ނަޕޯލީ ބަލިވެ ޔުވެންޓަސް އަށް ހިތްހަމަޖެހުން
ނަޕޯލީ ބަލިވެ ޔުވެންޓަސް އަށް ހިތްހަމަޖެހުން

ނޭޕްލްސް (މާޗް 4) – އިޓާލިއަން ލީގުގެ ޗެމްޕިއަންކަމަށް އެންމެ ބޮޑަށް ވާދަކުރާ އެއް ޓީމު ކަމަށްވާ ނަޕޯލީ ރޭ ރޯމާ އަތުން 4-2 އިން ބަލިވުމާ އެކު ޔުވެންޓަސް ބޮޑު އުފަލެއް ލިބިއްޖެ އެވެ.

އެއް ވަނައިގައި 69 ޕޮއިންޓާ އެކު މި ވަގުތު ނަޕޯލީ އޮތްނަމަވެސް ރޭގެ ނަތީޖާއާ އެކު ދެ ވަނައިގައި 68 ޕޮއިންޓާ އެކު ޔުވެންޓަސް އަށް ވަނީ އެއް ވަނައިގައި ދެ ޕޮއިންޓުގެ ލީޑެއް ނަގަން ފުރުސަތު ލިބިފަ އެވެ. އެއީ އެ ޓީމަށް އިތުރު މެޗެއް އޮތުމުންނެވެ. ރޭ ކުޅުނު މެޗުން ޔުވެންޓަސް ވަނީ ޕައޮލޯ ޑީބަލާގެ ގޯލުން ލާޒިއޯ އަތުން ފަހު ވަގުތު 1-0 އިން މޮޅުވެފަ އެވެ.

ނަޕޯލީ 10 މެޗަށް ފަހު ލީގުގައި ބަލިވެ މާޔޫސްކަމާ ކުރިމަތިވިއިރު އެ ޓީމަށް މި ވަގުތު އޮތީ ވެސް ލީގު އެކަންޏެވެ. ޗެމްޕިއަންސް ލީގާއި، ޔުރޮޕާ ލީގު އަދި އިޓާލިއަން ކަޕުން ވެސް އެ ޓީމު ވަނީ ކަޓައިފަ އެވެ.

ރޭގެ މެޗުގެ ހަ ވަނަ މިނެޓުގައި ލޮރެންޒޯ އިންސީނޭގެ ލަނޑުން ނަޕޯލީން ލީޑު ނަގާފައިވަނިކޮށް އޭގެ މިނެޓެއް ފަހުން ރޯމާ އަށް އެއްވަރުކޮށްދިނީ ސެންގިޒް އުންޑާ އެވެ. އަދި 26 ވަނަ މިނެޓުގައި އެޑިން ޖެކޯ ލީޑު ނަގައިދިން އިރު ތިން ވަނަ ގޯލް ޖެހީ ވެސް އޭނާ އެވެ. ފަހު ގޯލް ކާމިޔާބުކުރީ ޑިއެގޯ ޕެރޮއްޓީ އެވެ. ނަޕޯލީގެ ފަހު ލަނޑު 90 ވަނަ މިނެޓުގައި ޖެހީ ޑްރިއެސް މާޓިންސް އެވެ.

ރޭގެ މޮޅާ އެކު ރޯމާ ވަނީ 53 ޕޮއިންޓާ އެކު ތިން ވަނަ އަށް އަރައިފަ އެވެ. ލާޒިއޯ އޮތީ ހަތަރު ވަނައިގައި 52 ޕޮއިންޓާ އެކު އެވެ. ފަސް ވަނައިގައި 51 ޕޮއިންޓާ އެކު އޮތް އިންޓަ މިލާން މިރޭ ވާދަވެރި އޭސީ މިލާން އަތުން މޮޅުވެއްޖެ ނަމަ ތިން ވަނަ އަށް އަރާނެ އެވެ.