެކު އެވެ. އެންމެ ކައިރީގައި އޮތީ 60 ޕޮއިންޓާ އެކު މޮނާކޯ އެވެ. އެ ޓީމު ވަނީ ރޭ ބޯޑޯ އަތުން 2-1 އިން މޮޅުވެފަ އެވެ.
ޕީއެސްޖީ އަށް ދެން އޮތީ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ދެ ވަނަ ލެގުގައި އަންގާރަ ދުވަހުގެރޭ ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅޭ މެޗެވެ. ފުރަތަމަ ލެގުން 3-1 އިން މެޑްރިޑް ވަނީ މޮޅުވެފަ އެވެ.